ހއ. ހޯރަފުށީގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އެރަށު ކައުންސިލުން އިއުލާނު ކޮށްފިއެވެ.
އިންޓަރނޭޝަނަލް ސްކޫލެއް ހިންގަން، 11،406 އަކަފޫޓްގެ ބިމުގައި އެމްޓީސީސީއާއި އެ ކައުންސިލުން ޚަރަދުކޮށްގެން ހަދަމުން ގެންދާ ސްކޫލް އިމާރާތް ކުއްޔަކާ ނުލައި ދޭން ނިންމާފައިވާ ކަމަށެވެ.
ހޯރަފުށީ ކައުންސިލުން ބުނި، އިންޓަރނޭޝަނަލް ސްކޫލެއް ހިންގުމުގެ މަޤްޞަދަކީ ޕްރީ ސްކޫލުގެ މަރުޙަލާއިން ފެށިގެން ކީ ސްޓޭޖު 5 އާ ދެމެދު، ޒަމާނީ ވަޞީލަތްތަކާއެކު ދުނިޔޭގެ ކުރިއަރާފައިވާ އެޑިޔުކޭޝަން ސިސްޓަމްތަކާ އެއް ފެންވަރެއްގައި ފެންވަރު ރަނގަޅު ޒަމާނީ ތައުލީމު ހޯރަފުށީގައި ތިބެގެން އުނގެނުމުގެ ފުރުޞަތު ހޯދައިދިނުމެވެ. އަދި ޕްރީ ސްކޫލް މަރުޙަލާގައި އެ ޢުމުރު ފުރައިގެ ކުދިންނަށް ބޭނުންވާނެ ތަޢުލީމާއި ހުނަރު ލިއްބައިދޭނޭ ފުރުޞަތު ފަހިކޮށްދޭނޭ މަގު ޤާއިމް ކުރުމެވެ.
ހޯރަފުށީ ކައުންސިލުން ބުނީ، އިންޓަރނޭޝަނަލް ސްކޫލެއް ހިންގާއިރު، ތިން ކުލާސްރޫމާއި، ޕްރިންސިޕަލް ރޫމަކާއި، ސްޓާފްރޫމެއްގެ އިތުރުން ރިސެޕްޝަން އޭރިއާއެއް އެ ފަރާތުން ހަދަން ޖެހޭނެ ކަމަށެވެ. ދަރިވަރުންގެ ކިޔެވުމަށް ބޭނުންކުރާ ގޮޑިއާއި މޭޒުގެ އިތުރުން ދަރިވަރުން ކުޅޭ ޕްލޭގްރައުންޑްގައި ބޭނުން ކުރާނެ މައިގަނޑު ތަކެތި ހަރުކޮށްދިން ނަމަވެސް މުވައްޒަފުންނަށް ބޭނުންވާ ފަރުނީޗަރާއި އެހެނިހެން ވަޞީލަތްތައް ހޯދާނީ ސްކޫލް އިންގަން ހަވާލުވާ ފަރާތުންނެވެ.
ހޯރަފުށީ ކައުންސިލުން ބުނީ، ސްކޫލް ހިންގަން ދޫކުރާނީ މަދުވެގެން 5 އަހަރު ދުވަހަށް، ގިނަވެގެން 15 އަހަރުގެ މުއްދަކަށެވެ. ސްކޫލް ހިންގާ ފަރާތުން އިންޓަރނޭޝަނަލް ސްޓޭންޑަޑަށ ފެތޭ ސިލަބަހަކަށް ބޭބީ ނާސަރީ އަދި ނާސަރީ ލެވެލްއަށް ތަޢުލީމް ފޯރުކޮށް ދޭންޖެހެއެވެ. ނާސަރީގެ އިތުރުން އެލްކޭޖީ ކޫކޭޖީ އާއި ކީ ސްޓޭޖް އެކަކުން ފަހަކަށް ކިޔަވައިދޭން ބޭނުންވާ ނަމަ އެކަން ހުށަހަޅާ ޕްރޮޕޯސަލްގައި ބަޔާން ކުރަންވާނެ ކަމަށް ހޯރަފުށީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ސްކޫލް ހިންގާއިރު ކުލާސްތަކުގައި ތިބޭނެ ކުދިންގެ އަދަދުވެސް ވަނީ ކަނޑައަޅާފައެވެ. ހޯރަފުށީ ކައުންސިލުން ބުނީ، ސްކޫލް ހިންގާއިރު، ބޭބީ ނާސަރީ ކުލާހުގައި ގިނަވެގެން ތިބެންޖެހެނީ ގިނަ ވެގެންނ15 ކުދިން ކަމަށެވެ. ނާސަރީ ކުލާހުގައި އެލްކޭޖީ ކުލާހުހުގެ އިތުރުން ޔޫކޭޖީ ކުލާހުގައި ވެސް ތިބޭނީ ވިހޮ ކުދިން ކަމަށެވެ.
ޝަޢުޤުވެރިވާ ފަރާތްތަކުން މި މަހުގެ 27ގެ ކުރިން ބީލަމުގައި ރަޖިސްޓްރީކޮށް، އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު މެންދުރު 13:00 އަށް ބީލަން ހުށަހަޅަން ވާނެ ކަމަށް ހޯރަފުށީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
advertisment
ހިޔާލު