ސާނަވީ ތަޢުލީމަށް ޚާއްޞަކޮށްގެން، 10 މިލިއަން ޑޮލަރުގެ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ފަށައިފި

ސާނަވީ ތަޢުލީމަށް ޚާއްޞަކޮށް، ވޯލްޑް ބޭންކުގެ އެހީއާއެކު 10 މިލިއަން ޑޮލަރުގެ އެޓޯލް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ރާއްޖޭގައި އިފުތިތާހުކޮށްފިއެވެ.

ވޯލްޑް ބޭންކުގެ ނުވަ މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި ދިވެހި ސަރުކާރުގެ އެއް މިލިއަން ޑޮލަރު ހިމެނޭހެން، މި ޕްރޮޖެކްޓް އިފްތިތާޙުކޮށް ދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ.

ފަސް އަހަރަށް އަމާޒުކޮށްހެން ހިންގާ މި ޕްރޮޖެކްޓްގެ މައިގަނޑު މަގްސަދަކީ ސެކަންޑަރީ ގްރޭޑްތަކުގެ ތައުލީމުގެ ފެންވަރު މަތިކުރުމެވެ.

މި ޕްރޮޖެކްޓަކީ ސްޓެމް އެޑިއުކޭޝަން ތައާރަފްކުރުމާއި، ލިޓްރަސީ އާއި ނިއުމެރަސީގެ ހުނަރު ތައް އިތުރުކުރުމާއި، އާންމު ތައުލީމީ ނިޒާމުގެ ތެރެއިން ވޮކޭޝަނަލް އެޑިއުކޭޝަން ތަންފީޒުކުރުމާއި، ސެކަންޑަރީ ލެވެލްގައި ތައުލީމުގެ ކޮލިޓީ އެޝުއަރެންސް ހަރުދަނާ ކުރުމަށް ފަރުމާކޮށްފައިވާ ޕްރޮޖެކްޓެކެވެ.

 

މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްޓްރެޓެޖިކް ގޮތުން ހޮވާފައިވާ ސްކޫލްތަކުގައި ހޮވޭ މާއްދާތަކަށް ޑިޖިޓަލް ލާނިން މެޓީރިއަލްސް ހިމެނޭ ގޮތަށް ކިޔަވައިދިނުމާއި އުނގެނުމަށް ބޭނުންވާ ވަސީލަތްތައް ލިބިގެންދާނެ އެވެ. މީގެ އިތުރުން 28 ސްކޫލެއްގައި ސްޓެމް ލެބާއި ވޮކޭޝަނަލް އެޑިއުކޭޝަން ލެބްތައް ގާއިމުކުރުމަށް ޓަކައި މި ހޮވާފައިވާ ސްކޫލްތަކުގައި މިހާރު ހުރި ފެސިލިޓީތައް މަރާމާތުކޮށް، މޫސުމާ ރައްޓެހި، ފެހި ކޮންސެޕްޓްތައް ހިމަނައިގެން އައިސީޓީ ލެބްތަކާއި ސައިންސް ލެބްތައް ތަރައްޤީ ކުރަން ވަނީ ނިންމާފައެވެ.

މި މަޝްރޫޢުގެ ދަށުން މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ކަރިކިއުލަމް މެޓީރިއަލްސް ތައްޔާރު ކުރުމަށް އެހީތެރިކަން ލިބިގެންދާނެއެވެ. މި އެހީގެ ސަބަބުން މުދައްރިސުންގެ ފަންނީ ހުނަރުގެ ބޭނުން ހިފައި، ދަރިވަރުންނާ އެކު އިތުރަށް އިންޓަރެކްޓިވް ސެޝަންތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ. އަދި މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށް ޓަކައި ސްކޫލް ބޭސްޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (އެސް.ބީ.ޕީ.ޑީ) އަށް ވެސް މި ޕްރޮޖެކްޓްގެ ދަށުން ޙައްލެއް ލިބިގެންދާނެއެވެ.

ތަޢުލީމީ ކުރިއެރުމާއި ފެންވަރު ބެލެހެއްޓުމުގެ ނިޒާމު، ނިޒާމީ ގޮތެއްގައި ޙައްލުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ޢާންމު ތަޢުލީމީ ނިޒާމުގައި ތަޢުލީމުގެ ފެންވަރު ދެމެހެއްޓުމަށް ރޭ ފެށި އެޓޯލް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭނެއެވެ. ސްކޫލްތަކުގެ ސެލްފް އިވެލުއޭޝަނާއި ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް (ކިއުއޭޑީ) ގެ އެކްސްޓަރނަލް އިވެލުއޭޝަން ހިމެނޭ ގޮތަށް ކޮލިޓީ އެޝުއަރެންސް ރިވިއުތައް މެދުވެރިކޮށް ސްކޫލްތަކުގެ ނަތީޖާ ދެނެގަތުމަށް އެހީތެރިވުމުގެ ގޮތުން ފަރުމާކޮށްފައިވާ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މި ޕްރޮޖެކްޓްގެ ސަބަބުން އެހީތެރިކަން ލިބިގެންދާނެއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ސެކަންޑަރީ ގްރޭޑްތަކުގައި ލާނިން އިމްޕްރޫވްމަންޓަށް ކިއުއޭ ރިވިއުގެ ރިކޮމެންޑޭޝަންތައް ތަންފީޒުކުރުމަށް މާލީ އެހީތެރިކަން ދޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *