-
ދަރިވަރުންގެ ހުނަރު ތަރައްޤީ ކުރުމަށް އެ ސްކޫލުން ތަރައްޤީކުރީ ހޯމްސައިންސާއި ފެހުމާއި، ގޭމާއި ފަންނުވެރިކަމަށް ޚާއްޞަ ލެބްތަކެއް
އިއްޒުއްދީން ސްކޫލްގެ ދަރިވަރުންނަށް ކިޔަވައި ދިނުމުގެ ތެރެއިން ހުނަރު ދަސްކޮށްދޭން އެ ސްކޫލުގައި ހަތަރު ލެބެއް މިއަދު ހުޅުވައިފިއެވެ. މި ލެބްތައް ހުޅުވައިދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ.
ގުރޭޑް އަށަކާ ހަމައަށް މިހާރު ކިޔަވައި ދެމުން ގެންދާ އިއްޒުއްދީން ސްކޫލްގައި ގާއިމްކުރީ ގޭތެރޭގެ މަސައްކަތްތައް ދަސްކޮށްދިނުމަށް ހޯމް ސައިންސް ލެބަކާއި ފެހުމަށް ޚާއްޞަ ލެބަކާއި އިންޑޯ ގޭމްސްތަކަށް ޚާއްޞަ ގޭމްސް ލެބެއްގެ އިތުރުން ފަންނުވެރި މަސްކަތްތަކަށް ޚާއްޞަ އާރޓް އެންޑް ކްރާފްޓްސް ލެބެކެވެ.
އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާދިރާ ހަސަން ވިދާޅުވީ، ތިން މަސްދުވަހުގެ މަސައްކަތުން ލެބްތައް ހަދައި ނިންމައި ދަރިވަރުންނަށް ބޭނުންކުރެވޭ ފަންވަރަށް ގެނަވުނީ ގިނަ ފަރާތްތަކެއްގެ މަސައްކަތުން ކަމަށެވެ. ޚާއްޞަ ގޮތެއްގައި އޭނާ ފާހަގަކުރެއްވީ އެ ސްކޫލްގެ ބެލެނިވެރިންނާއި ޕީޓީއޭގައި ޓީޗަރުންނެވެ.
އެނާ ވިދާޅުވީ އެ ސްކޫލުން މަސައްކަތް ކުރަނީ ވަށައިޖެހޭ ތައުލީމުގެ މަންފާ އޭގެ އެންމެ މަތީ އަރުތައަށް ވާޞިލްކޮށްދިނުމަށެވެ.
" އިއްޒުއްދީން ސްކޫލްގެ ދަރިވަރުން ސްކޫލުގައި ވަރަށް ގިނަ ވަގުތު ހޭދަކުރޭ. އެ ހޭދަކުރާ ވަގުތުގައި، ޓައިމްޓޭބަލުގައި ހިމެނިގެން ހުނަރުތައް ދަސްކޮށްދިނުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި މި ފެށުނީ" ދަރިވަރު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ނާދިރާ ވިދާޅުވިއެވެ.
" މިއީ ވަކި ދަރިވަރުން ތަކަކަށް ޚާއްޞަ ލެބްތަކެއް ނޫން. އިއްޒުންދީނުގެ ކޮންމެ ދަރިވަރަކީ މި ލެބުގެ ބޭނުން އެންމެ ފުޅާދާއިރާއެއްގައި ހިފާނެ ދަރިވަރެއް"
މާލޭގައި އެއް ދަންފަޅިއަށް ކިޔަވައިދޭ ހަމައެކަނި ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ ލެބްތަކުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ލެބްތަކުގައި އެކިއެކި ހުނަރުތައް ކިޔަވައިދެއްވާ ޓީޗަރުންނަށް، ފަންނުވެރިކަމުގެ ތަމްރީން ފޯރުކޮށްދީ، ޓީޗަރުންނަކީ އެ ހުނަރުތަކަށް ޤާބިލްބަޔަކަށް ހެދުމަށް ވެސް ޕްލޭންތަކެއް ރާވާފައިވާ ކަމަށެވެ.
އިއްޒުއްދީނުގައި ހުޅުވި ލެބްތަކާއި އެ ލެބްތަކުގައި ކުރިއަށް ގެންދާނެ ހަރަކާތްތައް:

