ރ. ދުވާފަރު ޕްރައިމަރީ ސްކޫލުން، ހައުސްތަކުގެ މެދުގައި "ކެންޓީން ޑޭ" ބާއްވައިފިއެވެ.
އެ ސްކޫލްގެ ހަތަރު ހައުސްގެ މެދުގައި އިއްޔެ މެންދުރުފަހު 2-ން6އަށް ކުރިއަށް ގެންދިޔަ އެ ހަރަކާތުން 62،247 ރުފިޔާ ލިބިފައިވެއެވެ.
ދުވާފަރު ޕްރީ ސްކޫލާ ހަވާލުވެހުންނެވި ލީޑިންގ ޓީޗަރު، އިސްމާއިލް އިގްބާލް ދަރިވަރު ނޫހަށް ވިދާޅުވީ ކެންޓީން ޑޭ އެ ސްކޫލްގެ ހައުސްތަކުގެ މެދުގައި ވާދަވެރި ރޫހެއްގައި ކުރިއަށް ގެންދާތާ އަހަރުތަކެއް ވެއްޖެ ކަމަށާއި، ކޮވިޑަށްފަހު ބޭއްވީ މި އަހަރު ކަމަށެވެ.

"ތައްޔާރުވާން ލިބުނު ވަގުތު ވެސް ކުޑަ. އެކަމަކު ވެސް ފޯރި ކުޑައެއް ނުވޭ" އެނާ ވިދާޅުވިއެވެ.
"ކެންޓީން ޑޭ" ގައި ކުރިއަށް ގެންދަނީ ހައުސްތަކުގެ ވާދަވެރިކަމާއެކު ހެދިޔާ ފަދަ ކާބޯތަކެތި ވިއްކުމުގެ މަސައްކަތެވެ. ދެން ހުންނަނީ ކެންޓީނުގެ ޚިދުމަތް ހޯދާ ފަރާތްތަކަށާއި ދަރިވަރުންނަށް ބައިވެރިވެވޭ ކުޅިވަރު ސްޓޯލްތަކެވެ.
އިގްބާލް ވިދާޅުވީ " ކެންޓީން ޑޭ" އަށް ކައިރި ރަށްރަށުން ވެސް މީހުން އައި ކަމަށާއި، ބައެއް ރަށްރަށަށް ކާބޯތަކެތި ފޮނުވައިގެން ވެސް ވިއްކާފައިވާ ކަމަށެވެ.

ދުވާފަރު ޕްރައިމަރީ ސްކޫލުން ބުނީ " ކެންޓީން ޑޭ" އިން ލިބުނު ފައިސާ ބަހާނީ ހަތަރު ހައުސްއަށް އެއްވަރަކަށެވެ. ހައުސްތަކަށް ލިބޭ ފައިސާ ޚަރަދުކުރާނީ ދަރިވަރުންނާ ގުޅުން ހުރި އެކި ހަރަކާތްތަކަށެވެ.
މިފަދަ ކޮންމެ ކަމެއްގައި ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން އެ ސްކޫލުން ފާހަގަކުރެއެވެ.
ދުވާފަރު ޕްރައިމަރީ ސްކޫލުގައި ކިޔަވައި ދެނީ ފައުންޑޭޝަނުން ފެށިގެން 6އާ ހަމައަށެވެ.
advertisment
ހިޔާލު