އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ނޫރާނީ ސްކޫލްގެ ޕްރިންސިޕަލަކަށް ފާތިމަތު ހަފުސާ ހަމަޖައްސައިފިއެވެ. ހަފްސާ ކުރިން ހުންނެވީ ށ. ފުނަދޫ ސްކޫލްގެ ޕްރިންސިޕަލަކަށެވެ. ނޫރާނީ ސްކޫލުން ވަނީ ހަފްސާއަށް މަރުޙަބާ ދަންނަވާފައެވެ.
ޕްރިންސިޕަލެއް ހަމަޖެހެންދެން އެ ސްކޫލް ހިންގުމުގައި އިސްކޮށް މަސައްކަތް ކުރައްވަމުން އައީ އައްޑޫ ހައި ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ނަދީމެވެ.
އައްޑޫ ސިޓީ ފޭދޫއަށް އުފަން ހަފްސާ، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާތާ 35 އަހަރު ވެއްޖެއެވެ.
ހަފްސާ، ފުނަދޫ ސްކޫލްގެ ޕްރިންސިޕަލަކަށް ވަޑައިގެންނެވީ 2021 ވަނަ އަހަރުގެ މަރޗް މަހުގެ ތެރޭގައެވެ. އޭނާ ވަނީ 2001 ވަނަ އަހަރު، ހެޑްމިސްޓްރެސް އެއްގެ ގޮތުގައި މަރަދޫ ސްކޫލުގައި މަސައްކަތް ކުރައްވާފައެވެ.
ދަރިވަރު ނޫހަށް ހަފްސާ ވިދާޅުވީ، ނުރާނީ ސްކޫލާ ހަވާލުވެ ވަޑައިގެންނެވީ އާއިލާގެ ކައިރީގައި ހުންނަވައިގެން އަތޮޅަށް ޚިދުމަތް ކުރެއްވުމަކީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.
ނޫރާނީ ސްކޫލުން އޯލެވެލްގައި ބައިވެރިވާނީ މި އަހަރުއެވެ. އެހެންވެ މި އަހަރަކީ އެ ސްކޫލަށް ވަރަށް މުހިންމު އަހަރަކަށް ވާނެއެވެ.
" މި އަހަރަކީ ވަރަށް މުހިންމު އަހަރެއް. އެހެންވެ ވަރަށް ބުރަކޮށް މަސައްކަތް ވެސް ކުރަންޖެހިފައި މި ވަނީ" ހަފްސާ ވިދާޅުވިއެވެ.
ނޫރާނީ ސްކޫލްގައި 300 އެއްހާ ދަރިވަރުން ކިޔަވަމުން ދެއެވެ.
advertisment
ހިޔާލު