ހޯމް ސައިންސް ލެބް – ޑެއިންޓީ ހޯމް
ހޯމް ސައިންސް ލެބް ތަރައްޤީކުރެވިފައި ވަނީ، ޤައުމީ މަންހަޖުގެ އެއް ކީކޮމްޕިޓެންސީކަމުގައިވާ، ދިރިއުޅުމަށް ތައްޔާރުކުރެވިފައިވާ ދަރިވަރެއް ބިނާކުރުމަށް ގެވެހި މަސައްކަތްތައް ދަސްކޮށްދިނުމަށެވެ. މި ލެބުން ދަރިވަރުންގެ އުމުރު ފުރާތަކާ ގުޅޭގޮތަށް، ދަރިވަރުންނަށް އެއްޗެހި އިސްތިރިކުރުމާއި، ފަތްޖެހުމާއި، އަންނައުނު ތަރުތީބުކޮށް ބަހައްޓާނެގޮތްތައް ދަސްކޮށްދެވޭނެއެވެ. އަދި އެނދު ތަންމަތި އެޅުމާއި، ސާފުތާހިރުކޮށް ކޮޓަރިތެރެއާއި، ގޭތެރޭގެ މާހައުލު ބަލަހައްޓާނެ އުކުޅުތަކާއި، ގޮތްތައް ދަސްކޮށްދޭނެއެވެ. މީގެ އިތުރުން ބަދިގެތެރެ ތަރުތީބުކުރުމާއި، ތަފާތު ވައްތަރުގެ ކާބޯތަކެތި ތައްޔާރުކުރާނެ ގޮތާއި، އެއްޗެހި ކޮށާނެ ގޮތްތަކާއި، ކެއްކުމާއި ގުޅޭ ގިނަ އުކުޅުތަކާއި ހުނަރުތައް ކުދިންނަށް ދަސްކޮށްދެވޭނެއެވެ. މިއީ، ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައިވާ، ގޭތެރޭގެ މާހައުލުގައި ބޭނުންކުރާ ތަފާތު އެކިކަހަލަ އިލެކްޓްރޯނިކް ވަޞީލަތްތައް ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ ވަރަށް ހިތްގައިމު ލެބެކެވެ.

ފަހާ ލެބް – ޕާރޕަލް ސްޓިޗަސް
ފަހާ ލެބަކީވެސް އެކި އުމުރު ފުރާގެ ދަރިވަރުންނަށް، އުމުރާ ގުޅޭގޮތަށް ފެހުމާއި، މާޖެހުމާއި، ގޮށް ހަރުކުރުމާއި، ތިނޯހުގެ އެކި ކަހަލަ މަސައްކަތްތައް ދަސްކޮށްދިނުމަށް ފަރުމާކުރެވިފައިވާ ލެބެކެވެ. މި ލެބުން ދަރިވަރުންނަކީ އުފެއްދުންތެރި، ތަފާތު ގިނަ ހުނަރުތައް އުނގެނި ދަސްވެފައިވާ ބަޔަކަށް ހެދޭނެއެވެ.

ގޭމް ލެބް- ކްއިކް ވިޓް
ޢިއްޒުއްދީން ސްކޫލަކީ ތަފާތު އެކި ބޯޑް ގޭމްތަކަށް މޮޅު ހުނަރުވެރި ދަރިވަރުންތަކެއް އުޅޭ ސްކޫލެކެވެ. އެ ގޮތުން ގޭމްސް ލެބަކީ، ދަރިވަރުންގެ މި ފަދަ ހުނަތުރައް އިތުރަށް ތަރައްޤީކޮށްދީ، ވިސްނުމާއި، ތޫނުފިލިކަން އިތުރުކޮށްދީ، ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ހުނަރު އިތުރަށް ތަރަޤީކޮށްދިނުމުގެ މަޤްޞަދުގައި، ރާޒުވާއާއި، ކެރަމް ފަދަ ތަފާތު އެކި ކުޅިވަރުތައް ކުޅެވޭގޮތަށް ފަރުމާކުރެވިފައިވާ ލެބެކެވެ.

އާރޓް އެންޑް ކްރާފްޓް ލެބް – މޮޒައިކް ކޭވް
ޢަމަލީފަންނާއި، ފަރުމާކުރުމަށް ދަރިވަރުންގެ ހިތުގައިވާ ޝައުޤު އިތުރަށް ފުރިހަމަކޮށްދިނުމަށް ހުޅުވި އާރޓް އެންޑް ކްރާފްޓް ލެބަކީ، ޒަމާނީ ފެންވަރަށް ޑިޖިޓަލައިޒް ކުރެވިފައިވާ ލެބެކެވެ. ތަފާތު އެކި ކަހަލަ ކުރެހުމާއި، އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ މި ލެބަކީ ދަރިވަރުންގެ ހުނަރުވެރިކަމާއި، ފަންނުވެރިކަމާއި، އުފެއްދުންތެރިކަން އިތުރުކޮށް ކުރިއަރުވައިދޭނެ ވަރަށް ހިތްގައިމު ލެބެކެވެ.
advertisment
ހިޔާލު