ގއ. އަތޮޅު މަދަރުސާގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ޚާއްޞަ ހަރަކާތެއް ކޮލަމާފުށީ ކައުންސިލުން ފަށައިފިއެވެ.
މި ހަރަކާތް ކުރިއަށް ގެންދަނީ އެރަށު ކައުންސިލުން އިސްނަގައިގެން، ސަރުކާރުގެ މުއައްސަސާތަކާއި، ގުޅިގެންނެވެ.
ކޮލަމާފުށީ ކައުންސިލުން ބުނީ، މި ހަރަކާތުގައި ޢާންމު ރައްޔިތުންގެ އަތުގައި ހުރި، އެފަރާތްތަކުން ނައްތާލަން ބޭނުންނުވާ، ނަމަވެސް އެހެން ފަރާތަކުން އެތަކެތި ހެޔޮގޮތުގައި ބޭނުން ހިފާނެކަމުގެ ޔަގީންކަން ލިބިއްޖެ ޙާލަތެއްގައި ލަބްރަރީއަށް ހަދިޔާކުރަން ބޭނުންވާ ފޮތް ހޯދުމާއި ލައިބްރަރީއަށް ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެތަކެތި ފަސޭހައިން ހަދިޔާކުރެވޭނެ އިންތިޒާމް ކައުންސިލުން ހަމަޖައްސައި ދޭނެ ކަމަށެވެ.

ކިއުމަށްފަހު ގޭގައި އިތުރުވެފައި ހުންނަ ފޮތް، އުކާލުމުގެ ބަދަލުގައި އެހެން ބަޔަކަށް ބޭނުން ކުރަން ދިނުމުގެ ރިވެތި އާދަ ޢާންމުންގެ މެދުގައި އަށަގެންނެވުމާއި، ހިލޭސާބަހަށް ލައިބްރަރީއަށް އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމަކީ ވެސް މި ހަރަކާތުގެ މަޤްޞަދެއް ކަމަށް ކޮލަމާފުށީ ކައުންސިލުން ބުނެއެވެ.
ކޮލަމާފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދު ވިދާޅުވީ، އެކައުންސިލުން އަމާޒު ހިފަނީ 800 އެންހާ ފޮތް ކުރިއަށް އޮތް ދެ ތިން ހަފްތާގެ ތެރޭގައި ފޯރުކޮށްދެވޭނެ ކަމަށެވެ.
" ސްކޫލްގެ ލައިބްރަރީގެ ހާލަތު ބަދަލުކުރަން މިއީ ވަރަށް މުޙިންމު ފުރުޞަތެއް. އެހެންވެ ކައުންސިލުގެ އިސްނެގުމާއެކު ފޮތް ހަދިޔާ ކުރުމަށް ކެމްޕެއިނެއްގެ ތެރެއިން މަސައްކަތް ފެށީ" އިބްރާހިމް ވަހީދު ދަރިވަރު ނޫހަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިހާރުވެސް ރަށުގެ ރައްޔިތުންނާއި ހެޔޮއެދޭ ފަރާތްތަކުން ކައުންސިލުގެ އެ ހަރަކާތުގައި ބައިވެރިވެ ފޮތް ހަދިޔާ ކުރަމުންދާ ކަމަށެވެ.
ފޮތް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން 7340017 ނަމްބަރު ފޯނުން މައުލޫމާތު ސާފުކުރެވޭނެ ކަމަށް ކޮލަމާފުށީ ކައުންސިލުން ބުނެއެވެ.
advertisment
ހިޔާލު