މި އަހަރު އަލަށް ބޭއްވި "އަރުތަ ކޭމްޕް"ގެ ކާމިޔާބީއާއެކު އަހަރަކު އެއްފަހަރު ބާއްވަން އެ ސްކޫލުން ނިންމައިފިއެވެ.
އެ ސްކޫލުގެ ޕްރިންސިޕަލް އަލީ މަމްދޫހު ދަރިވަރު ނޫހަށް ވިދާޅުވީ، ކޮންމެ އަހަރަކު ވެސް ކޭމްޕް ބާއްވާނެ ކަމަށާއި، ކޭމްޕްގައި ބައިވެރިވާނެ ސްކޫލްތައް ކަނޑައަޅާނީ ހުށަހަޅާ ހުށަހެޅުން ތަކަށް ބެލުމަށްފަހުއެވެ.

" ފޯމެއް މެދުވެރިކޮށް ހުށަހަޅަން އަޅުގަނޑުމެން ހުޅުވާލާނީ" އޭގެ ތަފްޞީލެއް ޕްރިންސިޕަލް ނުދެއްވައެވެ.
އަރުތަ ކޭމްޕަކީ ގުރޭޑް ދިހައެއްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން، އޯލެވްއަށް ތައްޔާރު ވުމަށާއި ދަރިވަރުންގެ ހުނަރު ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ ކޭމްޕެކެވެ.
މިމަހު 6ން 16އަށް ކުރިއަށް ގެންދިޔަ ކޭމްޕްގައި ބައިވެރިވީ އިމާދުއްދީނުގެ އިތުރުން، ވ. ކެޔޮދޫ ސްކޫލާއި ތ. މަޑިފުށީ ސްކޫލާއި ވ. އަތޮޅު ތަޢުލީމީ މަރުކަޒާއި ށ. އަތޮޅު އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ.
މި ފަހަރުގެ ކޭމްޕް ބޮޑު ތަޖުރިބާއެއް
" އަޅުގަނޑުމެން ރޭވި ގޮތަށް ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވުނީ. މިއީ އަޅިގަނޑުމެންނަށް ވެސް ލިބުނު ވަރަށް ބޮޑު ތަޖުރިބާއެއް" ގިނަ ސްކޫލްތަކެއް ބައިވެރިވި ކޮށްގެން މާލޭގައި ސްކޫލަކުން ކުރިއަށް ގެންދިޔަ އެންމެ ބޮޑު ކޭމްޕާ ގުޅޭ ގޮތުން އިމާދުއްދީން ސްކޫލްގެ ލީޑިން ޓީޗަރު، މަރިޔަމް އަޒުމާ ވިދާޅުވިއެވެ.
އަތޮޅުތެރޭގެ ސްކޫލްތަކަށް މީގެ ކުރިން ވެސް އިމާދުއްދީނުން ދިޔައީ އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެހީތެރިކަމަށް އެދި ހުށަހެޅި ސްކޫލްތައް އިތުރުވުމުން އެ ސްކޫލުން މިފަހަރު ކުރިއަށް ގެންދިޔައީ ގިނަ ސްކޫލްތައް ބައިވެރި ކޮށްގެންނެވެ.

ވ. ކެޔޮދޫ ސްކޫލުން ބުނީ، "އަރުތަ" ކޭމްޕުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، އެ ސްކޫލްގެ ގްރޭޑް 10 ގެ ދަރިވަރުންނަށް ކުރިއެރުމާއި އުޖާލާކަމާއި އިމްތިހާނަށް ތައްޔާރުވުމަށާއި އުނގެނުމުގެ ތަޖުރިބާތަކެއް ލިބުނު ކަމަށެވެ.
"ގެސްޓް ލެކްޗަރ ސެޝަންތަކާއި ކުޅިވަރު އިވެންޓާއި އެކުވެރި މާހައުލުގެ ސަބަބުން ދަރިވަރުންގެ އަމިއްލަ ނަފްސަށް އޮތް އިތުބާރު އަދި ހެޔޮ ވިސްނުމަށް ހިތްވަރު ލިބިގެންދިޔަ" ކެޔޮދޫ ސްކޫލުން އެ ސްކޫލްގެ ފޭސްބުކު ޕޭޖުގައި ލިޔެފައިވެއެވެ.
ވ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީޗަރު އަހުމަދު އަލީ ވިދާޅުވީ، އަރުތަ ކޭމްޕަކީ ވަރަށް މުހިންމު ކޭމްޕެއް ކަމަށާއި، އެ ކޭމްޕުން ދަރިވަރުންނަށް ކުރިން ނޭނގޭ އެތައް އެއްޗެއް ދަސްވި ކަމަށެވެ.
" ވަކިވަކި މާއްދާތަކާއި، އަދި މޯޓިވޭޝަނަލް ސްޕީޗް ތަކަށް ބެލިޔަސް، ދަރިވަރުންނަށް ލިބުނީ އަގުހުރި އެތައް ފިލާވަޅެއް" އަހުމަދު އަލީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ސްކޫލަށް ލިބޭ މިފަދަ ކޮންމެ ފުރުޞަތެއްގެ ބޭނުން ހިފަން ތައްޔާރު ކަމަށެވެ.

" ދަރިވަރުންގެ އުނގެނުމަށް ލިބޭ މިފަދަ ކޮންމެ ފުރުޞަތެއްގެ ބޭނުން އަޅުގަނޑުމެން ހިފާނަން"
އަރުތަ ކޭމްޕް ކުރިއަށް ގެންދިޔައީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ ވަކިވަކި މާއްދާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ބަޔަކާއި މޯޓިވޭޝަނަލް ސްޕީޗްތަކަށް އަމާޒުކޮށްގެން ގެންދިޔަ ލެކްޗަރސްތަކުގެ ބައެވެ.
އިމާދުއްދީނުން ބުނީ، ކޭމްޕުގެ ސަބަބުން އެއްކުއްޖަކު އަނެއްކުއްޖަކު ދަސްކުރަން ވެސް ރަނގަޅު ފުރުޞަތެއް ލިބިގެން ދިޔަ ކަމަށެވެ.
advertisment
ހިޔާލު