ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމު ނިންމާލަން، އިސްދޫ ސްކޫލުން ދިޔައީ ފޮތް ކިޔާލަން ގޮނޑުދޮަށަށެވެ. " ބިޔޮންޑް 4 ވޯލްސް" ގެ ނަމުގައި އެރަށުގެ އަތިމަތީގައި، ގުދުރަތީ ހިތްގައިމު މާހައުލުގައި ކުރިއަށް ގެންދިޔަ އެ ޙަރަކާތުގައި ދަރިވަރުންނާއި އެ ސްކޫލްގެ ސްޓާފުންނާއި ބެލެނިވެރިން ވެސް ބައިވެރިވިއެވެ.
ސްކޫލުގެ ހަތަރު ފާރުގެ ތެރެއިން ބޭރުވެ، މޫދާކައިރީގައި ހަމަޖެހިލައިގެން ތިބިއިރު، ޖެހުމެންދިޔަ ހިތްގައިމު ފިނި ވައިރޯޅިއާއެކު ފޮތުގެ ތެރެއަށް ގެންލިފައި ތިބީ ދަރިވަރުން އެކަންޏެއް ނޫނެވެ. ބެލެނިވެރިންނާއި ޓީޗަރުންނަށް ވެސް އެއީ ތަފާތު އިހުސާސެއް ކުރުވަނިވި ވަގުތު ކޮޅެކެވެ.

އިސްދޫ ސްކޫލްގެ ޕްރިންސިޕަލް ޙައްވާ ނަޒީހާ ދަރިވަރު ނޫހަށް ވިދާޅުވީ، އިވެންޓެއް ގެންދިޔައީ ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިންނާއެކު ޚާއްޞަ ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ގޮތުންނެވެ.

" ވަރަށް ކާމިޔާބު ޙަރަކާތެއްގެ ގޮތުގައި އަޅުގަނޑުމެންނަށް، ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ލިބުނު ކޮމެންޓްތަކުން އެނގުނީ" ނަޒީހާ ވިދާޅުވިއެވެ.
" ފޮތް ކިޔަން ލިބުނު ވަގުތު މަދުކަމުގެ ޝަކުވާ ދަރިވަރުން ވެސް ބެލެނިވެރިން ވެސް ކުރި. އަދި އެފަދަ ޙަރަކާތްތަކެއް ގިނަގިނައިން ބޭއްވުމަށް ވެސް އެދިފައިވޭ"

235 ދަރިވަރުން ކިޔަވަމުންދާ އިސްދޫ ސްކޫލްގެ ފުރަތަމަ ޓާމުގެ އެންމެ ފަހުގެ ޙަރަކާތުގެ ތެރެއިން އެންމެންނަށް އެއްކޮށް ކުޅެވޭނެ ކަހަލަ ކުޅިވަރުތަކެއް ވެސް ކުރިއަށް ގެންދިޔައެވެ. ވާދެމުމާއި ފައިގެތަޅާ ކުޅުމާއި، އިޝާރާތުން ވާހަކަ ދެއްކުން ފަދަ ކުޅިވަރުތަކަށް ވެސް ކުދިންގެ ޝަޢުޤުވެރިކަން ބޮޑުވިއެވެ.

މި ޙަރަކާތް ނިންމާލުމުގެ ގޮތުން ހުރިހާ ކުދިންނަށް ދިނީ އައިސްކްރީމެވެ.
advertisment
ހިޔާލު