މ. އަތޮޅު މަދަރުސާގެ އާ އިމާރާތާއެކު އެއް ދަންފަޅީގެ ސްކޫލަކަށް ދެވަނަ ޓާމުން ފެށިގެން ބަދަލުވެގެންދާނެ އެ ސްކޫލުން ބުނެފިއެވެ.
އެއްބައިވަންތަ ކަމުގެ ދުވަސް މ. ކޮޅުފުށީގައި މިއަދު ފާހަގަކުރިއިރު، ދުވަހުގެ ޚާއްޞަ ޖަލްސާ ބޭއްވީ، އެ މަދަރުސާގެ އާ އިމާރާތުގެ މަޕްޓިޕާޕަސް ހޯލުގައެވެ.
މ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ހަސަން މާހިރު ދަރިވަރު ނޫހަށް ވިދާޅުވީ، އަށް ކުލާސްރޫމާއެކު އެ ސްކޫލަށް ހަމަނޭވާއެއް ލެވި، ހަމަޖެހިލައިގެން މިހާރު ކިޔަވައިދެވޭނެ އެކަމަށެވެ.
އޭނާ ވިދާޅުވީ، 200 އެއްހާ ދަރިވަރުން ކިޔަވަމުންދާ މަދަރުސާއަށް މީގެ ކުރިން އޮތް އެންމެ ބޮޑު ދައްޗަކީ ވެސް ޖާގައިގެ ދަތިކަމެވެ.

މިހާތަނަށް އެ މަދަރުސާގެ ދިހަ ކުލާސްރޫމުގައި ކިޔަވައި ދެމުންއައިއިރު، ހަތަރު ކުލާސް ރޫމަކީ ހޯލުގައި ކަހާލެވޭގޮތަށް ޕާޓިޝަން ޖަހައިގެން ބޭނުން ކުރަމުން އައި ކުލާސްރޫމްތަކެކެވެ. އެހެންވެ ހޯލުގައި ކިޔަވައިދޭން ޖެހުމުން އިތުރު ޙަރަކާތްތައް ކުރިއަށް ނުގެންދެވޭ ކަމަށް މާހިރު ވިދާޅުވިއެވެ.
" ހޯލުގައި ކުރިއަށް ގެންދަންޖެހޭ އެތައް ޙަރަކާތްތަކުން ދަރިވަރުން މަޙުރޫމް ވެގެން މިއޮތްހާ ދުވަހު އަޅުގަނޑުމެން ތިބީ އާ އިމާރާތާއެކު އެތައް ފުރުޞަތު ތަކެއް ދަރިވަރުންނަށް ލިބިގެންދާނެ" މާހިރު ވިދާޅުވިއެވެ.
މާހިރު ވިދާޅުވީ، އާ އިމާރާތުގެ ތިރީގައި ހަދާފައިވާ މަލްޓިޕާޕަސް ހޯލާއެކު، ޤައުމީ ކުޅިވަރު މުބާރާތްތަކުގައި ދަރިވަރުން ބައިވެރިކުރުމަށް ފުރުޞަތު ތަނަވަސްވީ ކަމަށެވެ.
މ. އަތޮޅު މަދަރުސާގެ އާ އިމާރާތުގެ މަސައްކަތް ކުރީ 14.1 މިލިއަން ރުފިޔާއަށް ސްވިފްޓް އިންޖިނިއަރިންގ އިންނެވެ.
advertisment
ހިޔާލު