ހުޅުދުއްފާރު ސްކޫލުގެ ގައިޑުންނާއި ސްކައުޓުންގެ މަގުމަތީ ހަރަކާތުން 43،000 ރުފިޔާ ސީރިއާއާއި ތުރުކީގެ ރައްޔިތުންނަށް

"ސްމައިލް އޮން ކެމްޕެއިން" ގެ ދަށުން، ރ. ހުޅުދުއްފާރު ސްކޫލްގެ ގައިޑުންނާއި ސްކައުޓުން މަގުމަތީ ހަރަކާތެއް ބާއްވައި، ސީރިއާއާއި ތުރުކީގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވާން 43،000 ރުފިޔާ ހޯދައި،ފިއެވެ.
މިއީ ދަރިވަރުންގެ އިސްނެގުމާއެކު ދޮޅު ގަޑިއިރުގެ ތެރޭގައި އެ ދަރިވަރުން ހޯދި ފައިސާއެވެ.
ހުޅުދުއްފާރު ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ފަޔާޒު ދަރިވަރު ނޫހަށް ވިދާޅުވީ، ދަރިވަރުން ފެށި އެހީގެ ހަރަކާތުގައި ހުޅުދުއްފާރުގެ އެކިއެކި މުއައްސަސާތަކުން ވެސް ބައިވެރިވި ކަމަށެވެ. އެ ހުރިހާ މުއައްސަސާތަކުން ހޯދި ފައިސާއާއެކު އެހީގެ ގޮތުގައި ތުރުކީއާއި ސީރިއާގެ ރައްޔިތުންނަށް ދިނުމަށް މިހާތަނަށް ލައްކައެއްހާ ރުފިޔާ ލިބިފައިވާ ކަމަށް ފަޔާޒު ވިދާޅުވިއެވެ.

" އެންމެ ބޮޑު އަދަދެއް މި ހޯދީ ދަރިވަރުން ނުކުމެ މަގުމަތީގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުން" ފަޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސްކައުޓުންނާއި ގައިޑުން މަގުމަތީގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި 120 ދަރިވަރުން ބައިވެރިވި ކަމަށެވެ.
" މިއީ ދަރިވަރުންގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެއް. ދަރިވަރުންގެ އިސްނެގުމުން އެހެން މުއައްސަސާތަކުން ބައިވެރިވީ" ފަޔާޒު ވިދާޅުވިއެވެ.
" އިންސާނިއްޔަތައް އެހީތެރިވުމުގައި އަބަދު ވެސް ތައްޔާރަށް ތިބިކަން މި ދަރިވަރުން ދައްކައިދީނީ"

އެހެން ސްކޫލްތަކުން ވެސް އަންނަނީ ތުރުކީއާއި ސީރިއާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ހަރަކާތްތައް ރާވައި އެހީ ހޯދަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *