އަމީނިއްޔާގެ މިއަދުގެ އެސެމްބްލީ ޚާއްޞަކުރީ ޤުރުއާން ހިތުދަސްކުރި އެ ސްކޫލްގެ ދަރިވަރު ޝަޢަފްއަށް

އަމީނިއްޔާ ސްކޫލްގެ މިއަދުގެ އެސެމްބްލީ ޚާއްޞަކުރީ ޤުރުއާން ހިތުދަސްކުރި ގެ ސްކޫލުގެ ދަރިވަރު އަލް ހާފިޒް ޝަޢަފް ހާމިދު އިބްރާހިމަށެވެ. މި އެސެމްބްލީގައި ޝަޢަފްގެ މަންމައާއި ބައްޕަ ވެސް ބައިވެރިވިއެވެ.

އަމީނިއްޔާއިން ބުނިގޮތުގައި އެ ސްކޫލުގެ ގުރޭޑް 7 އެފް ގައި މިހާރު ކިޔަވަމުންދާ 13 އަހަރުގެ ޝަޢަފްއަކީ މިހާތަނަށް ޤުރުއާން ހިތުދަސްކުރި އެ ސްކޫލްގެ ފުރަތަމަ ފިރިހެން ދަރިވަރެވެ. މީގެ ކުރިން އަންހެން ދަރިވަރަކު ވަނީ ޤުރުއާން ހިތުދަސްކޮށްފައެވެ.

ޤުރުއާން ހިތުދަސްކުރުމާ ގުޅިގެން އަމީނިއްޔާއިން ވަނީ ޝަޢަފްއަށް ޚާއްޞަ ހަދިޔާއެއް ދީފައެވެ. އަދި ދަރުމަ ޤުރޫޕްގެ ފަރާތުން ޢުމުރާ ދަތުރެއް ވެސް ވަނީ ދީފައެވެ.

ޝަޢަފްއަށް ޚާއްޞަކުރި އެސެމްބްލީ، ޝަރަފުވެރިކޮށް ދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ އަހުމަދު އަލީއެވެ.

ކުޑައިރުއްސުރެ ޤުރުއާން ކިޔެވުމަށް ޝަޢުޤު ހުންނަ ޝަޢަފް ވަނީ ޢުމުރުން ތިން އަހަރުގައި އައްމާފޮތް ހިތުދަސްކޮށްފައެވެ. ޤުރުއާން ހިތުދަސްކުރަން ފެށީ ބައްޕައަކީ ޙާފިޒަކަށް ވުމާއެކު ބައްޕަގެ ފަރާތުން "އެންސްޕެއަރ" ވެގެން ކަމަށް ޝަޢަފް ބުންޏެވެ.

ޝަޢަފް، ޤުރުއާން ހިތުދަސްކުރަން ފެށީ 2019 ވަނަ އަހަރުގެ ތެރޭގައި ޤުރުއާނާބެހޭ މަރުކަޒުންނެވެ. ތިން އަހަރުގެ ތެރޭގައި ޤުރުއާން ހިތުދަސްކޮށް ނިންމާލިއިރު ޢުމުރަކީ 12 އަހަރެވެ. ހާފިޒު ކަމުގެ ސެޓްފިކެޓް ޙާޞިލްކުރީ އެއްވަނަ ދަރަޖައިގައި ފާސްވެގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *