ލިޓްލްމެއިޑުންގެ ސިކްސަރސް ކޭމްޕް ތިން ސަރަޙައްދެއްގައި

ލިޓްލްމެއިޑުންގެ ސިކްސަރސް ކޭމްޕް ތިން ސަރަޙައްދެއްގައި ފަށައިފިއެވެ.

500 ލިޓްލްމެއިޑުންނާއި ލީޑަރުން ބައިވެރިވި މި ކޭމްޕް ކުރިއަށް ގެންދަނީ މާލެއާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުފުށީ ސިޓީގައެވެ. މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް މި ކޭމްޕް ކުރިއަށް ގެންދާނެއެވެ.

ކުޅުދުއްފުށީގައި ކުރިއަށް ގެންދާ މި ކޭމްޕްގައި 46 ދަރިވަރުންނާއި 47 ލީޑަރުން ބައިވެރިވެއެވެ. އައްޑޫސިޓީގައި ކުރިއަށް ގެންދާ ކޭމްޕުގައި ނުވަ ސްކޫލަކުން 68 ދަރިވަރުންނާއި 48 ލީޑަރުން ބައިވެރިވެއެވެ. މާލޭގެ 31 ސްކޫލަކުން 311 ދަރިވަރުންނާއި 56 ލީޑަރަކާއި 20 އޮފިޝަލުން ބައިވެރިވެއެވެ.

މި ކޭމްޕްގެ މި އަހަރުގެ ތީމަކީ " ގާރލް ޕަވަރޑް ނިއުޓިރިޝަން" އެވެ. ގާރލް ޕަވަރޑް ނިއުޓްރިޝަންގެ މުޤައްރަރަކީ ދުނިޔޭގެ ގާރލްގައިޑް އެސޯސިއޭޝަނާއި ގާރލް ސްކައުޓް އެސޯސިއޭޝަނާއި ނިއުޓްރިޝަން އިންޓަރނޭޝަނަލްއާ ގުޅިގެން ތައްޔާރު ކޮށްފައިވާ މުޤައްރަރެއް ކަމަށް ރާއްޖޭގެ ގާރލްގައިޑް އެސޯސިއޭޝަނުން ބުނެއެވެ.

އެ އެސޯސިއޭޝަނުން ބުނި ގޮތުގައި، މި ކޭމްޕުގެ ތެރޭގައި ކެއުމުގައި ރަނގަޅު ކާނާ ބޭނުންކުރުމާއި ޙަރަކާތްތެރިވެ އުޅުމަށް ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށެވެ.

ގާރލްގައިޑް އެސޯސިއޭޝަނުން ބުނީ، މި ކޭމްޕްގައި ބައިވެރިވާ ހުރިހާ ދަރިވަރުން ވެސް "ސިކްސަރސް ޗެލެންޖު"ގައި ބައިވެރިވާނެ ކަމަށެވެ. އޭގެ ސަބަބުން ތަފާތު އެކި ހުނަރުތައް އަދި ދިރިއުޅުމުގެ ޢަމަލީ މައިދާނުގައި، އިސްނެގުމާއެކު މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ އާދަ އަށަގެންނެވުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.

ކޭމްޕްގެ ތީމާ ގުޅޭ ގޮތުން ތައްޔާރުކުރާ ސްޓޯލްތައް ދައްކާލުން އޮންނާނީ މިއަދުއެވެ. މި ސްޓޯލްތައް ހެދުމުގެ ބޭނުމަކީ ދަރިވަރުންނަށް ދަސްވި މައުލޫމާތު އެހެން ފަރާތްތަކަށް ފޯރުކޮށްދިނުމާއެކު، ކުރިއަށް އޮތް ތަނުގައި ވެސް ދަރިވަރުންގެ ޢުމުރާ ގުޅޭ ގޮތުން ހޭލުންތެރި ކުރުވުމުގެ ރޫޙެއް އެ ދަރިވަރުންގެ މެދުގައި އުފައްދައި އާލާކުރުން ކަމަށް ގާރލްގައިޑް އެސޯސިއޭޝަނުން ބުނެއެވެ. އަދި ހޭލުންތެރި ކުރުވުމުގެ ޚާއްޞަ ހިނގާލުމެއް ވެސް މާދަމާ ބާއްވަން ވަނީ ނިންމާފައެވެ.

މިނިސްޓަރ ‪ޑރ. ޢާއިޝަތު ޢަލީ ވަނީ، ކުޅުދުއްފުށީ ކޭމްޕްސައިޓަށް ޒިޔާރަތްކުރައްވައި ދަރިވަރުންނާ ބައްދަލުކުރައްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *