ޙަމަދު ސްކޫލްގެ އާލިފަށް އެހީވާން ކުލާސްކުދިން ފެށި ޙަރަކާތުން 193،000 ރުފިޔާ

ކެންސަރަށް ފަރުވާ ހޯދަމުންދާ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ގުރޭޑް 9 ބީގެ ދަރިވަރު މުހައްމަދު ޢާލިފް އަހުމަދަށް އެހީވާން އޭނާގެ ކުލާސް ކުދިން ފެށި "ދީލަތި ހިތަކުން..އާލިފް އާއިއެކު.." މަސައްކަތް ބޮޑު ކާމިޔާބީއާއެކު ނިންމާލައިފިއެވެ.

އާލިފްގެ ކުލާސް ކުދިންގެ އިސްނެގުމާއެކު ފެށި ފަންޑްރައިޒިން ޙަރަކާތް މި މަހުގެ އަށް ވަނަ ދުވަހު ނިންމާލިއިރު، 192،898.99 ރުފިޔާ އާއި 43 ޔޫއެސް ޑޮލަރު އެ ދަރިވަރުން ވަނީ ހޯދާފައެވެ. މި އެހީ އާލިފުގެ އާއިލާއާ ހަވާލުކޮށްދިނީ ގްރޭޑް 9ބީގެ ދަރިވަރުންނެވެ. އާއިލާގެ ފަރާތުން އެހީއާ ހަވާލުވީ އާލިފު ގެ ކާފަ ޢުމަރު އާދަމެވެ.

މި މަސައްކަތް އެ ދަރިވަރުން ފެށީ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ޙަމަދު ސްކޫލްގައި ބޭއްވި ޚާއްޞަ އެސަމްބްލީއަކުންނެވެ.

އާލިފް ދަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އިންޑިޔާގައި ގްރޭޑް ލީފޯމާ ބައްޔަށް ފަރުވާ ހޯދަމުންނެވެ.

އާލިފަށް އެހީ ހޯދުމުގެ ޙަރަކާތުގައި އިސްކޮށް އުޅޭ ދަރިވަރުން  ބުނީ، އިންޑީޔާގައި ފަރުވާ ހޯދަމުން ދިޔަ ނަމަވެސް، އެ ހުރިހާ ކުދިން ތިބީ އޭނާއާ އެކުގައި ކަމަށާއި، އެހީތެރިވުމުގެ ޙަރަކާތެއް ފެށީވެސް ޢަމަލީ ގޮތުން އެކަން ދެއްކުމުގެ ގޮތުންނެވެ. އެ ކުލާހުގައި 23 ކުދިން ކިޔަވަމުން ގެންދެއެވެ.

އާލިފަށް އެހީވުމަށް ކުލާސްކުދިން ފެށި މަސައްކަތުގައި، ލ. އަތޮޅު ތަޢުލީމީމަރުކަޒާއި ޏ. އަތޮޅު ތަޢުލީމީމަރުކަޒާއި، ކުޅުދުއްފުށީ އަފީފުއްދީން ސްކޫލާއި ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލާއި ލ. މާވަށު ސްކޫލާއި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ ސްކޫލުގެ ދަރިވަރުން ބައިވެރިވެ ނަމޫނާ ދެއްކިއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *