ދެ ކިޑްނީ ފެއިލްވި އިޤްބާލް ސަރއަށް، ބާރަށު ސްކޫލުން 21،000 ރުފިޔާގެ އެހީއެއް

ބާރަށު ސްކޫލަށް 24 އަހަރު ޚިދުމަތް ކުރައްވާފައިވާ އަޙުމަދު އިޤާބާލް (އިޤްބާލް ސަރ) ގެ ދެ ކިޑްނީ ފެއިލްވެ، ކިޑްނީއެއް ލައްވަން އެރަށު ސްކޫލްގެ ސްޓާފުންނާއި ދަރިވަރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެ ސްކޫލްގެ މުއަށްޒަފުން 13،700 ރުފިޔާ، ސްކޫލްގެ ދަރިވަރުން 7،336 ރުފިޔާއާއި 49 ޑޮލަރު ވަނީ އިޤްބާލް ސަރއަށް ހަދިޔާކޮށްފައެވެ.

ބާރަށު ސްކޫލްގެ އެޑިމިނިސްޓްރޭޓަރު، މުޙައްމަދު ސާއިދު ވިދާޅުވީ، އިޤްބާލް ސަރގެ ދެ ކިޑްނީ ފެއިލްވުމުން، ކިޑްނީއެއް ލައްވަން އެހީ ބޭނުންވާތީ، ރަށު ކައުންސިލުގައި އެ އާއިލާއިން އެދުނީ، ހުރިހާ މުއައްސަސާއެއް ގުޅިގެން މަސައްކަތް ދުވަހެއް ފާހަގަކޮށް ދިނުމަށެވެ. ރަށުގެ ހުރިހާ މުއައްސަސާއެއް ގުޅިގެން މަސައްކަތު ދުވަހެއް ފާހަގަކުރަން ނިންމާފައި ވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.

" އަޅުގަނޑުމެން ބޭނުންވީ ސްކޫލް ބަންދު ވުމުގެ ކުރިން ސްޓާފުންނާއި ދަރިވަރުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށް ދޭން. މުއައްޒަފުންގެ ފަރާތުން ވެދިން އެހީއަކީ ހުރިހާ މުވައްޒަފުންގެ ފަރާތުން އެއްކުރި ފައިސާ. ދަރިވަރުންގެ ފަރާތުން ލިބުނު އެހީއަކީ ފޯމް ދިން ދުވަހު، ފަންޑު ފޮއްޓެއް ބަހައްޓައިގެން ދަރިވަރުން ހޯދި ފައިސާ" ސާއިދު ވިދާޅުވިއެވެ.

އާއިލާއާ ހަވާލާދީ، ސާއިދު ވިދާޅުވީ އެމްޕީއެލްގައި މިހާރު މަސައްކަތް ކުރައްވާ އިޤްބާލް ސަރއަށް ކިޑްނީއެއް ލައްވަން، ޑޯނާއެއް މިހާރު ވަނީ ހަމަޖެހިފައެވެ.

ސާއިދު ވިދާޅުވީ،  1991 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް އިޤްބާލް ސަރ، އެ ސްކޫލުގައި މަސައްކަތް ކުރެއްވި ކަމަށާއި، ޓީޗަރުކަމާއި ލީޑިން ޓީޗަރެއްގެ އިތުރުން ސްކޫލް ހިންގުމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ކަމަށެވެ.

" އިޤްބާލް ސަރ ވަނީ ގިނަ ޚިދުމަތްތަކެއް މި ސްކޫލަށް ކުރައްވާފައި. ކިޔަވައި ދެއްވި ދަރިވަރުން މިއަދު މި ސްކޫލުގައި މަސައްކަތް އެބަކުރައްވާ" ސާއިދު ވިދާޅުވިއެވެ.

ބާރަށު ސްކޫލްގައި 260 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *