އަންނަ ރޯދަމަހު، ދަރިވަރުންނަށް ޚާއްޞަ އިޙްޔާ ފޯރަމްތަކެއް ބާއްވަން ނިންމައި، އެ އިޙްޔާ ފޯރަމްތަކުގައި ދަރިވަރުންނަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
ޕީއެސްއެމް ނިވްސްއާ ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، ދަރިވަރުންނަށް ކުރިއަށް ގެންދާ އިޙްޔާ ފޯރަމްތަކުގައި، ކަނޑައަޅާ މައުޟޫއަށް ޕްރެޒެންޓޭޝަން ހުށަހަޅާނީ މަތީ ސާނަވީ ދަރިވަރުން ކަމަށާއި، އެ ދަރިވަރުން ހުށަހަޅައިދޭ މައުޟޫތަކަށް ދުރާލާ ތައްޔާރު ވާނެ ކަމަށެވެ. ކަނޑައަޅާ މައުޟޫތަކަށް ދަރިވަރުން ތައްޔާރު ކޮށްދިނުމުގައި އިލްމްވެރިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދަރިވަރުންނަށް ޚާއްޞަކޮށްގެން ފަސް ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށެވެ.
" ދަރިވަރުން ހުށަހަޅާ ޕްރެޒެންޓޭޝަންތައް ނިމުމުން ސުވާލުކުރުމުގެ ފުރުޞަތު ދޭނެ. ސުވާލުތަކަށް ޖަވާބު ދޭނީ ދީނީ އިލްމްވެރިން"
މިނިސްޓަރު ވިދާޅުވީ، ދަރިވަރުންނަށް ޚާއްޞަ އިޙްޔާ ފޯރަމްތަކުގައި ވާހަކަ ދައްކާ މައުޟޫތައް ކަނޑައަޅާނީ މުޖްތަމައުގެ ހާލަތަށް ރިޔާއަތް ކުރުމަށްފަހު އެންމެ އެކަށޭނެ މައުޟޫތަކަށް ކަމަށެވެ. މިފަދަ އިޙްޔާ ޕްރޮގްރާމް ތަކެއް ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން މިދިޔަ ރޯދަމަހު ވެސް ކުރިއަށް ގެންދިޔައެވެ.
ސްކޫލް ދަރިވަރުންނަށް ގެންދާ އިޙްޔާ ޕްރޮގްރާމުގެ އިތުރުން އާންމުކޮށް ކުރިއަށް ގެންދާ އިޙްޔާ ޕްރޮގްރާމްތައް ވެސް މި އަހަރު ކުރިއަށް ގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
advertisment
ހިޔާލު