އައްޑޫ ސިޓީގެ ކުޅިތަކާއި ޗަސްބިން ހިމެނޭ ސަރަޙައްދަށް ހެޔޮ ބަދަލެއް ގެނުވާނެ ތަރައްޤީގެ ކޮންސެޕްޓެއް ހިރާ ސްކޫލްގެ ދަރިވަރުން ހަދަން ފަށައިފިއެވެ. އެ ޕްރޮޖެކްޓް ހަދަނީ އާރިކިޅިއާއި ފެހެލަ ކިޅިއާއި މާ ކިޅި ހިމެނޭ ގޮތަށެވެ.
އެ މަސައްކަތާ ގުޅޭ ގޮތުން އެ ސިޓީގެ މޭޔަރު އަލީ ނިޒާރާ ހިރާ ސްކޫލްގެ ސްޓޫޑެންޓް ލިޑަރުން ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލު ކުރުމުގައި މޭޔަރުގެ ވާހަކަދުޅުގައި އެ ކައުން ސިލުން ވެސް މި ކުޅިތަކާއި ޙިމާޔަތް ކުރުމަށް އެކަށައަޅުއްވާފައިވާ ޕްލޭނާއި ވިސްނުން ދަރިވަރުންނާ ޙިއްސާ ކުރެއްވިއެވެ. މިކަމުގެ ސަބަބުން ދަރިވަރުންގެ މި މަސައްކަތަށް ފަހި ޚިޔާލުތަކެއް ލިބިގެން ދިޔައިރު ދަރިވަރުން ގެ ދަރިވަރުންގެ މި މަސައްކަތަށް މޭޔަރ ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައި ހިތްވަރު ދެއްވިއެވެ.

ހިރާ ސްކޫލްގެ ޕްރިންސިޕަލް މަރިޔަމް ސިތާރާ ދަރިވަރު ނޫހަށް ވިދާޅުވީ އެ ސްކޫލުގެ ސްޓޫޑެންޓް ލީޑަރުންގެ ގޮތުގައި މަސައްކަތް ކުރާ ދަރިވަރުން އެކުވެގެން ކޮންމެ ޓާމެއްގައި ވެސް މުޖްތަމަޢުގައި ހުންނަ މުހިންމު ކަންތައްތަކަށް އިސްކަންދީގެން ޕްރޮޖެކްޓެއް އެކުލަވާލަންޖެހޭ ކަމަށެވެ. މި ޓާމުގައި އެ ދަރިވަރުންގެ ބައެއް ކުދީންގެ ޕްރޮޖެކްޓަކަށްވީ، އައްޑޫގައި ގުޅިފައިވާ ތިން ކުޅިއަށް އަމާޒުކޮށް ދެމެހެއްޓެނެވި ގޮތެއްގައި ތިމާވެއްޓަށް ގެއްލުންނުވާ ގޮތަށް އެ ކުޅިތައް ހިމާޔަތް ކުރެވި އެ ސަރަޙައްދަށް ބޮޑު ބަދަލެއް ގެނުވާނެ ކޮންސެޕްޓެއް ތައްޔާރު ކުރުމެވެ.
އެ ދަރިވަރުންގެ މައިގަނޑު ތީމަކަށް މިފަހަރު ކަނޑައަޅާފައި ވަނީ ކުޅިތައް ހިމާޔަތް ކުރުމެވެ.
ސިތާރާ ވިދާޅުވީ ކުޅިތައް ހިމާޔަތް ކުރުމާއެކު އެތަންތަނުގެ މާހައުލަށް ގެއްލުން ނުދީ ތަރައްޤީ ކުރެވޭނެ ގޮތްތަކަކީ ކޮބާތޯ ބަލައި ކޮމިއުނިޓީއާ އެތަންތަނާ ގުޅުވާލަދީ ހޭލުންތެރިކުރުވަން އެ ދަރިވަރުންގެ ޕްރޮޖެކްޓައި ހިމަނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ބައެއް ތަންތަނަކީ އެ ދަރިވަރުންނަށް ކުރިން ފެނިފައި ވެސް ނެތް ތަންތަން ކަމަށާއި، ކުރީ ޒަމާންތަކުގައި އެތަންތަން ބޭނުންކުރިއިރު ސާފުކޮށް ބެލެހެއްޓި ކަމަށެވެ.
" އިސްރަށްވެހިންނާ ވާހަކަ ދެއްކީމާ އެ ދަރިވަރުންނަށް އެނގުނީ އެންވެރިކަމަށް އެތަންތަން ބޭނުންކުރިކަން. އެން ދިރުވައި އާލާކުރުމާއި ފެންވަރަށް ވެސް އެ ފެންގަނޑު އެހާ ސާފު ކަމަށް އެމީހުން ބުނޭ. އެތަންތަން ފެނުނީމާ ތާރީޚީ ގޮތުން ވެސް ލޯ ހުޅުވި ހޯދާ ބެލުމުގެ ޝަޢުޤުވެރިކަން ބޮޑުވި" ސިތާރާ ވިދާޅުވިއެވެ.
" ތަނުގެ ތާރީޚް އެނގުމަކީ ވެސް ތަނާއި ކުދިންނާ ގުޅުވަދޭނެ ކަމެއް"
ސިތާރާ ވިދާޅުވީ ޕްރޮޖެކްޓް ފުރިހަމަކޮށް ނިންމާލާލުމުގެ ކުރިން މުޖްތަމައުގެ ޚިޔާލު ވެސް ހޯދާނެއެވެ.
" އެތަންތަނުގެ ބޭނުން ހިފަން ބޭނުންވާ ގޮތާއި، އެތަންތަނުގައި ހުންނަން ބޭނުންވާ ކަންތައްތަކާ ބެހޭ ގޮތުން ކޮމިއުނިޓީއާ ވެސް މަޝްވަރާ ކުރާނެ"
ސިތާރާ ވިދާޅުވީ އެހެން ސްކޫލްތަކާ ޚިލާފަށް އެ ސްކޫލްގެ ލީޑަރުންގެ މަގާމްތަކަކީ ވަށައިޖެހޭ ގޮތަށް ބަދަލުވަމުންދާ މަގާމްތަކެއް ކަމަށެވެ. ގުރޭޑް 7ން ފެށިގެން ގުރޭޑް ދިހައެއް ނިންމާއިރު ކޮންމެ ކުއްޖަކު ވެސް އެ ސްކޫލްގެ އިސްމަގާމެއް ފުރުމުގެ ޒިންމާ އަދާކުރާނެއެވެ. ސްކޫލްގެ ލީޑަރުންގެ ގޮތުގައި އަށް މަގާމް ހަމަޖައްސާފައި އޮންނައިރު، ކޮންމެ މަގާމެއްގައި ހަތަރެއް ނޫނީ ފަސް ދަރިވަރުން މަސައްކަތް ކުރާނެއެވެ. ދަރިވަރުންގެ ޒިންމާތަކާއެކު ކަނޑައަޅާފައިވާ މަގާމްތަކަކީ ވެސް އާންމު ދިރިއުޅުމުގައި އެންމެ ފަސޭހައިން ކުރަންޖެހޭ މަސައްކަތުގެ ބޭނުން ހިފޭގޮތަށް ކަނޑައަޅާފައިވާ މަގާމްތަކެވެ. އެ މަޤާމްތަކަކީ، ސޯޝަލް ވެލްފެއަރ، ލިއެއިޒަން އޮފިސަރު، ކޮންޒަވޭޝަން އޮފިސަރު، ޕިއަރ މެންޓޮރ، މޮޑެލް ސްކޮލަރ، އެޑްވޮކޭޓަރސް، އެންޓަރޕްރެނިއަރސްގެ އިތުރުން ޑިޕޮލަމޭޓްސްއެވެ.
ކޮންޒަވޭޝަން އޮފިސަރުންނަކީ މި މަސައްކަތް ރާވައި ހިންގުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރާ ކުދީންނެވެ. އަދި އެޑްވޮކޭޓަރސްއަކީ އެހެންމީހުންނާ ހަމަޔަށް މިކަން ފޯރުކޮށް ދިނުމަށް އަޑު އުފުލާ ކުދީންނެވެ. މީގެ އިތުރުން ލިއެއިޒަން އޮފިސަރުގެ ޒިންމާއަކީ އެ މަސައްކަތުގެ ތެރޭގައި ހިމެނޭ ޚަބަރު ތައްޔާރުކޮށް ސްކޫލްގައި އާންމު ކުރުމެވެ. މޮޑެލް ސްކްލާސް އިން ދީނީ ގޮތުން އެފަދަ ތަންތަން ހިމާޔަތް ކުރުމަކީ ކިހާ މުހިންމު ކަމެއްތޯ ބަލައި، ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތް ކުރާނެއެވެ. ޑިޕްލޮމޭޓުންގެ ޒިންމާއަކީ އެކި ފަރާތްތަކާއެކު ކުރަންޖެހޭ ނެގޯޝިއޭޝަންތައް ކުރިއަށް ގެންދިއުމެވެ.
ސިތާރާ ވިދާޅުވީ ޕްރޮޖެކްޓެއް އެކުލަވާލާއިރު ވެސް ފުރަތަމަ ޚިޔާލާއި މަޝްވަރާ ކުރާނީ ލީޑަރުންގެ މެދުގައެވެ. އެއަށްފަހު ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާއެކު މަޝްވަރާކޮށް ޚިޔާލު ހޯދާ ދިރާސާތައް ކުރާނެއެވެ.
" ކޮންމެ ޕޯސްޓެއްގައި މަސައްކަތް ކުރާ ދަރިވަރުން އެ ދަރިވަރުންގެ ޒިންމާއާ ގުޅޭ ގޮތުން ދިރާސާތައް ކުރާނެ. އެ ހުރިހާ ދިރާސާތަކާއި އެކުލަވާލާ ކަރުދާސްތަކުގެ މައްޗަށް ފުޅާދާއިރާއެއްގައި ވާހަކަ ދެކެވި ފައިނަލް ޕްރޮޖެކްޓެއް އުފަންވެގެން އަންނާނީ. އަދި އެ ޕްރޮޖެކްޓަށް ބޭސްކޮށް މޮޑެލްތަކެއް ވެސް ހަދާނެ" ސިތާރާ ވިދާޅިވިއެވެ.
މި ކުދީން ވަނީ މީގެ ކުރީން ހިތަދޫ ނޭޗަރޕާކާ ގުޅިގެން ވެސް މިފަދަ ވަރަށް މުހިއްމު ދެ ޕްރޮޖެކްޓެއް އެކުލަވައިލާފައެވެ. އެއީ ނޭޗާޕާކުގެ ސަރަޙައްދުގައި ހުރި ގަސްގަހާގެހީގެ މުހިއްމު ދިރާސާއެއް ހެދުމާއި ކޯއްޓޭގެ ތާރީޚީ ތަންތަނާއި އާސާރުތަކުގެ މައްޗަށް ބަލައި ފުޅާ ދިރާސާއެއް ހެދުމެވެ. މި ދެ ދިރާސާ ނިންމައި މިއިން ކޮންމެ ކަމަކަށް ވަކި ފޮތެއް އެކުލަވައިލުމަށް ފަހު ނޭޗާޕާކަށް ހަދިޔާ ކޮށްފައި ވެއެވެ. މިހާރު ވެސް އެ ތަނަށް ޒިޔާރަތްކުރާ މެހުމާނުންނަށް ފަސޭހައި ބަލައިލެވޭ ގޮތަށް މި ދެފޮތް ވެސް ނޭޗާ ޕާކުގައި ބާއްވާފައިވެއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ކުރިއަށް އޮތީ ރޯދަމަސް ކަމަށް ވުމާއެކު، އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަން އުނަދަގޫވާނެ ކަމަށާއި، ޓާމު ނިމުމުގެ ކުރިން ޕްރޮޖެކްޓް ނިންމަން ދަރިވަރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 10އާ ހަމައަށް ކިޔައިދޭ ހިރާ ސްކޫލުން ކުރިއަށް ގެންދާ ތިމާވެއްޓާ ގުޅުން ހުރި ޕްރޮޖެކްޓަކުގެ ސަބަބުން ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ވަނީ އެ ސްކޫލަށް ލިބިފައެވެ.
advertisment
ހިޔާލު