މަތީ ތަޢުލީމަށް ހުޅުވާލި ލޯން ސްކީމަށް ކުރިމަތި ލުމަށް ދީފައި އޮތް މުއްދަތު މާދަމާއަށް ހަވާނެއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ޙާޞިލްކުރުމަށް ސްޓޫޑެންޓް ލޯނުގެ ގޮތުގައި 720 ފުރުޞަތަށް ހުޅުވާލީ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މާދަމާގެ ދުވަހުގެ 13:30 އެވެ.
މަތީ ތަޢުލީމުގެ ލޯން ސްކީމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ވެސް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކުރީ އަހަރާ ޚިލާފަށް ލޯނުގެ ފުރުޞަތުގެ ދަށުން ޑޮކްޓަރީ ކަމާއި ޕައިލެޓް ކަމަށް ޚާއްޞަ ކުރި ޖާގަތައް ވަނީ ކުރީ އަހަރަށް ވުރެ އިތުރުކޮށްފައެވެ.
އިދާރީ ފީގެ ގޮތުގައި އެއް އިންސައްތައިގެ ފީއަކާއެކު ދޫކުރާ މި ލޯން ސްކީމްގެ ދަށުން ލޯން ދޫކުރަނީ ޓްރެއިނިންގ ނީޑްސް ރިކުއަމަންޓަށް ފެތޭގޮތަށް ޤައުމަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
ޕައިލެޓްކަން ކިޔެވުމަށް ޚާއްޞަ ކުރި 10 ޖާގައަށް އެތައް ސަތޭކަ ކުދިން މިދިޔަ އަހަރު ކުރިމަތިލާފައި ވާތީ، މި އަހަރު ވަނީ އެ އަދަދު ވަނީ 60އަށް އިތުރު ކޮށްފައެވެ. އަދި ޑޮކްޓަރީކަން ކިޔެވުމަށް މި އަހަރު ވަނީ 55 ޖާގަ ކަނޑައަޅާފައެވެ. މިދިޔަ އަހަރު ކަނޑައެޅީ 25 ޖާގައެވެ. މެޑިސިންއިން މާސްޓަރސްއަށް ކިޔަވަން ޚާއްޞަ ކުރި ޖާގަވެސް މިދިޔަ އަހަރަށްވުރެ އިތުރުރެވެ. މި އަހަރު 20 ޖާގަ މެޑިސިން ދާއިރާއިން މާސްޓަރސްއަށް ކިޔަވަން ޚާއްޞަކުރިއިރު، މިދިޔަ އަހަރު ކަނޑައަޅާފައި ވަނީ 10 ޖާގައެވެ.
މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދޭ ގޮތަށް ވަނީ ނިންމާފައެވެ. ޔުނިވަރސިޓީ، ކޮލެޖް އަދި ޕޮލިޓެކްނިކް ގައި ކިޔަވައިދޭނެ ލެކްޗަރަރއިން ތަމްރީނު ކުރުމަށް ޕީ.އެޗް.ޑީ ލެވަލްއަށް މި ފަހަރު ފުރުޞަތު ހުޅުވާލާފައިވެއެވެ.
ލޯނު އެހީގެ ދަށުން ތަޢުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ޤައުމަކަށްވެސް ދިއުމުގެ ފުރުސަތު ފަހި ކޮށްދެވިފައިވެއެވެ. މިގޮތުން ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކަށެވެ. އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ދަރިވަރު އިޚްތިޔާރުކުރާ ޤައުމަކަށް ކަނޑައަޅާފައިވާ ރޭޓުންނެވެ.
advertisment
ހިޔާލު