ސްކޫލްތައް ތަރައްޤީ ކުރުމަށް ކުރާ ކޮންމެ ކަމެއްގެ އަމާޒަކީ، ދަރިވަރުންގެ އުޅުމާއި ކެރުމާއި އިސްނެގުމާއި ކިޔެވުން

ސްކޫލްތއް ތަރައްޤީ ކުރުމަށް ކުރާ ކޮންމެ ކަމެއްގެ އަމާޒަކީ، ދަރިވަރުންގެ އުޅުމާއި ކެރުމާއި އިސްނެގުމާއި ކިޔެވުން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.
ރ. އަލިފުށި ސްކޫލުގެ މަލްޓިޕަރޕަސް ހޯލް ޢިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތަންފީޒުކުރަމުން މިދާ ތަޢުލީމީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ، ކޮންމެ ދަރިވަރަކީ، ކުރަންޖެހޭ ކޮންމެ ކަމެއް ކުރަން ކެރޭ، މުރާލި، އޯގާތެރި، އަޅާލުންތެރި ދަރިވަރުންތަކަކަށް ހެއްދެވުމެވެ. މިފަދަ ދަރިވަރުންނަކީ، އައު ކަންކަން ދަސްކުރުމަށް ޝައުޤު ހުންނަ، މުޅި ޢުމުރުގައި އައުކަންކަން ކިޔެވުމަށް ޝައުޤު ހުންނަ ކުދީން ކަމަށާއި ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ދަރިވަރަކީ ފަސްމީރު ކުރި ރުކަކަށް ހެދުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

" މި ފަދަ ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި، ރަސްމީ ގޮތުން އިމްތިޙާނުތަކުން ކިޔަވައިދޭ ތަކެތީގެ އިތުރަށް، އެތައް އައު ކަންތައްތަކެއް ދަސްކުރަން ޖެހޭ. އައު ހުނަރުތަކެއް ހޯދަން ޖެހޭ. އޭގެ ތެރޭގައި އެކި މީހުންނާ އެކީ މުޢާމަލާތް ކުރާނޭ ގޮތާއި، އެކި ޙާލަތްތަކުގައި އުޅުން ބަހައްޓާނޭ ގޮތާއި، ފުރިހަމަ ޞިއްޙަތެއްގައި ހުންނާނޭ ގޮތް އެނގެންޖެހޭ" މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.
" ރަށުގެ އެހެން މީހުން ބޭނުން ދެތިން އަތު މަސައްކަތަކާއި ހުނަރެއް ވެސް ދަރިވަރުންނަށް އެނގެން ޖެހޭ. ފަސްމީރު ކުރިރުކެކޭ މިދަންނަވަނީ، މިފަދަ ހުރިހާ ކަމެއް ލިބިގެންވާ ކުދީންނަށް"
މިނިސްޓަރު ވިދާޅުވީ، ކޮންމެ ކުއްޖަކީ ފަސްމީރު ކުރިރުކެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް މިހާރު އޮތް އެންމެ ބޮޑު ދައްޗަކީ، ބައެއް މަދަރުސާތައް ދެ ދަންފަޅިއަށް ހިންގަންޖެހިފައި ވުމެވެ. އެހެންވެ ބައެއް މަދަރުސާތަކުގައި ރަސްމީ މުޤައްރަރުތަކުގައި ކިޔަވައިދޭ ތަކެތި ކިޔަވައިދިނުމަށް ފަހު، ހަށިގަނޑުގެ ތަރުބިއްޔަތާއި ސުލޫކުގެ އެހެނިހެން ހަރަކާތްތައް ހިންގާނޭ ޖާގައާއި އެފަދަ މާހައުލެއް ސްކޫލުގައި ނެތްކަމަށް އެކަމަނާ ވިދާޅުވިއެވެ.


