ފާއިތުވި 2022 ވަނަ އަހަރު މަޖީދިއްޔާ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް އެ ސްކޫލްގެ 10އީގެ ދަރިވަރު މުޙައްމަދު އަކުމަލް އިބްރާހިމް ހޮވައިފިއެވެ.
ރޭ މަޖީދިއްޔާ ސްކޫލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެއްވަނަ ދަރިވަރަށް ދޭ " ގޯލްޑް ސްޓަރ" ހަވާލުކޮށްދެއްވީ ޖެންޑަރ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު އައިޝަތު މުޙައްމަދު ދީދީއެވެ.

އަކުމަލް ވަނީ ސާނަވީ އިމްތިޙާނުގައި ހަތް މާއްދާއިން އޭ ސްޓަރ، އެއް މާއްދާއިން އޭ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ހޯދާފައެވެ. އޭ ލިބުނީ ދިވެހިންނެވެ.
ފާއިތުވި އަހަރު އެ ސްކޫލްގެ ކެޕްޓަން ކަމުގެ ޒިންމާ ވެސް އަދާކުރި އަކުމަލް އަކީ ކިޔެވުމަށް އެންމެ ރަނގަޅު ސްކައުޓް ވެސް މެއެވެ.
ފާއިތުވި އަހަރު މަޖީދިއްޔާއިން ދެވަނަ ހާޞިލްކޮށްގެން ސިލްވަރ ސްޓަރ ހޯދީ މުޙައްމަދު ރަޔާން ތޮލާލެވެ. އޭނާ ވަނީ ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ ތިންވަނަ ހޯދާފައެވެ. ތިންވަނަ ހާޞިލްކޮށް ބްރޯންޒް ސްޓަރ ހޯދީ މަޚްތޫމް ބިން ހުސައިނެވެ. އޭނާ ވަނީ ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނަ ހޯދާފައެވެ.
ފާއިތުވި އަހަރު ބޭއްވި ސާނަވީ އިމްތިހާނުގައި މަޖީދިއްޔާގެ 148 ދަރިވަރުން ބައިވެރިވެފައިވެފައިވެއެވެ. އޭގެ ތެރެއިން 47.3 އިންސައްތަ ދަރިވަރުން އަށް މާއްދާއިން ފާސްވެ، 66 އިންސައްތަ ދަރިވަރުން ފަސް މާއްދާއިން ފާސްވެފައިވެއެވެ. ޤައުމީ ގަދަ ދިހައެއްގައި ހިމެނުނީ އެ ސްކޫލްގެ 29 ދަރިވަރުންނެވެ.
އަކުމަލްގެ ކާމިޔާބީ – އެހެން ދަރިވަރުންނަށް ނަމޫނާއެއް
"މަޖީދިއްޔާގެ ގުރޭޑް އެކަކަށް ވަނުމާއެކު މައިންބަފައިންނާއި ބޮޑުދައިތައިންގެ ނަޞޭހަތަކަށްވީ ފަޚުރުވެރިކަމާއެކު މަޖިދިއްޔާއިން ކިޔެވުން ނިންމާލަން. އެ ނަޞޭހަތާއެކު ފުރަތަމަ ޓާގެޓް ފުރިހަމަކުރެވިއްޖެ. ދެން އޮތީ އެންމެ އުނދަގޫ ޓާގެޓް" މަޖީދިއްޔާ ސްކޫލްގެ 95 ވަނަ ކެޕްޓަން ކަމުގެ ޒިންމާ ހަވާލުވުމަށްފަހު ދަރިވަރު ނޫހަށް ދިން އިންޓަވިއުގައި އަކުމަލް ބުންޏެވެ.

އަކުމަލް ވަނީ އޭނާ ބޭނުންވި އެންމެ އުނދަގޫ ޓާގެޓް ރޭ ހާޞިލްކޮށްފައެވެ. މިއަދު އޭނާއަކީ މަޖީދިއްޔާގެ ނޫރުން އަލިކޮށްލަދިން ގޯލްޑް ސްޓަރ ދަރިވަރެކެވެ.
ކާމިޔާބު ދަރިވަރަކަށް ވުމަށް ކުރި މަސައްކަތާ ގުޅޭ ގޮތުން އަކުމަލް ވަނީ ރޭ ވާހަކަ ދައްކާފައެވެ.
" އަޅުގަނޑު ހިއްސާކޮށްލަނީ އަޅުގަނޑުގެ ތަޖުރިބާ. މިރޭ އަޅުގަނޑު މި ދެނީ އަޅުގަނޑުގެ ނަޞޭހަތް" މަޖީދިއްޔާގެ ދަރިވަރުންނަށާއި ރާއްޖޭގެ ހުރިހާ ކިޔަވާކުދިންނަށް ނިސްބަތް އަކުމަލް ބުންޏެވެ.

ފުރަތަމަ ދޭ ނަޞޭހަތެއްގެ ގޮތުގައި އަކުމަލް ބުނީ ކާމިޔާބީއަކީ ވަކި މީހެއްގެ އެއްޗެއް ނޫން ކަމަށެވެ. ކާމިޔާބީއެއް ބިނާ ވަނީ ކުރެވޭ އުއްމީދެއްގެ މައްޗަށް ކަމަށާއި އެކަމަށް ކުރެވޭ މަސައްކަތެއްގެ މައްޗަށް ކަމަށެވެ.
" ކާމިޔާބު ހޯދަން އެންމެ ފުރަތަމަވެސް ކުރަންޖެހޭ ކަމަކީ ދީނީ ކަންކަމަށް ފަރުވާތެރިވުން. ނަމާދަށްފަހު އެކަމަކަށް އެދިގެން ދުޢާކުރުން"
ދެވަނަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރީ، މުދައްރިސުން ފިލާވަޅު ކިޔައިދެއްވާއިރު ކަނުލައި އަޑުއެހުމެވެ. ދެއްވާ އިރުޝާދުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި މުދައްރިސުން ކިޔަވައިދެއްވާއިރު އެއްކަމެއް ތަކުރާރު ކުރައްވާނަމަ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވުމެވެ.

" ފިލާވަޅު ފަހަށް ނުބަހައްޓައި އެދުވަހަކު ދަސްކުރުމާއި، މުދައްރިސުން ކުލާހުގައި ދެއްވާ މަސައްކަތްތައް ކުލާސްގަޑީގައި ނިންމައި މުދައްރިސްގެ ފީޑްބެކް ހޯދަން މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއް" އަކުމަލް ބުންޏެވެ.
ކުޑައިރު އަކުމަލް ބޭނުންވީ މަތިންދާ ބޯޓް ދުއްވާށެވެ. އެކަމަކު މިއަދު އޭނާ ބޭނުންވަނީ ޑޮކްޓަރަކަށް ދާށެވެ.
އަކުމަލް ޤަބޫލުކުރާ ގޮތުގައި މާ ގިނައިން ކިޔެވުމަކީ ވެސް މައްސަލައެކެވެ. ކިޔަވަންވާނީ ވެސް ސިކުނޑިއަށް ބާރުބޮޑު ނުވާނެހެންނެވެ. ކިޔަވާ ކުދިންނަށް އޭނާ ދޭ ނަޞޭހަތަކީ އެއީއެވެ.
advertisment
ހިޔާލު