މުނީޒާ، މެލޭޝިއާގެ ފުރަތަމަ ދިވެހި ޕްރޮފެސަރަކަށް

މެލޭޝިއާގެ ޔުނިވަރސިޓީ އިންޓަނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އައިއެންސީއީއައިއެފް)ގެ ޕްރޮފެސަރަކަށް ޑޮކްޓަރ އައިޝަތު މުނީޒާ އައްޔަންކޮށްފިއެވެ. އެސޯސިއޭޓް ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި މުނިޒާ، ހުސްވި ޑިސެމްބަރު މަހުގެ ތެރޭގައި ފްރޮފެސަރަކަށް އައްޔަން ކުރުމާއެކު އެކަމަނާ ވެވަޑައިގެންނެވީ މެލޭޝިޔާގެ ޔުނިވަރސިޓީއެއްގައި މަސައްކަތް ކުރައްވާ ރާއްޖޭގެ ފުރަތަމަ އަންހެން ޕްރޮފެސަރަށެވެ.

މުނީޒާ ވަނީ އިސްލާމިކް ފައިނޭންސް ރާއްޖެއަށް ތަޢާރަފުކޮށް، އެ މަސައްކަތް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި ކާމިޔާބު ހޯއްދަވާފައެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ހެޑް އޮފް އިސްލާމިކް ފައިނޭންސްއާއި އިސްލާމިކް ފައިނޭންސް އެޑްވައިޒަރެއްގެ އިތުރުން ކެޕިޓަލް މާކެޓް ޝަރީއާ އެޑްވައިޒަރީގެ ޗެއާޕާސަންކަން އެކަމަނާ އަދާކުރެއްވިއެވެ.

އެޗްޑީއެފްސީގެ އަމްނާ އާއި އެޗްޑީސީގެ އިސްލާމިކް ޕްރޮޑަކްޓްގެ އިތުރުން ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށް އިސްލާމިކް ފައިނޭންސް ތައާރަފުކޮށް ދެއްވިއެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އުފެއްދެވުމުގެ އަމަލީގޮތުން މަސައްކަތް ކުރެއްވުމުގެ އިތުރުން، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ފުރަތަމަ ޗެއާޕަސަންއަކީ ވެސް މުނީޒާއެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އުފެއްދުމަށްޓަކައި ތައްޔާރުކުރެވުނު ފުރަތަމަ ސްޓްރެޓިޖިކް ޕްލޭން އެކުލަވާލެއްވީ ވެސް އެކަމަނާއެވެ. ރާއްޖެއަށް ސުކޫކު ތައާރަފުކޮށްދެއްވުމާއި ދިވެހި ސަރުކާރުން ބޭނުންކުރާ އިސްލާމިކް ޓްރެޒަރީ އިންސްޓްރޫމަންޓުތައް ވުޖޫދަށް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ވެސް މުނީޒާއެވެ.

މޯލްޑިވެސް ސެންޓާ ފޮ އިސްލާމިކް ފައިނޭންސް އުފެއްދެވިއިރު، ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ އިތުރުން ރާއްޖެއަށް ސުކޫކު ތައާރަފުކޮށް ދެއްވުމާއި ދިވެހި ސަރުކާރުން ބޭނުންކުރާ އިސްލާމިކް ޓްރެޒަރީ އިންސްޓްރޫމަންޓުތައް ވުޖޫދަށް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވިއެވެ.

މުނީޒާ ވަނީ، އިސްލާމިކް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގައި މިނިސްޓަރުގެ ނައިބުގެ މަޤާމްވެސް އަދާކުރައްވާފައެވެ.

މުނީޒާއަކީ އިސްލާމީ ފައިނޭންސް އިންޑަސްޓްރީގައި ނުފޫޒު ގަދަ ބޭފުޅެކެވެ. އިސްލާމީ ފައިނޭންސް އިންޑަސްޓްރީގެ އެންމެ ނުފޫޒު ގަދަ އަންހެން ބޭފުޅުންގެ ތެރޭގައި 14 ވަނަ އަށް އެންމެ ނުފޫޒު ގަދަ އަންހެން ބޭފުޅާގެ އެވޯޑް މާލީ ދިރާސާތައް ކުރާ އިނގިރޭސިވިލާތުގެ އިދާރާ، ކެމްބުރިޖް އައިއެފްއޭއިން ވަނީ މުނީޒާއަށް އަރުވާފައެވެ.

އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މުނީޒާ ހެއްދެވި ރިސާޗްތަކަށް ގޯލްޑު، ސިލްވަރ އަދި ބްރޮންޒު މެޑަލް އެކި ފަހަރު މަތިން ވަނީ ލިބިވަޑައިގެންނެވިއެވެ.

އިސްލާމިކް ފައިނޭންސިންގ އާ ބެހޭ ފަސް ފޮތެއް މުނީޒާ ވަނީ ނެރުއްވާފައެވެ. މިހާރުވެސް ގެންދަވަނީ އެކި ޖާނަލްތަކަށް  ލިޔުއްވަމުންނެވެ.

މުޖުތަމައަށް ފައިދާހުރި ހިދުމަތްތަކެއް ކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން "ވޯލްޑް ވިމަން ލީޑަޝިޕް ކޮންގްރެސް އެންޑް އެވޯޑު" މުނީޒާއަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި ދިވެހި އަންހެނުންގެ ކުރިއެރުވުމަށް ކުރައްވާ މަސައްކަތުގެ އަގުޒަންކޮށް ރެހެންދި އެވޯޑް ވެސް ވަނީ އެކަމަނާއަށް ލިބިވަޑައިގެންފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *