25 އަހަރު ތެރޭގައި، ޤައުމީ ގަދަ ދިހައެއްގައި ޖަލާލުއްދީނުގެ 185 ދަރިވަރުން

ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލަށް 25 އަހަރު ފުރުނުއިރު، ސާނަވީއާއި މަތީ ސާނަވީން ޤައުމީ ގަދަ ދިހައެއްގައި އެ މަރުކަޒުގެ 185 ދަރިވަރުން ހިމެނިފައިވެއެވެ.

އެ ސްކޫލުން އާންމު ކުރި މައުލޫމާތަށް ބަލާއިރު، 1998 ވަނަ އަހަރުން ފެށިގެން 2022ގެ ނިޔަލަށް 3،875 ދަރިވަރުން ސާނަވީ އިމްތިޙާނުގައި ބައިވެރިވެފައިވެއެވެ. އޭގެ ތެރެއިން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނީ 116 ދަރިވަރުންނެވެ. 2004 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް 1519 ދަރިވަރުން މަތީ ސާނަވީ އިމްތިޙާނު ހެދިއިރު، 69 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ.

ނޯދަން ސެކަންޑްރީ ސްކޫލުގެ ނަމުގައި 1998 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހު ހުޅުވި ސްކޫލުގެ ނަން، 2001ވަނަ އަހަރު ޖަލާލުއްދީނުގެ ނަމަށް ބަދަލުކުރިއެވެ. ޖެހިގެން އައި އަހަރު އެ ސްކޫލްގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފެށިއެވެ. ގުރޭޑް އެކަކުން ފެށިގެން ގުރޭޑް 12އަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުކުރީ 2020 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެންނެވެ.

މި ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި ޖަލާލުއްދީނުން 6241 ދަރިވަރުން ތަޢުލީމް ޙާޞިލްކޮށްފައިވެއެވެ. އޭގެ ތެރެއިން 4750 ދަރިވަރުން ނިސްބަތް ވަނީ ކުޅުދުއްފުއްޓަށެވެ. ރާއްޖޭގެ 95 ދަށަކުން 1477 ދަރިވަރުން ޖަލާލުއްދީނުން ކިޔަވާފައިވާއިރު، ރާއްޖެއިން ބޭރުގެ 14 ދަރިވަރުން ވެސް އެ ސްކޫލުން ކިޔަވާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *