އޭލެވެލްގައި މޭނާ ސްކޫލަކީ "ޗޮއިސްއެއް"

"މޭނާ ސްކޫލަކީ އޭލެވެލް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ޗޮއިސްއެއް" އޭލެވެލްގެ ނަތީޖާއާ މެދު ހިތްހަމަޖެހިވަޑައިގެން ހުންނެވި މޭނާ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ޝަހީމް ދަރިވަރު ނޫހަށް ވިދާޅުވީ އޭލެވަލްއަށް އެ ސްކޫލް ޚާއްޞަ ކަމެވެ.

ފާއިތުވި ދެ އަހަރުގެ ނަތީޖާއަށް ބަލާއިރުވެސް ޝަހީމް އެ ވިދާޅުވި ފަދަ ކާމިޔާބީއެއް އެ ސްކޫލުން ވަނީ ހޯދާފައެވެ. ކޮވިޑާ ގުޅުގެން ފަސްކުރި އިމްތިޙާނުގައި 2020/2021 ވަނަ އަހަރު މަތީ ސާނަވީގެ ގަދަ ދިހައެއްގައި ހިމެނުނީ އެ ސްކޫލްގެ ފަސް ދަރިވަރުންނެވެ. މިދިޔަ އަހަރު އޭލެވެލްގައި 13 ދަރިވަރުން ބައިވެރިވެ 9 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނެވެ.

" މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. ސްކޫލުގެ ޙަޔާތުގައި ވެސް ލިބުނު އެންމެ ރަނގަޅު ނަތީޖާ" ޝަހީމް އިތުރަށް ވިދާޅުވިއެވެ.

400 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދާ މޭނާ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ، އުއްމީދަކީ މިދިޔައަހަރު ލިބުނު ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާއެއް މި އަހަރު ހޯދުމެވެ.

" ކޮންމެ އަހަރަކު ވެސް ރެކޯޑެއް ހަދަމުން މި އަންނަނީ، މި އަހަރު ވެސް މި ރެކޯޑް މުގުރާލުން ބޭނުމަކީ"

މޭނާ ސްކޫލުން ދަނީ ދަރިވަރުންގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭލެވެލްއަށް ކުރާ މަސައްކަތް ފަށައިގަންނަނީ އޭލެވެލް ފެށުމުގެ މާ ކުރިންނެވެ. ފައުންޑޭޝަނުން ފެށިގެން ގުރޭޑް 12އާ ހަމައަށް ކިޔަވައިދޭއިރު، ސާނަވީ މަރުޙަލާގައި އޭލެވެލްއަށް މަސައްކަތް ފަށައެވެ.

" އޯލެވެލްގެ ތެރެއިން އޭލެވެލްއަށް ކުދިން ގެނައުމަށާއި، އެކުދިންނަށް އުއްމީދު އޮތްކަން ހާމަކޮށްދީ، ކިޔެވުމާއިގެން ކުރިއަށްދާން ފުރުޞަތުތައް ފަހިކޮށްދެން. ރަނގަޅު ނަތީޖާއަކާ ހަމައަށް ދިއުމަށް މެނޭޖްމަންޓާއި މުދައްރިސުން އަދި ބެލެނިވެރިން ގުޅިގެން މަސައްކަތްތަކެއް ކުރަން" ޝަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މޭނާ ސްކޫލް ހުންނަ ހޮޅުދޫއާއި އަދި އެއަތޮޅުގެ އެހެން ރަށްރަށުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ވެސް އެ ސްކޫލުން އޭލެވެލްއަށް ކިޔަވަން އަންނަން މަރުޙަބާ ކިޔާ ކަމަށެވެ. އެފަދަ ދަރިވަރުންނަށް އެންމެ ރަނގަޅު ތަނަކަށް އެ ސްކޫލު ވާނެ ކަމުގެ ޔަގީންކަން ޕްރިންސިޕަލް ދެއްވައެވެ.

" ސާނަވީ ނިންމާފައި މަތީ ސާނަވީއަށް ދިއުމަކީ އެއީ ވަރަށް މުހިންމު ކަމެއް. އެފަދަ ދަރިވަރުންނަށް އެންމެ ރަނގަޅު ޗޮއިސްއަކަށް މޭނާ ސްކޫލް ވާނެ"

މޭނާ ސްކޫލުގެ 50 އަހަރުގެ ދިގު ތާރީޚުގައި އެ ސްކޫލުން ވަނީ ކިޔެވުމާއި ކުޅިވަރާއި އަދަބީ އެތަކެއް ޙަރަކާތްތަކެއްގައި ވެސް ނަމޫނާ ދައްކާފައެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *