ބިލެތްފަހީ ސްކޫލުން "ދަނޑުވެރި ދަރިވަރު" ޕްރޮގްރާމް ފަށައިފި

ދަނޑުވެރިކަމަށް ދަރިވަރުންގެ ޝަޢުޤު އުފެއްދުމަށް، ބިލެތްފަހީ ސްކޫލުން "ދަނޑުވެރި ދަރިވަރު" ޕްރޮގްރާމް ފަށައިފިއެވެ.

އެ ޕްރޮގްރާމު ކުރިއަށް ގެންދަނީ ގުރޭޑް 6ން ފެށިގެން 9ގެ ދަރިވަރުންނަށެވެ.

ބިލެތްފަހީ ސްކޫލޫގެ ޕްރިންސިޕަލް އަމްޖަދު ހުސައިން ވިދާޅުވީ، ދަނޑުވެރިކަމުގެ ދާއިރާއިން ކާމިޔާބީ ހޯދަން ބޭނުންވާ ހުނަރާއި އަޚްލާޤާއި ވިސްނުން މި ޕްރޮގްރާމުގެ ތެރެއިން ދަރިވަރުންނަށް ދަސްކޮށްދޭނެ ކަމަށެވެ.

ބިލެތްފަހީ ސްކޫލުން އަލަށް ފެށި ދަނޑުވެރި ޕްރޮގްރާމުގައި އިންދީ ކިއުކަމްބާއާއި ލެޓިއުސްއާއި ތޮރާގެ އިތުރުން ބައްޓެވެ. މީގެ އިތުރުން ކޮޕީފަތް އިންދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ސްކޫލުން ބުނެއެވެ.

ދަނޑު ބަލަހައްޓަނީ ދަރިވަރުން ގުރޫޕްތަކަށް ބަހާލައިގެން ކޮންމެ ކުރޫޕަކުން މަސައްކަތް ކުރާގޮތަށެވެ.

" ގުރޫޕްތަކަށް ބަހާލައިގެން ދަރިވަރުން ގަސްތައް ބަލަހައްޓައި، ފެންދީ ހުރިހާ މަސައްކަތެއް އަމަލީ ގޮތުން ކުރާނީ. އެމީހުންނަށް އެހީވާނީ އެންވަޔަރަމަންޓް ކުލަބުގެ ޓީޗަރުން" އަމްޖަދު ވިދާޅުވިއެވެ.

" މި ޕްރޮގްރާމަށް ދަރިވަރުންނާއި އެންވަޔަރަމަންޓް ކުލަބުގެ ޓީޗަރުން ދޭ ޝަޢުޤުވެރިކަން ވަރަށް ބޮޑު. އޭގެ ސަބަބުން ކާމިޔާބު ކަމާއެކު މި ޕްރޮގްރާމް ކުރިއަށް ގެންދަން މަގުފަހިވޭ"

އަމްޖަދު ވިދާޅުވީ، އަންނަ މާރޗް މަހުގެ ތެރޭގައި މިހާރު އިންދާފައި ހުރި ބާވަތްތައް ބާޒާރަށް ނެރެވޭ ވަރުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ދަނޑުވެރި ކަމުގެ އުފެއްދުންތައް ބާޒާރަށް ނެރުމާއި އެ ވިއްކާނެ ގޮތުގެ ޕްލޭނެއް އެކުލަވާލަން ބިޒްނަސް ކުލަބާ ހަވާލުކޮށްފައިވާ ކަމަށާއި، މާކެޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ކުލަބުގެ ދަރިވަރުން ބައިވެރިކޮށް، އެ ދަރިވަރުންގެ ޚިޔާލާ އެއްގޮތަށް ކަމަށެވެ.

" ބިޒްނަސް ކުލަބުން ކުރިއަށް އެބަގެންދޭ ސްކޫލުގައި ހައްދާ ދަނޑުވެރި އުފެއްދުންތައް މާކެޓް ކުރާނެ ގޮތުގެ ޕްލޭނެއް. މާލެއަށް ފޮނުވައިގެން ވިއްކުމާއި، އެގްރޯއާ ބައިވެރިވެގެން މާކެޓް ކުރުން ފަދަ މަސައްކަތް އެކުދިންގެ ޚިޔާލާއެކު ކުރިއަށް ގެންދާނީ" 130 ދަރިވަރުން ކިޔަވަމުން ގެންދާ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

އަމްޖަދު ވިދާޅުވީ، ސްކޫލްގެ ގޯތިތެރޭގައި އޮތް ޖާގައިގައި ދަނޑުވެރިކަމުގެ ޕްރޮގްރާމް ހިންގަން އުނދަގޫތަކެއް ހުރުމާއެކު 3000 އަކަފޫޓްގެ ދަނޑެއް ސްކޫލަށް ދޭނެ ކަމަށް ކައުންސިލުން ބުނެފައިވާ ކަމަށެވެ. އެ ދަނޑު ލިބުމާއެކު ފުޅާ ދާއިރާއެއްގައި "ދަނޑުވެރި ދަރިވަރު" ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވާފައެވެ.

" ކުދިންގެ ފަރާތުން ފެނުނީ މި ކަމަށް އޮތް ޝަޢުޤު. ދެން އޮތީ ދެމެހެއްޓެނެވި ގޮތެއްގައި އާމްދަނީ ވެސް ލިބޭ ގޮތަށް ވަށާޖެހޭ ގޮތަށް މި މަސައްކަތް ފުޅާކޮށް ކުރިއަށް ގެންދިއުން" އަމްޖަދު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *