ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން ޝާމިލުކޮށްގެން ސްކޫލް މާހައުލުގައި ކުޅެވިދާނެ ޕެރަލިމްޕިކް ކުޅިވަރުތައް ދަސްކޮށްދޭނެ ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޕެރަލިމްޕިކްއިން ފަށައިފިއެވެ.
ރާއްޖޭގެ އެންމެ އުތުރުގެ ދެ އަތޮޅާއި އެންމެ ދެކުނުގެ ދެ އަތޮޅުގައި ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޕެރަލިމްޕިކް އިން ވަނީ ނިންމާލާފައެވެ.
މޯލްޑިވްސް ޕެރަލިމްޕިކްގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު މުޙައްމަދު ދަރިވަރު ނޫހަށް ވިދާޅުވީ، ޓީޗަރުން ތަމްރީނު ކުރުމުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން ޝާމިލުކޮށްގެން ސްކޫލްތަކުގައި ކުޅިވަރުތައް ކުޅޭނެ މާހައުލެއް އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

" އަޅުގަނޑުމެން އެކުލަވާލި ޕްރޮޖެކްޓްގައި ކަނޑައަޅާފައި އޮންނާނީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ޕެރަލިމްޕިކް ކުޅިވަރުތަކަށް ޚާއްޞަ ޓީޗަރުން ތަމްރީނު ކުރަން. އެ މަސައްކަތް މިހާރު ކުރަމުން މިދަނީ. އުތުރާއި ދެކުނުގެ ހަތަރު އަތޮޅެއްގެ މަދު ސްކޫލްތަކުގައި ފިޔަވައި އެހެން ސްކޫލްތަކުގައި ޓީޗަރުން ތަމްރީނު ކުރެވިއްޖެ" އަހުމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެންމެ އުތުރުގެ ރަށްރަށުގެ ސްކޫލްތަކުގެ ތެރެއިން ތަމްރީނު ނުކުރެވޭ ރަށްރަށުގެ ސްކޫލްތަކުގެ ޓީޗަރުން ތަމްރީނު ކުރުމާ ގުޅޭ ގޮތުން އެޑިޔުކޭޝަން މިނިސްޓްރާއެކު މަޝްވަރާ ވެސް ކުރައްވާފައިވާ ކަމަށެވެ.
އަހުމަދު ވިދާޅުވީ، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ކުޅިވަރުތަކުގައި ޝާމިލު ކުރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކޮންމެ ކުއްޖަކު ވެސް އެސެސްކޮށް އެކުއްޖަކަށް ކުޅެވޭނެ ކުޅިވަރުތައް ކަނޑައަޅާނެ ކަމަށެވެ. އެ ކުޅިވަރުތައް ކުރިއަށް ގެންދާނީ "އެޑަޕްޓިވް ސްޕޯޓްސް"ގެ ގޮތުގައެވެ.
" ހުރިހާ ކުދިން ޝާމިލުކޮށްގެން ރެގިއުލާ ކުޅިވަރުތަކެއް ކުޅުމުގެ ފުރުޞަތު މީގެ ސަބަބުން ތަނަވަސްވާނެ. މީގެ ސަބަބުން ތެރަޕިއުޓިކް ސާވިސްއެއް ނުލިބޭ ދަރިވަރުންގެ ދުޅަހެޔޮ ކަމަށް ހެޔޮ ބަދަލެއް އަންނާނެ" އަހުމަދު ވިދާޅުވިއެވެ.
މި އަހަރުގެ ތެރޭގައި މާލެ އަތޮޅާއި ށ، ނ،ރ،ބ، ގައި ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. ބަޖެޓްގެ ތެރެއިން ތަން ދޭނަމަ ގއ. އާއި ގދ އަތޮޅުގައި ވެސް އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ، އިންޓަރނޭޝަނަލް ޕެރަލިމްޕިކްގައި ބައިވެރިވުމަށްފަހު، މުބާރާތްތަކުގައި ބައިވެރިވާންޖެހޭ ކަމަށާއި، މިހާރު ބައިވެރި ވަނީ އަތްފުނާ އަޅާލައިގެން ހޮވޭ މަދު ކުދިންތަކަކާ އެކުގައި ކަމަށެވެ.
" އަދި އެންމެ ހަތަރު ކުއްޖަކު އިންޓަރނޭޝަނަލީ ރަޖިސްޓަރ ކުރެވުނީ" އަހުމަދު ވިދާޅުވިއެވެ.
" އެނެމް ދަށުން ފަށައިގަތް މަސައްކަތް ކާމިޔާބު ކަމާއެކު ގެންދެވިގެން ރަނގަޅު ކާމިޔާބެއް ދުނިޔޭގެ ފެންވަރުގައި ލިބޭނީ. ކުރިން އިންކުލޫސިވް ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭ. މިހާރު އެ ފުރުޞަތު އޮތީ ފަހިކޮށް"
އަހުމަދު ވިދާޅުވީ، ތީޗަރުން ތަމްރީނު ކުރެވި، ކުދިންނަށް ކުޅިވަރު ކުޅުމަށް ފުރުޞަތު ދެވި، ޤައުމީ ފެންވަރުގައި ތަމްރީނު ދޭން ފަށާނެ ކަމަށާއި، އޭގެ ފަހުން ދުނިޔޭގެ ފެންވަރުގައި ވާދަ ކުރާނެ ކުދިން އުފެއްދޭނެ ކަމަށެވެ.
advertisment
ހިޔާލު