ޕާކިސްތާން އެމްބަސީން މ. މުލަކު ސްކޫލަށް ޒަމާނީ ކޮމްޕިއުޓަރ ސެންޓަރެއް ހަދިޔާ ކޮށްފިއެވެ. "ޤައިދޭ ޢަޒަމް މުޙައްމަދު އަލީ ޖިނާޙް ކޮމްޕިއުޓަރ ސެންޓަރ" ގެ ނަމުގައި ގާއިމް ކުރި މި ކޮމްޕިއުޓަރ ލެބް ހުޅުވައި ދެއްވީ އާދީތައް ދުވަހު އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަނަރު ރިޓަޔާޑް ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒު އަލް ޖިލާނީއެވެ.

އޭނާ ވިދާޅުވީ މި ކޮމްޕިއުޓަރ ސެންޓަރަކީ ޕާކިސްތާނުގެ ރައްޔިތުން ދިވެހި ރައްޔިތުންނަށް ދިން ހަދިޔާއެއް ކަމަށެވެ. އަދި ވިދާޅުވީ ތަޢުލީމީ ދާއިރާގައި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީސް (އައިސީޓީ)އާ ފިލާވަޅުތަކާ ގުޅާލުމުން ދަރިވަރުން މަސައްކަތުގައި ހަރަކާތްތެރިވެ އުޅެން ފަސޭހަވާ ކަމަށެވެ.

މިއީ އެ ސްކޫލުގެ ޕީޓީއޭއާއި ރަށު ކައުންސިލާ ގުޅިގެން ހުށަހެޅި ޕްރޮޕޯސަލަށް ބަލައި، ޕާކިސްތާނު އެމްބަސީން ދިން 15 ކުދިންގެ ޖާގައިގެ ޒަމާނީ ކޮމްޕިއުޓަރު ސެންޓަރެކެވެ.
މުލަކު ސްކޫލުގެ ޕްރިންސިޕަލް ތޯހާ މުޙައްމަދު ދަރިވަރު ނޫހަށް ވިދާޅުވީ ކޮމްޕިއުޓަރ ސެންޓަރާއެކު ޑިޖިޓަލް ސްކޫލް ޕްރޮޖެކްޓްގެ ބޮޑުބައި ނިންމާލެވުނީ ކަމަށެވެ. ދިރާސީ އާ އަހަރު އެ ސްކޫލުން ފެށީ ދަރިވަރުން ކިޔަވަމުންދާ 17 ކުލާސްރޫމުގައި 55 އިންޗީގެ ޓީވީ ހަރުކުރުމަށްފަހުއެވެ. ލައިބްރަރީއާއި މީޓިންގ ހޯލުހައި 75 އިންޗީގެ ޓީވި ހަރުކުރީ ފެނަކައާއި ރަށު ކައުންސިލުގެ އެހީތެރިކަމާއެކުގައެވެ.
ކޮމްޕިއުޓަރ ލެބެއް އެ ސްކޫލުގައި ހުޅުވީ 2008 ވަނަ އަހަރުއެވެ.
" ޑިޖިޓަލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން ކުލާސްރޫމް ތަކުގައި ޓީވީ ހަރުކޮށް، އެންމެ ފަހުން ޒަމާނީ ކޮމްޕިއުޓަރ ސެންޓަރެއް ވެސް ލިބިގެން މިދިޔައީ. މިއީ ދަރިވަރުންގެ އުނެގެނުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް" ތޯހާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 330 ދަރިވަރުން މިހާރު ކިޔަވަމުންދާ މުލަކު ސްކޫލުގައި އެ ސެންޓަރުގެ ބޭނުން ހިފަންޖެހޭ ދަރުވަރުން ވަރަށް ގިނަ ކަމަށެވެ. ކޮމްޕިއުޓަރ ސްޓަޑީސް ކިޔަވާ ދަރިވަރުންނާއި ބީޓެކާއި އައިޓީއާއި އާރޓް އެންޑް ޑިޒައިނިންގ އިތުރުން ހޮސްޕިޓާލިޓީ ކިޔަވާ ދަރިވަރުން ވެސް އެ ސެންޓަރުގެ ބޭނުން ކުރާނެ ކަމަށް ތޯހާ ވިދާޅުވިއެވެ.
" ހުރިހާ ކުދިންނަށް އައިޓީގެ ބޭސިކް ބައި ވެސް ކިޔަވައި އެބަދެން" ތޯހާ ވިދާޅުވިއެވެ.
ތޯހާ ވިދާޅުވީ މުލަކު ސްކޫލަކީ ނަމޫނާ ބެލެނިވެރިންތަކެއް ހިމެނޭ ސްކޫލެއް ކަމަށާއި އެ ސްކޫލުގައި ބޭނުން ކުރަމުންދާ މަލްޓިޕާޕަސް ހޯލަކީ ބެލެނިވެރިންގެ ބުރަ މަސައްކަތް ކަމަށެވެ.
ކިޔެވުމުގައި ހޯދަމުންދާ ނަތީޖާއިން ވެސް މުލަކު ސްކޫލުން އަންނަނީ ނަމޫނާ ދައްކަމުންނެވެ.
advertisment
ހިޔާލު