މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގައި ބައިވެރިވި، ގދ. އޭއީސީގެ މުޙައްމަދު ފާހިމް އިބްރާހިމަށް އިކޮނޮމިކްސްއިން ކެމްބްރިޖްގެ ބްރިލިއަންސް އެވޯޑް ލިބިއްޖެއެވެ. އަދި އޭނާ ވަނީ ހިސާބާއި ފިޒިކްސްއިން ރާއްޖެއިން އެއްވަނަ ހޯދާފައެވެ.
ސީއެޗްއެސްއީގެ ގުރޭޑް 11ގައި މިހާރު ކިޔަވަމުންދާ ފާހިމް ދިޔައީ ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނަ އަށެވެ. އޭނާއަށް ލިބުނީ، ފަސް މާއްދާއިން އޭ ސްޓަރއާއި ތިން މާއްދާއިން އޭ އެވެ. ދިވެއްސާއި އިސްލާމުގެ އިތުރުން އިނގިރޭސިން ލިބުނީ އޭ އެކެވެ.
ސައިންސް ސްޓްރީމް ކިޔެވި ފާހިމް އިކޮނޮމިކްސް ނެގީ އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައެވެ.
ފާހިމް އުފަންވީ އަވަށްޓެރި އިންޑިޔާއަށެވެ. މަންމައަށް ވިސާ ނުލިބިގެން ރާއްޖެ ބަދަލުވެ، ކިޔަވަން ފެށީ ތިނަދޫ ސްކޫލްގެ ގުރޭޑް 7 ގައެވެ. އޭގެ ފަހުން ބަދަލުވީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒަށެވެ.
ފާހިމްގެ މަންމަ ބުނީ، ގުރޭޑް 8އަށް ނުވަދެވުނީ ދިވެހި ފެންވަރު ދަށްވުމުގެ ސަބަބުންނެވެ.

" އަށަކަށް ވަންނަން ބޭނުންވެގެން ޓެސްޓް ހެދީ، އެހެން މާއްދާތަކުން ފާސްވިޔަސް ދިވެހި ފެންވަރު ނެތީމާ އަށަކަށް ނުވަދެވުނު" ފާހިމްގެ މަންމަ ޝާހީން އަހުމަދު ދަރިވަރު ނޫހަށް ވިދާޅުވިއެވެ.
ޝާހީން ބުނީ، ދިވެއްސާއި އިސްލާމް ކިޔަވަން ފެށީ ގުރޭޑް ހަތަކުން ފެށިގެންނެވެ.
ޝާހީން ބުނީ، ދިވެއްސާއި އިސްލާމަށް މަސައްކަތް ކޮށްދެއްވީ ކިޔަވައިދެއްވި ޓީޗަރުން ކަމަށެވެ. ދިވެހި ޓީޗަރު އާމިނަތު ވަހީދާ އަމިއްލަ އިސްނެގުމަށް ފާހިމްއަށް ކިޔަވައިދޭން ކުރި މަސައްކަތް އޭނާ ފާހަގަކުރިއެވެ.
" އަމިއްލަ އިސްނެގުމާއެކު ހިލޭ ސާބަހަށް ޓިއުޝަންދީ، ގިނަ މަސައްކަތްތަކެއް ކޮށްދިން" ދިވެހިން އޭ އެއް ލިބުނީ ވަހީދާ ކުރި މަސައްކަތުން ކަމަށް ވުމާއެކު، އެކަން އެ އާއިލާއިން ފާހަގަކުރިއެވެ.

ފާހިމް ބުނީ، ހިސާބު މާއްދާއަށް އޮތް ޝައުޤުވެރިކަމާއެކު އެ މާއްދާއިން ރަނގަޅު ނަތީޖާއަކަށް އުއްމީދު ކުރެވުނު ނަމަވެސް އިކޮނޮމިކްސްއާއި ފިޒިކްސްއިން އެވަރުގެ ނަތީޖާއެއް ލިބިދާނެ ކަމަށް އުއްމީދެއް ނުކުރެވޭ ކަމަށެވެ.
ފާއިތުވި އަހަރު އެ ސްކޫލްގެ ކެޕްޓަންގެ ޒިންމާވެސް އަދާކުރި ފާހިމް ބުނީ، ކުދިނަށް ކިޔަވައިދީ، އޮޅުންފިލުވައި ދިނުމަކީ ކިޔެވުމަށް ލިބުނު ބާރެއް ކަމަށެވެ. އޭގެ ސަބަބުން އަމިއްލައަށް ކުރިއަށް ދާން ފަސޭހަވާ ކަމަށް ފާހިމް ބުންޏެވެ.
އިކޮނޮމިކްސްއިން ބްރިލިއަންސް އެވޯޑް ލިބުނަސް ފާހިމްގެ މިސްރާބު ހުރީ މެޑިކަލް ސައިންސާ ދިމާލަށެވެ.
" އަދި ސީދާ ވަކި ދާއިރާއެއް ނުނިންމަން. އެކަމަކު މެޑިކަލް ސައިންސާ ގުޅުންހުރި ދާއިރާއިން ކުރިއަށް ދާނީ"
advertisment
ހިޔާލު