މިނިސްޓަރު ވިދާޅުވީ، އެއް ދަންފަޅިއަށް ސްކޫލްތައް ބަދަލު ކުރެވުމުން، މެންދުރު ފަހުގައި ރަސްމީ މުޤައްރަރުތަކުގައިވާ ބައިތައް ކިޔަވައި ދިނުމަށް ފަހު، ދަރިވަރުންގެ އަޚްލާޤީ ބައިތައް އެކުދީންގެ ކިބައިގައި އަށަގެންނެވުމަށް ފުރުޞަތު ލިބޭނެ ކަމަށެވެ.
ސްކޫލްތައް އެއް ދަންފަޅިއަށް ހެދުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުމަށް، ހެދި އޮޑިޓަށް ބަލައި މިހާތަނަށް 1.6 ބިލިއަން ރުފިޔާ ބަޖެޓްކޮށް އިމާރާތްތައް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ތަޢުލީމީ ދާއިރާގައި ސްކޫލުތަކަށް އުމްރާނީ ތަރައްޤީ ގެނައުމަށް މުޅިއެކު 221 މަޝްރޫޢު ކުރިއަށްދާއިރު އޭގެ ތެރޭގައި ޖުމްލަ 1578 ކިލާސްރޫމާއި، 85 މަލްޓިޕާރޕަސްހޯލާއި 509 އެހެނިހެން އިމާރާތްތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ދެން މިނިސްޓަރު ވިދާޅުވެ ދެއްވީ، ރާއްޖޭގެ އެއް ދަންފަޅި ސްކޫލްތަކުގައި ކަން ހިނގާ ގޮތުގެ ކުޑަ ތަޞައްވުރެކެވެ.
އެކަމަނާ ވިދާޅުވި ގޮތުގައި، ފަތިސް ނަމާދަށްފަހު ފެނިވަޑައިގަންނަވާނީ ތަފާތު ކަސްރަތުތަކުގައި ދަރިވަރުން ބައިވެރިވާތަން ކަމަށާއި އެ ފަދަ ކަސްރަތުތަކުގައި އެކުދިންނާއެކީ ބެލެނިވެރިންނާއި ރަށުގެ އެހެނިހެން ފަރާތްތައްވެސް ބައިވެރިވާތަނެވެ. ކަސްރަތު ނިންމުމަށްފަހު ދަރިވަރުންނަށް ސްކޫލުން ފޯރުކޮށްދޭ ހެނދުނުގެ ނާސްތާއަށް އިންސާފުކޮށް ނިމިގެން ފެށޭނީ މުޤައްރަރުގައިވާ ބައިތައް ކިޔަވަން ފަށާތަނެވެ.
" ދެން ފެންނާނީ މެންދުރުފަހުގެ ވަގުތުތައް ކްލަބު ހަރަކާތްތަކާއި ހުނަރު ދަސްކުރުމުގެ ހަރަކާތްތަކުގައި ދަރިވަރުން ފޯރިއާ އެކު އުޅޭތަން. ރަށުގެ ސަގާފީ ކުޅިވަރުތައް އައު ޖީލަށް ދަސްކޮށްދިނުމުގައި، ރަށުގެ އިސް ރައްޔިތުން އުޅޭތަން" ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި މިނިސްޓަރު ވިދާޅުވިއެވެ.
" ވީވަރަކުން ގަސް ހެއްދުމުގައި، ޅެން ހެދުމުގައި، ދަރިވަރުން އުޅޭތަން ފެންނާނެ. މުނާޒަރާތަކާއި މުޝާޢިރާ ތަކުގައި ދަރިވަރުން އަވަދިނެތި އުޅޭ މަންޒަރު ފެންނާނެ. ކޮންމެ ކިލާހަކުން އަތުން ލިޔެގެން މަޖައްލާއެއް ނެރުމުގައި ދަރިވަރުން އުޅޭ ތަނާއި ކޮންސަޓްތަކާއި ތަމްސީލުތައް ބޭއްވުމަށް ދަރިވަރުން ފަރިތަކުރަމުންދާ މަންޒަރު. މާ ދުރުން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނީ މި ހިތްގައިމު މަންފާހުރި ޙަރަކާތްތަކުން، އަލިފުށީގެ މުސްތަޤްބަލް އަލިވެގެންދާ ތަން. ރަށަށް އައު ރޯޝަންކަމެއް އަންނަތަން. ތަހުޒީބުގެ އައުފަތިހަކަށް އަލިފުށި އަލިވިލޭ މަންޒަރު. ސްކޫލް ނިންމާ ކޮންމެ ދަރިވަރަކީ ފަސްމީރު ކުރިރުކަކަށް ވެފައިވާތަން"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *