" އަޅުގަނޑުމެންނަށް ލިބުނީ ކުއްލި ޝޮކެއް" ފުޓްބޯޅަ ކުޅެނިކޮށް، ކަނދުރާ މައްޗަށް ގޯލެއް ވެއްޓި، މަރުވި ނުވަ އަހަރުގެ ޙަސަން ޔައީޝް މަރާ ގުޅޭ ގޮތުން އުލިގަމު ސްކޫލްގެ ޕްރިންސިޕަލް ސައުދުﷲ އިދުރީސް ވިދާޅުވިއެވެ.
ޔައީޝް މަރުވީ އިއްޔެ ހަވީރު އޭނާއާ އެއް ޢުމުރު ފުރައިގެ ކުދިންތަކަކާއެކު ފުޓްބޯޅަ ކުޅެނިކޮށް ފުޓްސެލް ގޯލް ޕޯސްޓެއް ކަނދުރާ މައްޗަށް ވެއްޓިގެންނެވެ. ގޯލް ވެއްޓި ބޮލާއި ކަނދުރާއަށް ސީރިއަސް އަނިޔާތަކެއް ލިބުނުއިރު، އަނގައިންނާއި ނޭފަތުން ބައިވަރު ލޭ ފޭބި ކަމަށް، މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.
ޔައީޝްއާއެކު ކުޅެން އުޅުނު ކުދިންގެ ތެރޭގައި އޭނާގެ އާއިލީ ކުދިންތަކެއް ވެސް ހިމެނެއެވެ.
ސައުދުﷲ ވިދާޅުވީ، ފުޑްސަލް ދަނޑުގެ މަރާމާތުގެ މަސައްކަތް ކުރަމުންދާތީ، ގޯލް ހުރީ ދަނޑުގެ އެއް ފަރާތެއްގައި ބަހައްޓާފައި ކަމަށެވެ. ފަސް މަޑު އެ ސަރަޙައްދުގައި ކުޅެން އާންމުކޮށް ކުދިން ގޮސް އުޅޭ ކަމަށް ވެސް ސަޢުދުﷲ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ސްކޫލުން ބޭއްވި ކުޅިވަރު ޙަރަކާތް ވެސް ބޭއްވީ އެތަނުގައި ކަމަށެވެ.
" ސްޕޯޓްސް ފެސްޓިވަލްގައި ވެސް އެކްޓިވްކޮށް ފާހަގަކޮށްލެވޭ ދަރިވަރެއް އެއީ" ސަޢުދުﷲ ވިދާޅުވިއެވެ.
ހިތާމަވެރި އެ ހާދިސާގައި ޔައީޝް މަރުވުމާ ގުޅިގެން، އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އެ އާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ. އެ މިނިސްޓްރީން ނެރުނު ތަޢުޒިޔާގެ މެސެޖުގައި ބުނެފައި ވަނީ، އުލިގަމު ސްކޫލްގެ ގުރޭޑް 4 ގައި ކިޔަވަމުން ދިޔަ ދަރިވަރު ނިޔާވުމާ ގުޅިގެން އެ ދަރިވަރުގެ ލޮބުވެތި އާއިލާއަށް އެ މިނިސްޓްރީގެ އެންމެހައި މުވައްޒަފުންގެ ނަމުގައި އިޚްލާސްތެރި ތަޢުޒިޔާ ދަންނަވާކަމަށެވެ.
advertisment
ހިޔާލު