ޕްރިންސިޕަލުން ވާންވީ ތަނުގައި ހުރި މައްސަލައަކަށް ނޫން، ޙައްލަކަށް

ޕްރިންސިޕަލުން ވާންވީ ތަނުގައި ހުރި މައްސަލައަކަށް ނޫން ކަމަށާޢި ވާންވީ ޙައްލަކަށް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި އަދި ރޭވުންތެރި ގޮތެއްގައި ދިވެހި ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްއެއް ފަށައި އެ ޕްރޮގްރާމްގެ ފުރަތަމަ ބުރުގެ ދަސްވެނިންނަށް ސްކޫލުތައް ހިންގުމުގެ މަސްއޫލިއްޔަތާ ހަވާލު ކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައެވެ.

ސްކޫލުތަކާ އަލަށް ގުޅިވަޑައިގަންނަވާ ނާޒިރުންނަށް މިނިސްޓަރު ވިދާޅުވީ، " ތިޔަ ބޭފުޅުން ތިޔަ ހަވާލުވެވަޑައިގަތީ ވަރަށް ބޮޑު ޒިންމާއަކާއޭ. އެ ޒިންމާގެ ބޮޑުކަން އަބަދުވެސް ތިޔަ ބޭފުޅުންގެ ހަނދާނުގައި ބަހައްޓަވަންވާނެ" ކަމަށެވެ.

އެ ދަތުރުގައި އެބޭފުޅުންނަށް އެތައް ގޮންޖެހުންތަކަކާ ކުރިމަތިވާނެ ކަމަށާއި ނަމަވެސް، މި ޒިންމާ ރަނގަޅަށް އަދާކުރެވިއްޖެނަމަ،  އެއީ ދެމިހުންނަނިވި ހިތްހަމަޖެހުމެއް ލިބޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

" ސްކޫލްތަކުގެ ވެރިންނަކީ ދަރިވަރުންގެ ކިޔެވުމަށް ނުހަނު ފައިދާހުރި ބަދަލުތަކެއް ގެނެވިދާނޭ ފަރާތްތަކެއް. ކިލާހުގައި ކިޔަވައިދޭ މުދައްރިސް ފިޔަވައި، ދަރިވަރުންގެ ތަޢުލީމަށް އެންމެ ހެޔޮ ބަދަލެއް ގެނެވޭނީ  ސްކޫލް ހިންގަން ހުރި އިސް ވެރިއަކަށް"

ސްކޫލް ހިންގާ ވެރިއެއްގެ ހައިސިއްޔަތުން، ކޮންމެ ޕްރިންސިޕަލަކީ ސްކޫލްގެ ކިޔަވައިދިނުމުގެ ޕްރޮގްރާމް ފަހިކޮށް ކުރިއަށް ގެންދެވޭނޭ ޙާލަތްތައް މެދުވެރިކުރުވާ ފަރާތަކަށް ވާންވާނެ ކަމަށާއި ބެލެނިވެރިންނާއި އާއިލާތަކާ ގުޅުންތައް ޤާއިމްކޮށް ދަމަހައްޓާ ފަރާތަކަށް ވާންވާނެ ކަމަށް ވިދާޅުވިއެވެ.

" ރަނގަޅު ހިންގުންތެރިން ހިންގަނީ ނަމޫނާ ދައްކައިގެން. ތިޔަބޭފުޅުން ވާންވާނީ ޕޮޒިޓިވް، އެންތޫސިއާސްޓިކް، ދުވަހީ މަސައްކަތްތަކުގައި ބައިވެރިވާ ބަޔަކަށް" ޕްރިންސިޕަލުންނަށް މިނިސްޓަރު ވިދާޅުވިއެވެ.

" ހިންގުންތެރި ވެރިއަކަށްވެވޭނީ މުދައްރިސުންނާއި އެހެނިހެން މުވައްޒަފުންނާއި، ބެލެނިވެރިންނާއި ދަރިވަރުންނާއި މުޖްތަމަޢުގެ އެހެން ފަރާތްތަކަށް ފަސޭހަކަމާއެކު ބައްދަލުކުރެވި ވާހަކަ ދެކެވޭ ބަޔަކަށް ވެވިގެން"

މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ޕްރިންސިޕަލުންނަކީ އުނދަގޫ ޙާލަތްތަކުގައި ކެތްތެރިވާ، ފިޔަވަޅު އެޅުމުގެ ކުރިން ވިސްނާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި އަމިއްލަ ޒަރޫރީ ބޭނުންތަކުގެ ކުރިއަށް މަދަރުސާގެ ބޭނުންތައް އިސްކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

މިނިސޓަރު ވިދާޅުވީ، ޕްރިންސިޕަލްކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަކީ ބަދީލީ ބަދަލުތަކަށް މަރްޚަބާ ކިޔާ ބަޔަކަށް ވާނެކަމަށް އުއްމީދު ކުރާ ކަަމަށެވެ.

" އެވަގުތެއްގެ ޙާލަތާ އެއްގޮތަށް ކަންކަންކުރަން ކެރޭ ކުޅަދާނަ ބަޔަކަށް ވާނެކަން. އީޖާދީ ވިސްނުމާއެކު ޙިކްމަތްތެރި ނިންމުންތައް ނިންމަންކެރޭ ބަޔަކަށް ވާނެކަން. އިތުބާރުކުރެވޭ ގުޅުންތައް ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނާއި ރައްޔިތުންނާމެދު އުފައްދައި، އެ ގުޅުންތައް ހަންހާރަކުރާ ބަޔަކަށްވާނެކަން، އަދި  ވަކި ފަރާތަކަށް ޖެހުމުގެ ބަދަލުގައި، ޢަދުލާއި ހަމަހަމަ ކަމާ އެކު ހުރިހާ ފަރާތްތަކާ އެކު މުޢާމަލާތް ކުރާ ބަޔަކަށް ވާނެކަން"

ނިންމާލައްވަމުން މިނިސްޓަރު ވިދާޅުވީ:

ނަމަނަމާ ނުމެވާށެ ތަނުގައި ހުރި ތިމާ މައްސަލައަކަށް،

ހަމައެކަނި ވާށޭ ތިމާ މައްސަލަތަކަށް ހުރި ޙައްލަކަށް.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *