ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ "ފަހި ދުވަސް" ބުރާސްފަތި ދުވަހު ފަށާއިރު، އޭލެވެލް ދަރިވަރުން ޚާއްޞައެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ، އޭލެވެލް އަދި އެހެނިހެން ނަތީޖާ ލިބިފައިވާ ދަރިވަރުންނަށް ޔުނިވަރިސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ބަލައިގަތުން ވެސް ކުރިއަށްދާނެ ކަމަށެވެ. އަދި ފަހި ދުވަހުގެ ޙަރަކާތްތަކުގެ ތެރެއިން އެ ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީ/ސެންޓަރުތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދޭނެއެވެ. ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ން 6:00 އަށް އަދި ރޭގަނޑު 8:00 ން 10:00 ފަހި ދުވަހުގެ ޙަރަކާތްތައް ކުރިއަށް ދާނެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ފަންނީ ޤާބިލް ލެކްޗަރަރުންނާއެކު ތަފާތު އެތައް ދާއިރާ ތަކުން ތަޢުލީމާއި ތަމްރީން ޕްރޮގްރާމުތަކެއް ހިންގަމުންގެންދާ ޔުނިވަރސިޓީއެކެވެ. ޔުނިވަރސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރަރުން، އެބޭފުޅުންގެ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތުތާއި، މަތީ ތަޢުލީމު ހާސިލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަޢުލޫމާތު، އިވެންޓުގައި ބައިވެރިވާ ފަރާތްތަކާ ހިއްސާކުރައްވާނެ ކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.
ފަހި ދުވަހުގައި މަޢުލޫމާތު ފޯރުކޮށްދެވޭ ދާއިރާތަކުގެ ތެރޭގައި، ބަހާއި އިންސާނީ ޢިލްމުތަކުގެ ދާއިރާ، ތަޢުލީމީ ދާއިރާ، އިންޖިނީއަރިންގ ދާއިރާ، ޞިއްޙީ ދާއިރާ، ފަތުރުވެރިކަމާއި މެހެމާނުދާރީގެ ދާއިރާ، ދީނީ ޢިލްމުގެ ދާއިރާ، ސައިންސްގެ ދާއިރާ، ޝަރީޢަތާއި ޤާނޫނުގެ ދާއިރާ، ވިޔަފާރީގެ ދާއިރާ، ނިޔެމިކަމުގެ ދާއިރާ، އަދި ފައުންޑޭޝަން ކޯސްތަކުގެ ދާއިރާ ހިމެނެއެވެ.
ޤައުމީ ޔުނިވަރސިޓީން ހިންގާ ކޯސްތަކުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި ޖެނުއަރީ މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 02:00ގެ ނިޔަލަށް ހަމަވާނެއެވެ.
advertisment
ހިޔާލު