އަހަރަކު އެއްފަހަރު ލ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ފެސްޓިވަލް "ލާމާފަރު ފެސްޓިވަލް" ނިންމާލީ ހޯމަ ދުވަހުއެވެ. ތިން ދުވަހަށް ދެމިގެން ދިޔަ މި ފެސްޓިވަލުގައި އެ އަތޮޅު އަށް ރަށެއްގެ ނުވަ ސްކޫލުން ބައިވެރިވިއެވެ. މި ފެސްޓިވަލުގެ މި އަހަރުގެ ތީމަކީ " އެކު އެކީގައި ރައްކާތެރި ކެރަމާ" އެވެ.
ސިކްސްސެންސަސް ލާމުން އިންތިޒާމްކުރާ މި ފެސްޓިވަލަކީ ލ. އަތޮޅު ހިމެނޭހެން ކަނޑާއި ފަރާއި ކަނޑުފަޅުގައިވާ ދިރުންތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކުރުމަށް މުޖްތަމަޢުގެ އެންމެހާ ފަރުދުން ހޭލުންތެރި ކުރުވުމަށް ކުރިއަށް ގެންދާ ޙަރަކާތެކެވެ.

މި ފެސްޓިވަލް ކުރިއަށް ގެންދަނީ ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ސްކޫލުން އެކިއެކި މުއައްސަސާތަކާ ގުޅިގެންނެވެ. ފެސްޓިވަލް ރާވާލާފައި އޮތީ ލ. އަތޮޅުގެ ފަރުތަކާއި ދިރުންތަކާއި މުޅި އެކޯސިސްޓަމާ ގުޅޭ ގޮތުން ގިނަ މައުލޫމާތު ތަކެއް ދަރިވަރުންނަށް ވެސް ލިބިދޭ ގޮތަށެވެ.
ސިކްސްސެންސަސް ރިޒޯޓްގެ، ސަސްޓެއިނަބިލިޓީ އެންޑް ކޮމިއުނިޓީ އައުޓާރީޗް މެނޭޖަރ އާދަމް ތޮލްހަތު( އެޑަމް) ދަރިވަރު ނޫހަށް ވިދާޅުވީ، މި ފެސްޓިވަލުގައި މި ފަހަރު 2000 ގެ ދަރިވަރުން އަމަލީ ގޮތުން ބައިވެރިވި ކަމަށާއި، ސްކޫލްތަކާއި މުއައްސަސާތަކާއި ޖަމާއަތްތަކުން ބޮޑު އިސްކަމެއް، އެ ފެސްޓިވަލަށް ދެމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ، އެންމެ އުފާވަނީ މި ފެސްޓިވަލަށް ސްކޫލްތަކުން ދުރާލާ ތައްޔާރުވަމުން ދާތީއެވެ.

" ހުރިހާ ސްކޫލްތަކުން ދުރާލަ ތައްޔާރުވެ، އީދެއްގެ ގޮތުގައި ގިނަ މައުލޫމާތު ތަކެއް އެންމެންނަށް ލިބޭ ގޮތަށް އިންތިޒާމް ކުރުމަކީ އެއީ އަޅުގަނޑުމެންގެ މި މަސައްކަތަށް ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް" އެޑަމް ވިދާޅުވިއެވެ.

މާމެންދޫ ސްކޫލްގެ ޕްރިންސިޕަލް އަސްލަމް މުޚްތާރު ދަރިވަރު ނޫހަށް ވިދާޅުވީ، ފެސްޓިވަލުގެ ހަރަކާތްތައް އެ ސްކޫލުން ފެށީ، ހުރިހާ ދަރިވަރުންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ. އެ ފެސްޓިވަލުގައި، ކަރުދަސް ބޭނުން ކޮށްގެން ތައްޔާރު ކުރި ކުރެހުމުގެ މުބާރާތަކާއި، ބަހުސް ކުރުމާއި، ގޮނޑޮދޮށާއި ފަރު ސާފުކުރުން ފަދަ ހަރަކާތްތައް ގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްދޫ ސްކޫލްގެ ޕްރިންސިޕަކް ހައްވާ ނަޒީހާ ވިދާޅުވީ، ލާމާފަރު ފެސްޓިވަލަކީ އެ ސްކޫލްގެ ދަރިވަރުން އިންތިޒާރު ކުރާ ފެސްޓިވަލެއް ކަމަށާއި، އެރަށުގައި އެ ފެސްޓިވަލުގެ ޙަރަކާތްތައް ކުރިއަށް ގެންދިޔައީ ހުރިހާ މުއައްސަސާތައް ގުޅިގެންނެވެ.
" ރަށަށް ވެސް އަންނަ ޢީދެއް މިއީ" ނަޒީހާ ވިދާޅުވިއެވެ.

މިފަހަރު އެ ސްކޫލުން ތައްޔާރު ކުރި، މޫދުގެ ދިރުންތައް ދައްކުވައިދޭ ޕެރޭޑަކީ ގިނަ ދަރިވަރުންގެ ޝަޢުޤުވެރިކަން އިތުރުވި މުޙިންމު ޙަރަކާތެކެވެ. ޕޯސްޓަރު ކުރެހުމާއި ތިމާވެއްޓާއި ގުޅުން ހުރި ގޭމްތައް ވެސް އެ ފެސްޓިވަލުގެ ތެރެއިން ކުރިއަށް ގެންދިޔައެވެ.

ނަޒީހާ ވިދާޅުވީ، ފެސްޓިވަލުގެ ޙަރަކާތްތައް ރަށުގައި ފެންވަރުގައި ގެންދާތާ ދެ އަހަރުވީ ކަމަށާއި، ގިނަ ބަޔަކަށް ބައިވެރިވެވެނީ ރަށުފެންވަރުގައި އެ ފެސްޓިލް ބޭއްވޭތީއެވެ.
" ކުރިން ފެސްޓިވަލް ބާއްވަމުން އައީ ވަކި ރަށެއްގައި ހުރިހާ ސްކޫލަކުން ވެސް ބައިވެރިވާ ގޮތަށް. އެގޮތަށް ބޭއްވީމާ ބައިވެރިވާ ދަރުވަރުން މަދުވޭ، ރަށު ފެންވަރުގައި ބާއްވާތީ ރަށުގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުން ލިބޭ" ނަޒީހާ ވިދާޅުވިއެވެ.

ލާމާފަރު ފެސްޓިވަލުގައި ހުރިހާ ސްކޫލަކުން ވެސް ގިނަ ޙަރަކާތްތަކެއް ހިންގިއެވެ. ބައެއް ޙަރަކާތްތަކަކީ ދަރިވަރުންނަށް ވާދަކުރެވޭ ގޮތަށް ކުރިއަށް ގެންދިޔަ މުބާރާތްތަކެވެ. އުކާލާ ތަކެތިން އުފައްދާފައިވާ ތަކެތީގެ މައުރަޒާއި، ތިމާވެއްޓާ ގުޅުން ހުރި މަޢުޟޫތަކަށް ކުރިއަށް ގެންދިޔަ ބަހުސްތަކާއި ވާހަކަ ދެއްކުމާއި ފަންނުވެރި އެތައް ހުށަހެޅުންތަކެއް މި ފެސްޓިވަލުގެ ތެރެއިން ފެނިގެން ދިޔައެވެ.
ލާމާފަރު ފެސްޓިވަލުގައި މިފަހަރު، ލ. އޭއީސީ، އިހައްދޫ ސްކޫލް، ޙަމަދު ސްކޫލް، މުކުރިމަގު ސްކޫލް، ދަނބިދޫ ސްކޫލް، މާމެންދޫ، އިސްދޫކަލައިދޫ، އިސްދޫ ސްކޫލުން ބައިވެރިވިއެވެ.
advertisment
ހިޔާލު