ހއ. އޭއީސީއަށް 41 އަހަރު ފުރުން: ދިއްދޫގައި މަދިރި ކޮންޓްރޯލްކޮށް، 1600 ރުއް އިންދަނީ

ހއ. އަތޮޅު ތަޢުލީ މީމަރުކަޒަށް 41 އަހަރު ފުރުމާ ގުޅިގެން، އިޖްތިމާއީ ކަންތައްތަކެއް ކުރަން ނިންމައި، އެ ސްކޫލުން އެއްހާސް ރުއް އިންދަން ވަނީ ނިންމާފައެވެ.

ހއ. އޭއީސީގެ ޕްރިންސިޕަލް އަބްދުﷲ ނާހިދު ވިދާޅުވީ، އަހަރީ ދުވަހާ ގުޅުވައިގެން އެ ސްކޫލުން ނިންމީ ކޮންމެ ދަރިވަރަކަށް ރުކެއް އިންދަން ކަމަށާއި، ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ގިނަ އަދަދެއްގެ ރުއްތައް ލިބިފައިވާތީ، އިންދަން ނިންމާފައިވާ ރުއްތަކުގެ އަދަދު 1600 އަށް މިހާރު އަރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ހދ. އޭއީސީ ހުންނަ ދިއްދޫއަކީ ގަސް މަދު ރަށަކަށްވާތީ، ގަސްއިންދުމަކީ އިޖްތިމާއީ ޒިންމާގެ ދަށުން ވެސް ކުރުން މުހިންމު ކަމަކަށްވާތީ، ރުއް އިންދަނީ އެރަށު ކައުންސިލުގެ މަޝްވަރާގެ މަތިން، ކައުންސިލުން ކަނޑައަޅާ ތަންތަނުގައި ކަމަށެވެ.

" އަޅުގަނޑުމެން ފުރަތަމަ ކަނޑައެޅީ ކޮންމެ ދަރިވަރަކަށް ރުކެއް އިންދަން، އެ ޓާގެޓް ފުރިހަމަވެފައި ވަނިކޮށް، ޣާޒީ ބަންޑާރައިން ސްކޫލުން 150 އެއްހާ ރުއް ހަދިޔާކުރީ. އެއާއެކު މަނަފަރު ރިސޯޓުން ވެސް 500 ރުއް ހަދިޔާކުރީ" ނާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރުއްއިންދުމުގެ ޚާއްޞަ ޙަރަކާތް ފަށާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

އޭނާ ވިދާޅުވީ، ރުއް އިންދާނެ ސަރަޙައްދުތަކާއި ތަންތަން ކައުންސިލުން ކަނޑައަޅާ ފާހަގަކޮށްފައިވާ ކަމަށެވެ. އެ ސަރަހައްދުތަކުގައި ރުއް ދިންދަން ވަޅު ކޮނުމުގެ މަސައްކަތް މިހާރު ކުރިއަށް ދެ އެވެ.

" އިންދާ ރުކުގެ ޖުމްލަ އަދަދެއް އެނގޭނީ މި މަސައްކަތް ނިންމާލެވުމުން" ނާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަހަރީ ދުވަހާ ގުޅުވައިގެން މަދިރިން ސަލާމަތްވުމަށް ޚާއްޞަ މަސައްކަތްތަކެއް ވެސް ކުރަން ނިންމާފައިވާ ކަމަށެވެ. ރަށުގެ ކައުންސިލާ ގުޅިގެން އެ މަސައްކަތް ކުރަނީ މަދިރިންޖެހޭ ބަލިތައް އިތުރުވަމުން ދިއުމާއެކު، ރަށުގެ ރައްޔިތުންގެ އާންމު ސިއްޙަތަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުންނެވެ.

" މަދިރިއާ ދެކޮޅަށް މަސައްކަތް ކުރަން ފަށާނެ ދުވަހެއް ކަނޑައެއް ނާޅަން. ކައުންސިލާއި އެހެން މުއައްސަސާތަކާއެކު ކުރަންޖެހޭ ކަމަކަށް ވާތީ، އެއްމެންނަށް ވެސް ބައިވެރިވެވޭ ދުވަހަކަށް މި ބަލަނީ" ނާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެފަދަ މަސައްކަތްތަކަށް ދަރިވަރުންގެ ބޮޑު ތަރުޙީބަކާއި ޝަޢުޤުވެރިކަމެއް އޮތް ކަމަށެވެ. އަދި ބެލިނިވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބޭމުންދާކަން ނާހިދު ފާހަގަކުރެއްވިއެވެ.

ހއ. އޭއީސީއަށް 41 އަހަރު ފުރުނީ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *