ވ. އަތޮޅު ކެޔޮދޫ ސްކޫލުން ރ. އަތޮޅު ސްކޫލްތަކަށް، ތަޖުރިބާ ހޯދަން ކުރި ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށް އެ ސްކޫލުން ބުނެފިއެވެ.
ރ. އަތޮޅުގެ 11 ރަށަކާއި ބ. އަތޮޅުގެ ތިން ރަށެއްގެ ސްކޫލްތަކަށް ޒިޔާރަތްކޮށް އެ ސްކޫލްތައް ހިންގާގޮތް ކައިރިން ބަލައި ގިނަ ތަޖުރިބާތަކެއް ވަނީ ހޯދާފައެވެ.
ކެޔޮދޫ ސްކޫލްގެ ޕްރިންސިޕަލް ޒައީމާ ހުސައިން ދަރިވަރު ނޫހަށް ވިދާޅުވީ، ހަ ދުވަހުގެ މުއްދަތަށް 14 ރަށަކަށް ކުރި ދަތުރުން އެތައް ތަޖުރިބާއެއް ލިބިވަޑައިގެންފި ކަމަށެވެ.
ޒައީމާ ވިދާޅުވީ، ރ. ހުޅުދުއްފާރު ސްކޫލާއި ރ. އޭއީސީއަކީ އޯލެވެލްއާއި އޭލެވެލްގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ސްކޫލްތަކަށް ވާތީ، އެ ސްކޫލްތަކުން ނަތީޖާ ނެރުމަށް ކުރަމުންދާ މަސައްކަތް މި ދަތުރުގެ ތެރެއިން، ކައިރިން ބެލުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ކަމަށެވެ.

މެމްބަރުންގެ ޓީމަކުން ކުރި ދަތުރުގައި، ވަރަށް ގިނަ ކަންތައްތައް ފާހަގަކުރެވުނު ކަމަށާއި، އޭގެ ތެރެއިން ބައެއް ކަންތައްތަކަކީ ކެޔޮދޫ ސްކޫލުގައި މިހާރުން މިހާރަށް ތަންފީޒު ކުރެވިދާނެ ކަންތައްތައް ކަމަށް ޒައީމާ ވިދާޅުވިއެވެ.
" އުމްރާނީ ގޮތުން ވަރަށް ރީތި ސްކޫލްތަކެއް ފެނިގެން ދިޔައީ. މުވައްޒަފުންނާއި ދަރިވަރުންނަށް ބޭނުން ކުރެވޭނެ ފެހި ފަހި މާހައުލެއް އެ ސްކޫލްތަކުގައި ގާއިމްކޮށްދީފައި ހުރިކަން ފާހަގަކުރެވުނު. ސީނިއަރ މެނޭޖްމަންޓާއި ޓީޗަރުން ވަރަށް ބުރަކޮށް މަސައްކަތްކޮށް، ކުދިންނަށް ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށްޓަކައި ގަދަ އަޅައި މަސައްކަތް ކުރާތަން ފެނުނީ" ޒައިމާ ވިދާޅުވިއެވެ.
ޒައީމާ ވިދާޅުވީ، އެންމެ މުހިންމު ކަމެއް ކަމުގައި ފާހަގަކުރެވުނީ އިދާރީކަންތައްތަކާއި ސްކޫލްގެ މައުލޫމާތުތައް ވަކި ޕޯޓަލްއެއްގެ ތެރެއިން ބަލަހައްޓަވަމުން ގެންދިއުމެވެ.
" އިދާރީ ކަންތައްތައް ވެސް ވަކި ޕޯޓަލްއެއްގެ ތެރެއިން ކުރަމުންދާތަން ފެނުނީ. އެއީ އިދާރީ ކަންތައްތައް ބެލެހެއްޓުމަށް އެތައް ގޮތަކުން ފަސޭހަވެގެންދާނެ ކަމެއް"

ޒައިމާ ވިދާޅުވީ، ދުވާފަރަށް ދިއުމުގެ އެންމެ ބޮޑު ބޭނުމަކީ އެރަށު ޕްރައިމަރީ ސްކޫލަކީ ތީމެޓިކްސް އެންމެ ރަނގަޅަށް ކުރިއަށް ގެންދާ ސްކޫލަށް ވަތީ އެ ސްކޫލްގެ ތަޖުރިބާ ހޯދަން ކަމަށެވެ.
" ތީމެޓިކް އެޕްރޯޗަށް ކިޔަވައިދިނުން ބަދަލު ކުރުމަށް، އަޅުގަނޑުމެންނަށް މައުލޫމާތާއި އެ ސްކޫލުގެ ތަޖުރިބާ އެބޭފުޅުން ހިއްސާކުރި. އަދި އެކަން ތަޖުރިބާ ކުރުމުގެ ފުރުޞަތު ދިން" ޒައީމާ ވިދާޅުވިއެވެ.
އެނާ ވިދާޅުވީ، ކޮންމެ އަހަރަކުވެސް މިފަދަ ތަޖުރިބާ ދަތުރެއްގައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ދާން ނިންމާފައިވާ ކަމަށެވެ.
" މިއީ ފެށުމެއް. ކޮންމެ އަހަރަކުވެސް މިފަދަ ދަތުރެއް ރާވާ އެހެން ތަޖުރިބާ ހޯދުމަކީ އެއީ އަޅުގަނޑުމެންގެ ކަންތައްތައް ހަރުދަނާކޮށް ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް ދިނުމަށް ހުޅުވާލަދެވޭ ދޮރެއް" 200 އަށްވުރެ ގިނަ ކުދިން، ފައުންޑޭޝަން ސްޓޭޖުން ފެށިގެން އޭލެވެލްއަށް ކިޔަވަމުންދާ ސްކޫލްގެ ޕްރިންސިޕަލް ޒައީމާ ވިދާޅުވިއެވެ.
advertisment
ހިޔާލު