ހދ. އޭއީސީގެ ޕީޓީއޭގެ މަސައްކަތު ދުވަސް: 4 ގަޑިއިރުތެރޭ 116،000 ރުފިޔާ

ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭގެ މަސައްކަތު ދުވަހުގެ ހަރަކާތްތަކުން، އެންމެ ހަތަރު ގަޑިއިރުތެރޭ، 116،645 ރުފިޔާ ހޯދައިފިއެވެ.

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުޙައްމަދު މަތީން ވިދާޅުވީ އެ މަރުކަޒުގެ ބެލެނިވެރިންނަކީ ނަމޫނާ ބެލެނިވެރިން ކަމަށާއި، ހަތަރު ގަޑިއިރުން ލައްކައެއްހާ ރުފިޔާ ހޯދުމަކީ އެއީ އޭގެ މިސާލެއް ކަމަށެވެ.

" މިއީ ނަމޫނާ ބެލެނިވެރިން ތަކެއް. ސްކޫލުން ހިންގާ ގިނަ ހަރަކާތްތަކުގައި ކުރަންޖެހޭ ޚަރަދުގެ ބޮޑުގައި ހޭދަކުރަނީ ޕީޓީއޭއިން" މަތީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފަންޑްރެއިޒިންގެ ގޮތުގައި ކޮންމެ އަހަރަކު ވެސް އެކި ދުވަސްތަކަށް ބަހާލައިގެން ހަތަރު ޙަރަކާތެއް ހިންގާ ކަމަށާއި، ޑިނަރނައިޓާއި ޚާއްޞަ ދުވުމުގެ ޙަރަކާތެއް މި އަހަރު ކުރިއަށް އެބަ އޮތް ކަމަށެވެ.

ދުވުމުގެ ހަރަކާތް ކުރިއަށް ގެންދަނީ އެ ސްކޫލުގެ 44 ވަނަ އަހަރީ ދުވަހާ ވެސް ގުޅުވައިގެންނެވެ.

އެ މަރުކަޒުގެ އަހަރީ ދުވަހަކީ މާރޗް އެއް ވަނަ ދުވަހެވެ.

މަތީން ވިދާޅުވީ މަސައްކަތު ދުވަހުން ލިބުނު ފައިސާ ޚަރަދުކުރަން ޕީޓީއޭއިން ނިންމާފައި ވަނީ ޖުބުލީ ޕާކް، ޒަމާނާ އެއްގޮތަށް ރީޑިންގ ޕާކެއްގެ ގޮތުގައި ތަރައްޤީ ކުރުމަށެވެ.

އަންނަ ހަފްތާގެ ތެރޭގައި ޕާކުގެ މަސައްކަތް ހަވާލުކުރެވި އެ މަސައްކަތުގެ އަމަލީބައި ފެށޭނެ ކަމަށް މަތީން ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *