ކެންސަރަށް ފަރުވާ ހޯދަމުންދާ އަށް އަހަރުގެ ހަމަދަށް ހއ. އަތޮޅު މަދަރުސާއިން 98 ހާސް ރުފިޔާގެ އެހީއެއް

ހއ. އަތޮޅު މަދަރުސާގެ ގުރޭޑް 2 ގެ ދަރިވަރު މޫސާ ހަމަދު ހާމިދުގެ ބޭސްފަރުވައަށް، އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ފަންޑުރައިޒިންގ ޙަރަކާތްތަކުން 98،881.50 ރުފިޔާ އެ ސްކޫލުން ހޯދައިފިއެވެ.

އިންޑިޔާއިން ކެންސަރަށް މިހާރު ފަރުވާ ހޯދަމުންދާ ހަމަދަށް އެހީތެރިވާން އެ ސްކޫލުން ނިންމައި ފަންޑްރައިޒިންގ ޙަރަކާތް ކުރިއަށް ގެންދިޔައީ ހުސްވި ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުން 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހއ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ހުސައިން ނައީމް ދަރިވަރު ނޫހަށް ވިދާޅުވީ، އެ ސްކޫލްގެ ދަރިވަރަކަށް ސިއްޙީ ގޮތުން ބޮޑުކަމެއް ދިމާވި ޙާލަތުގައި އެހީތެރިވުމަކީ އެއީ އެ ސްކޫލުގެ ޒިންމާއެއް ކަމަށް ދެކޭ ކަމަށާއި، އެހީތެރިވުމުގެ ގޮތުން ޙަރަކާތްތަކެއް ހިންގީ މެނޭޖްމަންޓްގެ އިސްނެގުމުގެ މަތިން ކަމަށެވެ.

އެ ސްކޫލުން ކުރިއަށް ގެންދިޔަ އެ ޙަރަކާތުގައި މުދައްރިސުންނާއި ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ހެޔޮއެދޭ ފަރާތްތަކުން ބައިވެރިވިއެވެ.

" ގިނަ ބައެއްގެ މަސައްކަތުން މި ވަރުގެ އެހީތެރިކަމެއް އަޅުގަނޑުމެންނަށް ފޯރުކޮށް ދެވުނީ. އެ ހުރިހާ ފަރާތްތަކަށް ސްކޫލްގެ ނަމުގައި ޝުކުރު ދަންނަވަން" ހުސައިން ވިދާޅުވިއެވެ.

ޙަރަކާތްތަކުން ލިބުނު ފައިސާ މިހާރު ވަނީ ހަމަދުގެ އާއިލާއާ ހަވާލުކޮށްފައެވެ.

ހުސައިން ވިދާޅުވީ، ހަމަދުގެ ބަލި ސީރިއަސްވި ކަމަށާއި، ފަރުވާ ދޭން ފެށިފަހުން މިހާރު ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *