މެލޭޝިއާގެ މަލާޔާ ޔުނިވަރސިޓީން މާސްޓަރސް އޮފް އެޑިޔުކޭޝަން ފުރިހަމަ ކުރެއްވި ދިވެހި ޕްރިންސިޕަލުން ހެއްދެވި ދިރާސާތަކުގެ މައްޗަށް ބިނާކޮށް ތިން ފޮތެއް ނެރެން ނިންމައިފިއެވެ.
ކޯސް ފުރިހަމަކުރި ފަރާތްތަކަށް "އިންޑަކްޝަން ޓްރެއިނިންގ" ފުރިހަމަކުރިކަމުގެ ލިޔުމާއި ޕްރިންސިޕަލްކަމުގެ މަސްޢޫލިއްޔަތު ޙަވާލުކުރިކަމުގެ ލިޔުން ހަވާލު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހާފިޒު އަހުމަދު ސްކޫލްގެ ޕްރިންސިޕަލް ރާފިއު ޖަމީލް ވިދާޅުވީ، މެލޭޝިއާގެ އެއްވަނަ ޔުނިވަރސިޓީގެ ގޮތުގައި އޮތް ޔުނިވަރސިޓީ އޮފް މަލާޔާއިން ތަޢުލީމު ޙާޞިލް ކުރުމަށް ލިބުނު ފުރުޞަތުގައި ފާއިތުވެގެން ދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ގިނަގުނަ ފިލާވަޅުތަކެއް ލިބިގެން ހިގެއްޖެ ކަމަށެވެ. އަދި ގިނަގުނަ ދިރާސާތަކާއި ކިޔެވެލިތަކެއް ކިޔަވައި ދަސްކުރުންތަކެއް ދަސްކުރަންޖެހުނު ކަމަށެވެ.
" ކޮންމެ ބައިވެރިއަކު ވެސް ރިސަރޗެއް ފުރިހަމަކޮށްފައިވޭ. އަޅުގަނޑު ވަރަށް އުފަލާއެކު ދަންނަވަން ޖެހެނީ ޔުނިވަރސިޓީ އޮފް މަލާޔާއިން ވަނީ އަށާރަ ރިސަރޗްގެ މައްޗަށް ބިނާކޮށް ތަފާތު ތިން ފޮތެއް ޝާއިއުކުރަން ނިންމަވާފައި" އެ ހުރިހާ ޕްރިންސިޕަލުންގެ ފަރާތުން ވާހަކަ ދައްކަވަމުން ރާފިއު ވިދާޅުވިއެވެ.

މަލާޔާއިން ނެރެން ނިންމާފައިވާ ތިން ފޮތް ބިނާކޮށްފައި ވަނީ ތަޢުލީމީ ދާއިރާގެ އިންސާނީ ވަޞީލަތްތަކާ ގުޅޭގޮތުންނާއި ތަޢުލީމީދާއިރާގެ މެނޭޖްމަންޓާގުޅޭ ގޮތުންނާއި، ތައުލީމީދާއިރާގެ ފައިނޭންސިންއާ ބެހޭގޮތުންނެވެ.
އޭނާ ވިދާޅުވީ އެ ފޮތްތަކުގައި ހިމެނެނީ އަށާރަ ބައިވެރިންގެ ތަޖުރިބާތަކާއި އެމީހުން ކުރި ދިރާސާތައް ކަމަށެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި، މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންނެވި ޕްރިންސިޕަލުންގެ ފަރާތުން ރާފިއު އެޑިޔުކޭޝަން މިނިސްޓަރަށް ޔަގީންކަން އަރުވީ، 17 ބައިވެރިންގެ ތެރެއިން ކޮންމެ ބައިވެރިއަކު ވެސް ހަވާލުކުރި ޒިންމާއާއި މަސްއޫލިއްޔަތު ޒިންމާދާރުކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކުރައްވާނެ ކަމުގައެވެ. އަދި ވިދާޅުވީ ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިއަކު ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތުގައި ތެދުވެރިވާނެ ކަމުގެ ޔަޤީންކަން ވެސް އަރުވާ ކަމަށެވެ.
ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ފުރަތަމަ ބުރުގައި ބައިވެރިވީ 18 ބައިވެރިންނެވެ. އޭގެ ތެރެއިން ދިމާވި ސަބަބަކާ ހުރެ އެއްބޭފުޅަކު ކޯހުން ވަކިވެވަޑައިގެންނެވުމުން ކޯސް ފުރިހަމަކުރެއްވީ 17 ބައިވެރިންނެވެ. މީގެ ތެރޭގައި ހިމެނެނީ މިހާރު ޚިދުމަތުގައި ތިއްބެވި ހަތަރު ސްކޫލެއްގެ ޕްރިންސިޕަލުންނާއި އަލަށް ޕްރިންސިޕަލްކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންނެވި 13 ޕްރިންސިޕަލުންނެވެ.
ތިން އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސްކޮލަރޝިޕް ޕްރޮގްރާމުގެ ދެ ވަނަ ބުރު މިއަހަރު ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު، ދެ ވަނަ ބުރުގައި 10 ސްކޮލަރޝިޕް ދިނުމަށް ހަމަޖައްސާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި އެ މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ނިމޭއިރު ސަރުކާރުން ހިންގާ ހުރިހާ ސްކޫލަކަށް ތަމްރީނު ލިބިފައިވާ ދިވެހި ޕްރިންސިޕަލުން ހަމަވާނެ ކަމަށެވެ.
advertisment
ހިޔާލު