ތ. ކަނޑޫދޫ ސްކޫލްގެ ގުރޭޑް 10ގެ ދަރިވަރުންނަށް މާލޭގައި ހުންނަ ޖަމާލުއްދީން ސްކޫލުން ފެނުނީ ތަފާތު މާހައުލެކެވެ.
މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހާ ހަމައަށް ކަނޑޫދު ސްކޫލްގެ ހަ ދަރިވަރުން އެ ކުދިންގެ ނަތީޖާ ރަނގަޅު ކުރުމަށް އެތައް ކަންތައްތަކެއް ދަސްކުރިއެވެ. އޭގެ ނަތީޖާ އެކުދިންގެ ފަރާތުން ފެންނާނެ ކަމާމެދު ކަނޑޫދޫ ސްކޫލުން ޝައްކެއް ނުކުރެއެވެ.
ކަނޑު ހުރަސްކޮށް އެހެން ސްކޫލެއްގައި ކަނޑޫދޫ ސްކޫލުގެ ދަރިވަރުން ކުރި ތަޖުރިބާ ވަރަށް ރަނގަޅު ކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ވަހީދު ދަރިވަރު ނޫހަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ސްކޫލަށް ޖަމާލުއްދީނުން ކޮށްދިނީ ވަރަށް ބޮޑު ކަމެކެވެ. އެއީ ފާހަގަ ނުކޮށް ދޫކޮށްލެވޭ ވަރަށް ވުރެ މުހިންމު ބޭނުންތެރި މަސައްކަތެކެވެ.

" ވަރަށް ކުރު ނޯޓިސްއަކާ އެކު ވެސް އަޅުގަނޑުމެންގެ ދަރިވަރުންނަށް ޖަމާލުއްދީނުން ހޫނު މަރުޙަބާއެއް ކިޔައި، މުހިންމު ބޭނުން ތެރި ފުރުޞަތެއް ތަނަވަސްކޮށްދިނީ" ވަހީދު ވިދާޅުވިއެވެ.
އެނާ ވިދާޅުވީ، ޖަމާލުއްދީނުގައި އެ ސްކޫލުގެ ދަރިވަރުން ހޭދަކުރި ހަ ދުވަހުން ވެސް ނަތީޖާއަށް ބޮޑު ބަދަލެއް އަންނަ ވަރަށް މައުލޫމާތާއި ތަޖުރިބާ ލިބިގެން ދިޔަ ކަމަށެވެ.
" ކޮންޓެންޓް ނޮލެޖްގެ އިތުރުން އެހެން ކުދިންނާއެކު މަސައްކަތް ކުރަން ދަސްވުމާއި ކުދިންގެ ކިޔެވުމަށް އޮންނަ މާހައުލު ތަޖުރިބާ ކުރުމުގެ ފުރުޞަތު ލިބިގެން ދިޔައީ" ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ، އެ ސްކޫލުން އަލަށް ކުރި ތަޖުރިބާގެ އަލީގައި ކޮންމެ އަހަރަކު ވެސް މިފަދަ ޕްރޮގްރާމެއް ހިންގަން ނިންމާފައިވާ ކަމަށެވެ.

" ދަރިވަރުންނަށް މިފަދަ ފުރުޞަތު ތަނަވަސްކޮށްދިން ވަރަކުން ކުދިންގެ ވިސްނުން ތަރައްޤީ ކުރެވޭ. ކުރިއަށް އޮތް ތަނުގައި މިފަދަ ފުރުޞަތު އިތުރުކުރަން މަސައްކަތް ކުރާނަން"
ސަތޭކައަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ކަނޑޫދޫ ސްކޫލުން ބުނީ، ޖަމާލުއްދީނުން ލިބުނު ތަޖުރިބާގެ ސަބަބުން އެ ސްކޫލުގެ ބެލެނިވެރިންނާއި އެ ސްކޫލާ އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ އިތުބާރު ލިބިގެން ދިޔަ ކަމަށެވެ.
ކަނޑޫދޫ ސްކޫލްގައި ކިޔަވައި ދެނީ ކޮމްބައިންޑް ސްޓްރީމެވެ. ޖަމާލުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި އެ ސްކޫލުގެ ބީޓެކް ދަރިވަރުން ވެސް ބައިވެރިވިއެވެ.
advertisment
ހިޔާލު