ފެނަކައިން ހޯދައިދެނީ، ޏ. އޭއީސީގައި ފެންބޮޑުވުމަށް ޙައްލެއް

ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރޭގައި ފެންބޮޑުވާތީ، އެކަން ޙައްލު ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ. މިއީ އެ މަރުކަޒަށް 40 އަހަރުވިއިރު، ޙައްލު ނުވެ އޮތް ބޮޑު މައްސަލައެކެވެ.

" ފާއިތުވި ދުވަސްތަކުގައި މަސައްކަތް ކުރެއްވި ވިހި ޕްރިންސިޕަލުން އެންމެ ބޮޑު ތަކުލީފެއް އުފުއްލެވީ، ފުވައްމުލަކަކީ ދިއިރުޅޭ ބިމުގެ ބޮޑުބައެއް ޗަސްބިން އޮންނަ ރަށަކަށްވެފައި، ފެނުގެ މައްސަލަ ބޮޑު ރަށަކަށްވެފައި، ސްކޫލްގެ ގޯތިތެރޭގައި ފެނުގެ މައްސަލަ ޙައްލުނުވެ ދާ ދިއުން. ސްކޫލްގެ އުމުރުން ސާޅީސް އަހަރު ވިއިރުވެސް ޙައްލު ނުވެ އޮތީ" ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އިސްމާއިލް ސަޢުދުﷲ ވިދާޅުވިއެވެ.

" ވަރަށް ގިނަ ބޭފުޅުންގެ ކައިރީގައި އާދޭހާއެކު އެކި ގޮތްގޮތުން މި މައްސަލައަށް ޙައްލެއް ހޯދިނުމަށް ވަރަށް ގިނަ މަސައްކަތް ތަކެއް ކުރެވިއްޖެ"

ސައުދުﷲ ވިދާޅުވީ، އެ މަރުކަޒުގެ ގޯތިތެރޭގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައި ދެއްވުމަށް އެ ސްކޫލަށް އެހީތެރިކަން ފޯރުކޮށް ދެއްވީ ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ސަޢީދު ކަމަށެވެ.

" ސަޢީދަށް މި މައުލޫމާތު ލިބިވަޑައިގެންނެވީމާ ދެންނެވީ މިއީ ދޫކޮށްލެވޭނެ ކަމެއް ނޫނޭ"

ސައުދުﷲ ވިދާޅުވީ، މިއަދު ފެށި މަސައްކަތާއެކު ޑިސެމްބަރު މަސް ނިމުމުގެ ކުރިން ފެން ބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެވޭނެ ކަމަށެވެ.

އެނާ ވިދާޅުވީ، ފެންބޮޑުވުމުގެ ސަބަބުން ކުލާސްރޫމްތަކަށް ފެންވަދެ ތަކެއްޗަށް ގެއްލުންލިބި، ދަރިވަރުންނަށް އަނިޔާ ވެސް ވެފައިވާ ކަމަށެވެ.

ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 350 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *