ސާފްތާހިރު ރަށެއްގެ ގޮތުގައި މާލެ އަތޮޅު ގާފަރު ބާއްވަން އެ ސްކޫލުގެ ނޭޗަރ ކުލަބުން ނުކުމެއްޖެއެވެ.
ނޭޗަރ ކުލަބުގެ ދަރިވަރުން ދަނީ އެރަށް ސާފްތާހިރުކޮށް ބޭއްވުމަށް، ކުނިއެޅުމާ ދެކޮޅަށް އާންމުންނާއި ދަރިވަރުން ހޭލުންތެރި ކުރުވަން ރަށުގެ އެކި ސަރަޙައްދު ތަކުގައި ބޯޑްތަކެއް ހަރުކުރަމުންނެވެ.

މީހުން އާންމުކޮށް އެއްވެ އުޅޭ ސަރަޙައްދު ހިމެނޭގޮތަށް ހަރުކޮށްފައިވާ 100 އެއްހާ ބޯޑްތަކުން ހަނދާން ކޮށްދެނީ ސާފުތާހިރު ރަށެއްގެ ގޮތުގައި އެ ރަށް ބޭއްވުމަށް ފަރުދީ ގޮތުން ކޮންމެ މީހެއްގެ ޒިންމާއެވެ.
" އަޅެ ތި ކޮތަޅު ޑަސްބިނަށް ލާބަލަ!، އަނހަ! ތި އޮތް ދަޅު ނަގައި ޑަސްބިނަށް ލާބަލަ! " ފަދަ އެތައް މެސެޖެއް ހިމެނޭ ބޯޑްތައް ވަނީ ދަރިވަރުންގެ އިސްނެގުމުގެ މަތިން ހަރުކޮށްފައެވެ.

ގާފަރު ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ޚަލީލު ވިދާޅުވީ ސާފުތާހިރު ރަށެއްގެ ގޮތުގައި ބޭއްވުމަށް ރަށުގެ އެކި ސަރަހައްދު ތަކުގައި ބޯޑް ހަރުކުރަން އިސްނެގީ ނޭޗަރ ކުލަބުގެ ދަރިވަރުން ކަމަށާއި ހުރިހާ މަސައްކަތެއްގައި ވެސް ޓީޗަރުންގެ އެހީތެރިކަމާއެކު މަސައްކަތް ކުރީ ދަރިވަރުން އަމިއްލައަށް ކަމަށެވެ.


" މި މަސައްކަތުން ދައްކައިދެނީ އެ ދަރިވަރުން އެކަމަށް ބެހެއްޓި ޝައުޤުވެރިކަން. ބޯޑް ހަދައި ލިޔުން ތައްޔާރުކޮށް، ހަރުކުރީ ވެސް އެ ދަރިވަރުން އަމިއްލައަށް" އަބްދުﷲ ޚަލީލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ދަރިވަރުންގެ މަސައްކަތަށް ރައްޔިތުންގެ އެއްބާރުލުން މިހާރު ވެސް ލިބެމުން އަންނަ ކަމަށެވެ.

" ސާފު ރަށެއްގެ ގޮތުގައި ބާއްވަން، ދަރިވަރުންގެ އެ މަސެޖްތައް ފެންނަން ފެށީމާ ޙައްލެއް އަންނާނެ ކަމަށް ބެލެވޭ" ޚަލީލު ވިދާޅުވިއެވެ.

350 އެއްހާ ދަރިވަރުން މިހާރު ކިޔަވަމުންދާ ގާފަރު ސްކޫލުން ބުނީ އެރަށް ސާފު ރަށެއްގެ ގޮތުގައި ބޭއްވުމަށް ކައުންސިލުން ބާއްވާ ސާފުކުރުމުގެ ޕްރޮގްރާމްތަކުގައި އެ ސްކޫލުން ބައިވެރިވަމުން އަންނަ ކަމަށާއި، ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާ ވަމުން އަންނަ އެރަށުން، ސާފު ވެއްޓެއް ފެނުމަށް ދަރިވަރުންގެ އިސްނެގުމަކީ އެއީ އެކަމުގެ ހެޔޮ ފާލެއް ކަމަށެވެ.
advertisment
ހިޔާލު