ހަނގާކުރުން ހުއްޓުވަން، އެއްމަސް ދުވަހުގެ ޚާއްޞަ ހަރަކާތެއް މިއަދު ފަށައިފިއެވެ. މިއީ ދަރިވަރުން އިސްނަގައިގެން ސްކޫލްތަކުގައި މިހާރު ކުރިއަށް ގެންދާ " ސްމައިލް އޮން" ކެމްޕެއިނުގެ ދަށުން އެޑިޔުކޭޝަން މިނިސްޓްރީއާއި އާރކް ޖަމިއްޔާއާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ހަރަކާތުގެ މައިގަނޑު އަމާޒަކީ ދަރިވަރުންނަށް ރައްކާތެރިކަން ލިބިގެންވާ، އުނގެނުމަށް ފަހި އަދި ޝާމިލް ވެއްޓެއް ސްކޫލްތަކުގައި ޤާއިމް ކުރުމެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ހަނގާކުރުމަށް ހިންގާ ހަރަކާތް ރޭވިފައި ވާނީ ކޮންމެ ހަފްތާއަކަށް ވަކި ޝިޔާރެއް ކަނޑައަޅައިގެންނެވެ. އެއީ ކައިންޑްނަސް (އޯގާތެރިކަން) ރެސްޕެކްޓް( އިޙްތިރާމްކުރުން) ޓޮލަރަންސް (ތަފާތު ބަލައިގަތުން) ރެސްޕޮންސިވްނަސްއެވެ.
މި މަހުގެ ތެރޭގައި ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ ހަފްތާއަށް ކަނޑައަޅާފައިވާ ޝިޔާރާއި ގުޅުވައިގެން އެސެމްބްލީ ކުރިއަށް ގެންދިއުމާއި، ޝިޔާރާ ގުޅުވައިގެން ކޮންމެ ދުވަހަކު ސްކޫލުގައި ހުރިހާ ދަރިވަރުންނަށް ވަކި ހަރަކާތެއް ކުރިއަށް ގެންދިއުމާއި ދަރިވަރުންނަށް އިބުރަތްތައް ޙާޞިލްވާ ވާހަކަތައް ކިޔައިދިނުމެވެ. މަތީ ގުރޭޑް ތަކުގެ ދަރިވަރުންނަށް ގެންދަނީ ކޭސް ސްޓަޑީސްއާއި އެކަމާ ގުޅޭ ގޮތުން ޑިސްކަޝަންތަކެވެ. ކޮންމެ ހަފްތާއަކު ބެލެނިވެރިންނާއި ޓީޗަރުންނަށް މެސެޖެއް ފޮނުވުންވެސް މި ހަރަކާތުގެ ތެރޭގައި ހިމެނެއެވެ.
ހުރިހާ ފަރާތްތަކުން މި ކެމްޕެއިނުގައި ބައިވެރިވެ ޤައުމީ ފެންވަރުގެ ކެމްޕެއިނަކަށް މި ކެމްޕެއިން ހަދައިދިނުމަށް އެދޭ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
advertisment
ހިޔާލު