ގއ. ގެމަނަފުށީ ގުރޭޑް ދިހައެއްގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ހިތްވަރުދީ، އެކުދިންގެ " ފެއަރވެލް" އެ ސްކޫލްގެ ގުރޭޑް ނުވައެއްގައި މިހާރު ކިޔަވަމުންދާ ދަރިވަރުން ބާއްވަދީފިއެވެ.
އެ ސްކޫލުން އެކަން ސިފަކޮށްފައި ވަނީ ގްރޭޑް 9 ގެ ދަރިވަރުން އިސްނަގައިގެން ބާއްވަ ދިން ވަރަށް ފުރިހަމަ ފެއަރވެލް ހަފުލާއެއްގެ ގޮތުގައެވެ.
ގެމަނަފުށީ ސްކޫލްގެ ލީޑިންގ ޓީޗަރު، ފާތިމަތު ޖަމީލް ދަރިވަރު ނޫހަށް ވިދާޅުވީ، މިފަހަކަށް އައިސް ކޮންމެ އަހަރެއްގައި ވެސް ގުރޭޑް ނުވައެއް ދަރިވަރުންގެ ފަރާތުން ގުރޭޑް 10ގައި ކިޔަވާ ދަރިވަރުންނަށް "ފެއަރވެލް" ހަފްލާއެއް ބާއްވާ ކަމަށެވެ. ކުރީ އަހަރު ތަކުގައި އެ ހަފްލާ ބޭއްވުމުގައި ދަރިވަރުންނާއެކު ޓީޗަރުންނާއި ބެލެނިވެރިން ބައިވެރިވި ނަމަވެސް މިފަހަރު ހަފްލާގެ ހުރިހާ ކަމެއް އިންތިޒާމްކޮށް، ބޭއްވީ ގުރޭޑް ނުވައެއްގެ ދަރިވަރުން އަމިއްލައަށް ކަމަށެވެ.

ފާތުން ވިދާޅުވީ، ފެއަރވެލް ހަފްލާއަށް ދުރާލާ ގުރޭޑް ނުވައެއްގެ ދަރިވަރުން ތައްޔާރުވާންފެށި ކަމަށާއި، ޕާޓީގެ ކަންތައްތައް ސްކޫލާ ހިއްސާކުރި ނަމަވެސް، އެ ހަފްލާއަކީ އެ ސްކޫލަށާއި ގުރޭޑް ދިހައެއްގެ ދަރިވަރުންނަށް " ސަޕްރައިޒް"އެއް ކަމަށެވެ.
ގުރޭޑް 10ގެ ދަރިވަރުންނާއި ސްޓާފުންނަށް ދައުވަތު ފޮނުވީ ވެސް އެކުދިން އަމިއްލައަށް ތައްޔާރު ކުރި ކާޑަކުން. ތަނުގެ ޑެކަރޭޝަނާއި އެކުދިންގެ ހެދުންތަކުން ފެށިގެން ކެއުމުގެ ހުރިހާ އިންތިޒާމެއް ވެސް ހަމަޖައްސާފައި ވަނީ ވަރަށް ފުރިހަމައަށް" ފާތުން ވިދާޅުވިއެވެ.
" ކޮންމެ އަހަރަކުވެސް ބާއްވާ ހަރަކާތެއް ވީމާ، ހަފްލާ އޮންނަކަން އެނގޭ. މިހާ ފުރިހަމަކޮށް ކުލަގަދަކޮށް ބޭއްވުން އެއީ ވަރަށް ބޮޑު ސައިޕްރައިޒެއް"
ގެމަނަފުށީ ސްކޫލްގެ ގުރޭޑް 10ގައި 27 ދަރިވަރުން ކިޔަވަމުންދާއިރު، 23 ކުދިން ގުރޭޑް ނުވައެއްގައި ކިޔަވަމުން ގެންދެއެވެ.

ފާތުން ވިދާޅުވީ، ގުރޭޑް ދިހައެއްގެ ހުރިހާ ކުދިން ހިމެނޭހެން، އެ ދަރިވަރުންގެ އެކި ހަރަކާތްތައް ހިމެނޭ ފޮޓޯ ފްރޭމަކީ ވެސް ދަރިވަރުންގެ ހުނަރު ދައްކުވައިދިން ފްރޭމެއް ކަމަށެވެ.
ގުރޭޑް ދިހައެއްގެ ދަރިވަރުންނާ ގުޅޭގޮތުން ވިޑިއޯ ރިޕޯޓް ހުށަހަޅައި ދިނުމާއި، އެ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ޓީޗަރުންނާއި ސްކޫލްގެ މެނޭޖްމަންޓުގެ ފަރާތުން މި ހަޕްލާގައި ވާހަކަ ދެއްކިއެވެ.
" އޯލެވެލްގައި ރަނގަޅު ނަތީޖާއެއް ނެރުމަށް، ޓީޗަރުން ވެސް ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން މާއްދާތަކަށް ވަކިން ހިމެނޭގޮތަށް އިނާމްތަކެއް ވެސް މި ހަފްލާގައި ކަނޑައެޅި"
ގެމަނަފުށީ ސްކޫލުން ބުނީ ކޮންމެ އަހަރަކު ވެސް ބާއްވާ މި ހަފްލާއަކީ ގުރޭޑް ދިހައެއްގެ ދަރިވަރުން އަބަދުވެސް އިންތިޒާރު ކުރެވޭ ހަފްލާއެއް ކަމަށެވެ.
ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 10އާ ހަމައަށް 350 އަށްވުރެ ގިނަ ދަރިވަރުން ގެމަނަފުށީ ސްކޫލުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު