ސިލަބަހުގައި ހުންނަ ފޮތްތައް ކިޔުމާ އެއްވަރަށް، ވަށައިގެންވާ މުޖްތަމަޢުގައި ހިނގާ ކަންތައްތަކަށް ދަރިވަރުން އަހުލުވެރިވާންޖެހޭ

ސިލަބަހުގައި ހުންނަ ފޮތްތައް ކިޔުމާ އެއްވަރަށް ވަށައިގެންވާ މުޖްތަމަޢުތަކުގައި ހިނގާ ކަންތައްތަކަށް ދަރިވަރުން އަހުލުވެރިވާންޖެހޭ ކަމަށް ޑިޕާޓްމަންޓް އޮފް އެގްޒަމިނޭޝަނުން ބުނެފިއެވެ.

އިމްތިހާނަށް ތައްޔާރުވުމާއި އިންތިޙާނުތަކާގުޅޭ ގޮތުން "ދިލާސާ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ނައިބް މުޙައްމަދު އިހުސާން ވިދާޅުވީ ގޮތުގައި އިމްތިޙާނަށް ތައްޔާރުވާއިރު ވެސް ދަރިވަރުން ކަރަންޓް އެފެއަރޒަށް އަހުލުވެރިވުން ވަރަށް މުހިންމު ކަމަށެވެ.

" އެ ވަގުތަކު މުޖްތަމައުގައި ހިނގާ ކަންތައްތަކަށް، ދުނިޔޭގެ އެންމެ ހޫނު ޚަބަރުތަކަށް ސަމާލުކަންދީ މައުލޫމާތު ހޯދާ ލިބިގަތުމަކީ އެއީ ދަރިވަރުން ކުރަންޖެހޭނެ ކަމެއް. ކޮންޓެންޓާ އެއްވަރަށް ވަށައިގެން މުޖްތަމައުގައި ހިންގާ ކަންތައްތަކަށް ސަމާލުކަންދޭންޖެހޭ" އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، އިމްތިޙާނު ފޯރުކޮށްދޭ ކެމްޕްރިޖް އެގްޒަމިނޭޝަންސްގެ ބޭފުޅުންނާ ބައްދަލުވެ ވާހަކަ ދެކެވޭއިރު، ދަރިވަރުން ދިރިއުޅޭ މާހައުލާއި މުޖްތަމައާ ގުޅޭ ވާހަކަތައް ހިމަނައިގެން ނުވަތަ އެކަންކަމުގެ ތެރެއިން ސުވާލުތައް ގެނައުމަށް އިސްކަމެއް ދެއްވާ ކަމަށް އެބޭފުޅުން ވިދާޅުވާ ކަމަށެވެ.

އިހުސާން ވިދާޅުވީ، ޓެކްނޮލޮޖީގެ ގޮތުން ބެލި ކަމުގައި ވިޔަސް މޫސުމަށް އަންނަ ބަދަލުތަކަށް ބެލި ކަމުގައި ވިޔަސް ހަނގުރާމައާ ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުމަށް ބެލިކަމުގައި ވިޔަސް ގުދުރަތީ ކާރިސާތަކާ ބަލިމަޑުކަމަކަށް ބެލިކަމުގައި ވިޔަސް ކޮވިޑްގެ ބަލިކަމަޑުކަމަށް މިހާރު އައިސްފައި އޮތް ހާލަތާ ޤައުމުތަކުގެ އިޤްތިޞާދަށް އައިސްފައި އޮތް ބަދަލާއި ސީރިއާ ތުރުކީއަށް ދާދި ފަހުން އައި ބިންހެލުމާއި އެ ބިންހެލުމާ ގުޅިގެން ދިމާވި ކަންތައްތަކާބެހޭ މައުލޫމާތު ހޯދާ ލިބިގަތުމަކީ އެއީ ދަރިވަރުން ކުރަންޖެހޭނެ ކަމެކެވެ.

" މިފަދަ މައުލޫމާތު ހުރި ލިޔުންތައް ކިޔުމަކީ ސިލަބަހުގައި ހުންނަ ފޮތްތައް ކިޔުމާ އެއްވަރަށް ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަމެއް" އިހުސާން ވިދާޅުވިއެވެ.
" ދިވެހި އިސްލާމް ސުވާލު ކަރުދާސް އަޅުގަނޑުމެން ތައްޔާރު ކުރާއިރުވެސް އެވަގުތަކު މުޖްތަމައުގައި ހިނގާ ކަންތައްތަކަށް ސަމާލުކަންދީގެން ސުވާލުތައް ތައްޔާރު ކުރަން އިސްކަންދެން"

ސާނަވީ އިމްތިޙާން އަންނަ މަހުގެ 25 ވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާއިރު، އިންތިޙާނަށް ތައްޔާރުވުމުގައި ދަރިވަރުންނަށް އެނގެންޖެހޭ މުހިންމު ކަންތައްތަކެއް ވެސް އިހުސާ ފާހަގަކުރެއްވިއެވެ.

އިހުސާން ވިދާޅުވީ، އެންމެ މުހިންމު ކަމަކީ އިންތިހާނަށް ދަރިވަރުން ތައްޔާރުވާއިރު، އެ އިމްތިޙާނުގެ ނަތީޖާއަކީ އޭނާގެ މުސްތަގުބަލަށް، ކުރި މަގުބައްޓަން ކުރަން މުހިންމު ނަތީޖާއެއް ކަމަށެވެ. އަދި ވިދާޅުވީ އިމްތިޙާނުން ލިބޭ ނަތީޖާއަކީ ދަރިވަރުން ކުރިއަށްދާން ބޭނުންވާ ދާއިރާއަށް ވަރަށް ބޮޑު ނުފޫޒުއް ފޯރުވާއެއްޗެއް ކަމަށެވެ.

ސިލަބަހާއި ސިލަބަހުގައި ހިމެނޭ ލާރނިންގ އައުޓްކަމްސްތަކާއި މަޤްޞަދުތައް ޙާޞިލް ކުރުމަށްޓަކައި މުދައްރިސުންނާއެކީ ދަރިވަރުން މަސައްކަތް ކުރާއިރު، މިއިން ކޮންމެ ދާއިރާއަކުން ދަރިވަރަށް ކުރެވޭ މަސައްކަތްތަކަށް ވަކިވަކިން ސަމާލުކަން ދީގެން ކުރުން ވަރަށް މުހިންމުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

" މުޅި މާއްދާއަށް ތައްޔާރު ވުމުގެ ވިސްނުމެއް ބައެއް ފަހަރު ބައެއް ކުދިން ގެންގުޅޭ. ދެ މަހަށް ނޫނީ މަހަކަށް ވީމާ މުޅި ފޮތުގައި އޮންނަ އެއްޗެއް އެއްކޮށް ކިޔައިގެން ދަސްކުރޭ. ކޮންމެ ސިލަބަހެއްވެސް މި އޮންނަނީ އެތައް ބައިވަރު ޔުނިޓްތަކަށް ބައިކޮށްފައި. އަދި ކޮންމެ ޔުނިޓެއްގައި ވެސް އެކިއެކި އޭރިއާތައް ހުރޭ. ސިލަބަހުގައި ހުރި އެކިއެކި އޭރިއާތަކަށް ސަމާލުކަންދީގެން މަސައްކަތް ކުރުމުން ރަނގަޅު ނަތީޖާއެއް ނުކުންނާނީ" އިހުސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި މުޅި ފޮތް ކިޔައިގެން މާއްދާއަށް ތައްޔާރުވުން ދޫކޮށްލާފައި އެ މާއްދާގައި ހިމެނޭ ބައިތަކުގެ ޗެކްލިސްޓެއް ހަދައިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިންމެވެ.

" ޗެކްލިސްޓެއް ހަދައިގެން ވަކިވަކި އޭރިއާތަކަށް ދަރިވަރުން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް. ތިމަންނައަށް މިބައި އެނގިއްޖެއޭ. މި ބައި ދަސްކުރުމަށްޓަކައި މި މައުލޫމާތޭ ހޯދަން ޖެހެނީ. އެކަން ދަރިވަރަކަށް އެނގިފައި އޮންނަންވާނެ. ކޮން މަސައްކަތެއް ތޯ ކުރެވުނީ. ކޮން މަސައްކަތެއްތޯ ކުރަންވީ"

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *