ހުރާ ސްކޫލްގެ އަހަރީ ދުވުން ޚާއްޞަ ކުރަނީ ހާލުގައި ޖެހުނު ތުރުކީއާއި ސީރީއާގެ ރައްޔިންނަށް

މާލެ އަތޮޅު ހުރާ ސްކޫލަށް 36 އަހަރު ފުރުމާ ގުޅިގެން ބާއްވާ އަހަރީ ދުވުމުން ލިބޭ ފައިސާ، ބިންހެލުމާ ގުޅިގެން ހާލުގައި ޖެހުނު ތުރުކީއާއި ސީރީއާގެ ރައްޔިންނަށް އެހީގެ ގޮތުގައި ދޭން އެ ސްކޫލުން ނިންމައިފިއެވެ.

އެ ސްކޫލްގެ އަހަރީ ދުވަހުގެ ދުވުން އޮތީ މާދަމާ ހަވީރު 4:45 ގައި އެ ސްކޫލުގެ ރަސްމީ ގޭޓު ކުރިމަތިންނެވެ.

އަހަރީ ދުވުމުގެ ބިޕް ވިއްކައިގެން ލިބޭ ފައިސާ، ހާލުގައި ޖެހުނު ތުރުކީއާއި ސީރީއާގެ ރައްޔިންނަށް ހަދިޔާކުރާއިރު، ބިޕެއް ބިއްކަނީ ދިހަ ރުފިޔާއަށެވެ. ބިޕް ވިއްކަން ފެށީ އިއްޔެ ހަވީރުއެވެ.

ހުރާ ސްކޫލުން ބުނީ، އަހަރީ ދުވުމުގައި އެ ރަށުގެ ރައްޔިތުންނާއި ކައިރި ރިސޯޓްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށާއި، ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެއީ އެ ސްކޫލްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ސީރިއާއާއި ތުރުކީގެ ރައްޔިތުންނަށް ވެވޭ އެހީއެއް ކަމަށެވެ.

ހުރާ ސްކޫލްގެ ޕްރިންސިޕަލް އާމިނަތު އަރީޝާ ދަރިވަރު ނޫހަށް ވިދާޅުވީ، ބިޕް ވިއްކަން ފެށިތާ ގަޑިއެއްހާއިރުތެރޭ 300 ބިޕް ވިކުނު ކަމަށާއި، އިއްޔެ ނިންމާލިއިރު 500 އެއްހާ ބިޕް ވިކިފައިވާ ކަމަށެވެ.

އަރީޝާ ވިދާޅުވީ، އެ ސްކޫލްގެ އަމާޒަކީ، ސްކޫލްގެ އާބާދީގެ ދެގުނައާ ކައިރިކުރާ އަދަދަކަށް ބިޕް ވިއްކުމެވެ.

" ސްކޫލްގެ އާބާދީގައި މި އުޅެނީ 300 ދަރިވަރުން. އަޅުގަނޑުމެންގެ ޓާގެޓަކީ މަދުވެގެން 600 ބިޕް ވިއްކުން. ވަގުތު ހަމަވިއިރު ބިޕް ނުގަނެވި ތިބި ފަރާތްތަކަށް މިއަދު ބިޕް ވިއްކާނެ. އޭރުން އަޅުގަނޑުމެންގެ ޓާގެޓަށް ދާނެ" އަރީޝާ ވިދާޅުވިއެވެ.

އަރީޝާ ވިދާޅުވީ، ދުވުން ކުރިއަށްދާއިރު ވެސް ފަންޑު ފޮއްޓެއް ބަހައްޓަން ނިންމާފައިވާ ކަމަށެވެ.

ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމުގައި ހާލުގައިޖެހުނު ފަރާތްތަކަށް އެހީވުމަށް ސްކޫލްތަކުން އިސްނަގައިގެން ދަނީ ހަރަކާތްތަކެއް ހިންގަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *