ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސާޅީސް ވަނަ އަހަރީ ދުވަހާ ގުޅިގެން ދޭ ހަދިޔާއެއްގެ ގޮތުގައި ސްކޫލްގެ ސްޓޫޑެންޓް ކައުންސިލް ހިންގާނެ އިދާރީ އޮފީހެއް ހަދައިދޭ ގޮތަށް ލިޓަސްއިން ނިންމައިފިއެވެ.
ސައިކަލު ވިއްކުމުގެ ވިޔަފާރި ރާއްޖޭގައި އެންމެ ފުޅާކޮށް ކުރަމުންދާ ލިޓަސްއިން ނިންމާފައި ވަނީ ޑައިމަންޓް ބައްޓަމަށް " ޑައިމަންޓް ހަބް" ގެ ނަމުގައި ކުޑަ އޮފީސް އިމާރާތެއް އަޅައިދޭށެވެ.
ރ. އޭއީސީގެ ލީޑިންގ ޓީޗަރު އަދި އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ކޯޑިނޭޓަރު އަބްދުލް އަޒީޒު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ ލިޓަސްއިން އަޅަން ނިންމާފައިވާ އިމާރާތް އަޅާނީ، އެ ސްކޫލުގައި މިހާރު އިމާރާތެއް އެޅުމަށް މަސައްކަތް ކުރަމުންދާ މީހުން ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުންދާ ތަނުގައި ކަމަށެވެ.
" ހަތަރު މަސްދުވަސްތެރޭގައި އެ މީހުންނަށް އެތަން ހުސްކުރެވޭނީ، އެ ހިސާބުން " ޑައިމަންޑް ހަބް" ގެ މަސައްކަތް ފަށާގޮތަށް ލިޓަސްއިން ވަނީ ނިންމާފައި" އަބްދުލް އަޒީޒު ވިދާޅުވިއެވެ.
މިއީ ދަރިވަރުންގެ ބޭނުމަށް ރާއްޖޭގެ ސްކޫލެއްގައި މިފަދަ އޮފީސް އިމާރާތެއް އަޅާ ފުރަތަމަ ފަހަރެވެ.
އަބްދުލްއަޒީޒު ވިދާޅުވީ މިފަދަ އިމާރާތެއް ލިބުމުން ދަރިވަރުންގެ މަސައްކަތްތަކަށް ފުރިހަމަކަމެއް ލިބި، ވީހާވެސް މިނިވަންކަމާއެކު ސްޓޫޑެންޓް ކައުންސިލްގެ ކަންތައްތައް ހިންގުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދާނެ ކަމަށެވެ.
" މިފަދަ އޮފީހެއް ޤާއިމް ކުރުމުން ދަރިވަރުންނަށް މަސައްކަތުގެ މާހަލުގެ ތެރެއިން އަމިއްލަ އިޚްތިޔާރާއި ބާރާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމް ކުރެވިގެންދާނެ. އޭރުން އެކުދިންގެ ޚިޔާލާއެކު ބައްދަލުވުންތައް ބާއްވާއި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެތައް ފުރުޞަތު ތަކެއް ތަނަވަސް ވެގެންދާނެ" އަބްދުލް އަޒީޒު ވިދާޅުވިއެވެ.
އޭލެވެލްއާ ހަމައަށް ކިޔަވައިދޭ ރ. އަތޮޅު ތައުމީމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ސްކޫލުން ދަނީ ހަރަކާތްތަކެއް ހިންގަމުންނެވެ. އަންނަ ބުރާސްފަތި ދުވަހު، މަސްބޭނުމުގެ މުބާރާތަކާއި ބާބަކިއުއެއް ބާއްވަން ވަނީ ނިންމާފައެވެ.
ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 12އާ ހަމައަށް 500 އެއްހާ ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު