ލަންދޫ ސްކޫލުން ތަޢާރަފުކުރީ ދަރިވަރުންނާއި ބެލެނިވެރިންނަށް ވެސް ބޭނުން ކުރެވޭނެ "އައުޓް ޑޯ ލައިބްރައީއެއް"

ނ. ލަންދޫ ސްކޫލްގެ އައުޓް ޑޯ ލައިބްރަރީ ހުޅުވައިފިއެވެ. މިލައިބްރަރީ ހުޅުވައިދެއްވީ އެ ސުކޫލު ބޯޑުގެ މެމްބަރ އަލްފާޟިލް މާޖިދު މުހައްމަދެވެ. މިރަސްމިއްޔާތުގައި ލަންދޫގެ މުވައްސަސާތަކުގެ ވެރިންނާއި ސުކޫލުގެ ބެލެނިވެރިންނާއި ސުކޫލުގެ ހުރިހާ ދަރިވަރުން ބައިވެރިވިއެވެ.

ގިނަ އަދަދަކަށް ހެއްލާ އުދޯއްޔާއި ޖޯލިފައްޗާއި ތަފާތު ވައްތަރުގެ ބެންޗުތައް ބަހައްޓާފައިވާ މި ލައިބްރަރީން އެއް ފަހަރާ 180 ދަރިވަރުންނަށް ޚިދުމަތް ފޯރުކޮށް ދެވޭނެއެވެ.

ލަންދޫ ސުކޫލުގެ ޕްރިންސިޕަލް ޔޫސުފް ޢަބުދުއްރަޙީމް ވިދާޅުވީ، މިލައިބްރަރީ އަކީ ދަރިވަރުންގެ ބަސްކޮށާރާއި ކިޔުންތެރިކަން ރަގަނޅު ކުރުމުގެ މަޤްސަދުގައި ހުޅުވި ލައިބްރަރީއެއް ކަމަށާއި، އެންމެ ފަނަރަ ވަރަކަށް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވުނީ ގިނަ ފަރާތްތަކެއްގެ ބޮޑު އެހީތެރިކަމެއް ލިބިގެން ކަމަށެވެ.

" މިހާބޮޑު މަސައްކަތެއް މިކުރެވުނީ މުވައްސަސާތަކާއި ސުކޫލު ބޯޑާއި ޕީޓީއޭ އާއި ބެލެނިވެރިންނާއި ސުކޫލުގެ ސަޕޯޓިން ސްޓާފުންނާއި ރަށުގެ ބައެއް ކުންފުނިތަކުގެ އެހީ ތެރިކަމާއި އެކު. ސުކޫލު ހުރިހާ ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން މިއެންމެހާ ފަރާތަކަށް ޝުކުރު އަދާކުރަން " ޔޫސުފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގަޑިޖެހެންދެން ބެލެނިވެރިންނާއި ދަރިވަރުން ވެސް ސްކޫލަށް ނުވަދެ ބޭރުގައި މަޑުކުރަން ނުޖެހޭނެ ކަމަށާއި، އެފަދަ ކޮންމެ ވަގުތެއްގައި ވެސް ލައިބްރަރީގެ ބޭނުން ހިފޭނެ ކަމަށެވެ.

" އަޅުގަނޑުމެންގެ ބޭނުމަކީ ދަރިވަރުންގެ އިތުރުން ބެލެނިވެރިން ވެސް ފޮތްތެރި ބަޔަކަށް ހެދުން" ޔޫސުފު ވިދާޅުވިއެވެ.

ޔޫސުފު ވިދާޅުވީ، އެ ސްކޫލުން ބާއްވާ ބައެއް ބައްދަލުވުންތައް ވެސް އައުޓް ޑޯ ލައިބްރަރީގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.

ލައިބްރަރީ ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ދަރިވަރުންނާއި ސުކޫލުގެ ޓީޗަރުން އަދި މުވައްސަސާތަކުގެ ފަރާތުން ވަނީ އެ ލައިބްރަރީ އަށް ފޮތް ހަދިޔާ ކޮށްފައެވެ.

ލަންދޫ ސްކޫލުގައި 206 ދަރިވަރުން ލިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *