ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން އިންތިޒާމްކޮށްގެން ހިންގާ ކާބޯތަކެތީގެ މައުރަޒު "އެމްއެންޔޫ ފަހި ސުފުރާ" އަންނަ މާރޗް މަހުގެ އެއްވަނަ ދުވަހު ފަށާގޮތަށް ހަމަޖައްސައިފިއެވެ. މިއީ އެ ޔުނިވަރސިޓީން ބާއްވާ މިފަދަ ދެވަނަ ފެސްޓިވަލެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ، އެ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައި ކުރިއަށް ގެންދާ މި ފެސްޓިވަލުގައި ތަފާތު އެކި ވިޔަފާރިތަކުންނާއި އަމިއްލަ ބައެއް ފަރާތްތައް ހިމެނޭ ގޮތަށް 17 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މި ފެސްޓިވަލްގައި 300އަށް ވުރެއް ގިނަ ވައްތަރުތަކުގެ ކާބޯތަކެތި ލިބިގެންދާނެ ކަމަށެވެ.
އާންމުންނަށް ހިލޭ ވަދެވޭ، މި ފުޑް ފެސްޓިވަލް ހުޅުވިފައި ހުންނާނީ މާރޗް މަހުގެ 1ން 2އަށް، ކޮންމެ ދުވަހަކު 10:00ން 22:00 އަށެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ، ފަހި ސުފުރާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދިވެހީންގެ ތެރޭގައި ތިބި ކާބޯތަކެތި އުފެއްދުންތެރިން އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ. އަދި ކާބޯތަކެތި ވިއްކުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހި ކޮށްދީ އެފަދަ މާޙައުލެއް އުފެއްދުމަކީ ވެސް މި ބާޒާރުގެ މަޤްޞަދެކެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ، އެ ޔުނިވަރސިޓީގެ ސްޓާފުންނާއި ދަރިވަރުންގެ ސްޓޯލްތަކެއް ވެސް މި ފެސްޓިވަލްގައި ހުންނާނެ ކަމަށާއި، ކުޑަކުދިންގެ ހަވީރެއް ވެސް ފެސްޓިވަލް އޮންނަ ދެ ދުވަހު ހަވީރު، 4ން 6އަށް ކުރިއަށް ގެންދާނެ ކަމަށެވެ.
advertisment
ކިޔުންތެރިންގެ ޚިޔާލުތައް
މިކަހަލަ އެކި ކަންތަކުން ކުދި ވިޔަފާރިތަކަށް ވަރަށް ބޮޑު ހިއްވަރެއް އެބަ ލިބޭ އިތުރަށް ކުރިއަށްދިއުމަށް އަދި ޔުނީގަ ކިޔަވަމުން ދާއިރު އިތުރަށް ހިއްވަރު ލިބޭ އާކަންތައް ކުރާށާ ކިޔެވި އެއްޗިހި ތަރައްޤީ ވިސްނުމަކުން ވިސްނަން…ވަރަށް ބޮޑަށް ޝުކުރިއްޔާ މިފަދަ ފުރުޞަތުތަކަށް!