އެޑިޔުކޭޝަން މިނިސްޓަރު ހަނދާންކޮށްދެއްވީ، އެންމެ ހިނިތުންވުމަކާއި ބުނެވޭ އެންމެ ބަހަކުން ވެސް، އަނެކާގެ ދިރިއުޅުން ބަދަލުވެދާނެކަން

އެންމެ ހިނިތުންވުމަކާއި ބުނެވޭ އެންމެ ބަހަކުން ވެސް، އަނެކާގެ ދިރިއުޅުން ބަދަލުވެދާނެކަން ހަނދާން ކުރަންޖެހޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް 40 އަހަރު ފުރުން ފާހާގަ ކުރުމުގެ ގޮތުން އެ މަރުކަޒުގައި މިރޭ ބެއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޙަޔާތުން މިސާލު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އަބަދުވެސް އެނެކާއަށް އަޅާލައި، ނޭނގި ނަމަވެސް ހިތް ހެޔޮކަމާއެކު ވާހަކަ ދައްކާލުމުން ނުވަތަ ހެޔޮ ކަމެއް ކޮށްދިނުމުން އެ ޢަމަލުގެ ސަބަބުން އޭނާގެ މުޅި ޙަޔާތް ބަދަލުވެގެންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މަދަރުސާއެއްގައި ދެވޭ ތަޢުލީމާއި ދަސްކޮށްދޭ ހުނަރުގެ އިތުރުން ދަރިވަރުން ކިބައިގައި ރިވެތި ސިފަތަކެއް ވެސް އަށަގަންނުވާ ކަމަށާއި، އޭގެ ތެރެއިން ކޮންމެ ދަރިވަރެއްގެ ގައިގައިވެސް ހުންނަން ޖެހޭނެ ސިފަތަކަކީ އެކަކު އަނެކަކަށް އަޅާލުމާއި އަނެކާއަށް ހެޔޮވުން ކަމަށެވެ.

މިނިސްޓަރު ޑރ. އައިޝަތު އަލީ އެކަމަނާގެ ވިސްނުމަށް ބޮޑު ބަދަލެއް ގެނައި ހާދިސާއަކަށް އިޝާރާތް ކުރައްވައި ވިދާޅުވީ، މީގެ ހަތް އަހަރު ކުރިން، ޕީއެޗްޑީ ހަދަމުންދިޔަ ދުވަސްވަރު، ސުޕަވައިޒަރާ ބައްދަލުކުރައްވަން އޮސްޓްރޭލިއާއަށް ވަޑައިގެންނެވި ކަމަށެވެ. އެ ދަތުރުގެ ތެރެއިން ރަހްމަތްތެރިންނާއެކު ނަގާފައިވާ ފޮޓޯތަކެއް ފޭސްބުކްގައި ހިއްސާކުރެއްވި ކަމަށެވެ. އޭގެ އެއްދުވަސްފަހުން އެފްބީއިން މެސެޖެއް ލިބިވަޑައިގެންނެވި ކަމަށާއި، އެ މެސެޖު ފޮނުވީ އޭނާއާއެކު 2007 ވަނަ އަހަރު އޮސްޓްރޭލިޔާގެ ކޯލްސް ސުޕަރމާރކެޓްގައި މަސައްކަތް ކުރި އެލިސް ކިޔާ ކުއްޖެއް ކަމަށެވެ. އޭރު އެނާގެ ޢުމުރަކީ ސޯޅަ އަހަރު ކަމަށެވެ. އެ މެސެޖުގައި އޭނާ އެދުނީ ބައްދަލު ކުރެއްވުމަށެވެ.

މިނިސްޓަރު ވިދާޅުވީ، މާސްޓަރސްއަށް ކިޔަވަމުން ދިޔަ ދުވަސްވަރު، އިތުރު ޢާމްދަނީއެއް ހެދުމުގެ ގޮތުން ސުޕަމާރކެޓެއްގައި މަސައްކަތް ކުރެއްވިއިރު، އެ ސްޕަމާކެޓްގައި ޕާޓް ޓައިމްކޮށް މަސައްކަތް ކުރަމުން ގެންދިޔަ ދަރިވަރުންގެ ސްޕްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ އެކަމަނާ ކަމަށެވެ.

" އެލިސް އަޅުގަނޑާ ބައްދަލުކޮށް ދެއްކި ވާހަކައިން އަޅުގަނޑުގެ ވިސްނުމަށް ވަރަށް ބޮޑު ބަދަލެއް އައި. އޭނާ ބުނީ އޭނާގެ މުޅި ހަޔާތް ބަދަލުކޮށްލުމުގައި އަޅުގަނޑުގެ ދައުރު ވަރަށް ބޮޑު ވާހަކަ. މިވާހަކައަކީ އަޅުގަނޑަށް ހައިރާންކަމެއް ގެނުވި ވާހަކައެއް. އެއީ އެލިސްއާ މާ ގިނަ މުއާމަލާތްތަކެއް ކުރެވުނު ހަނދާނެއް އަޅުގަނޑުނުވާތީ. އަޅުގަނޑު އޭނާ ދަންނަނީ ހަމައެކަނި އެތަނަށް މަސައްކަތްކުރަން އަންނަ ކުއްޖެއްގެ ގޮތުގައި" މިނިސްޓަރު ވިދާޅުވިއެވެ.
އެލިސް އެ ދުވަހު ބުނީ، އެއްދުވަހެއްގައި އެލިސް މަސައްކަތަށް އައީ ގޭތެރެއިންނާއި ސްކޫލުން އޭނާއާ ދިމާވާ ކަންތައްތަކާ ހެދި ވަރަށް ބޮޑަށް މާޔޫސްވެގެން ކަމަށް މިނިސްޓަރު ވިދާޅިވިއެވެ. އޭނާގެ ވިސްނުން އޭރު ހުރީ ސްކޫލުން ވަކިވެ ގެއިން ފިލައިގެންގޮސް މަގުމަތީގައި ދިރިއުޅެން ކަމަށާއި، އެ ދުވަހު ވަޒީފާއަށް ނުކުތީވެސް ކޮންމެވެސް ވަރަކަށް މަސްތުވާތަކެތި ބޭނުންކޮށްގެން ކަމަށެވެ. އެ ދުވަހު އެކަމަނާ ފެނުމުން، އޭނާހުރީ އޭނާގެ ވާހަކަ މެނޭޖްމަންޓަށް ރިޕޯރޓް ކޮށްފާނެތީ ވަރަށް ބިރުންކަމަށް ވެސް އެލިސް ބުނި ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ
" އަޅުގަނޑު އޭނާއާ ދޭތެރޭ ޢަމަލުކުރި ގޮތުންނާއި އަޅުގަނޑު އޭނާއާ ދެއްކި ވާހަކައިން އޭނާގެ ވިސްނުން ބަދަލުވެ ކާމިޔާބު މީހަކަށްވުމަށް މަސައްކަތްކުރަން ފެށީކަމުގައި ބުނި. އަދި ކާމިޔާބު ކަމާއެކު ސްކޫލު ނިންމާ ބޭންކެއްގެ ރަނގަޅު ވަޒީފާއަކާ ގުޅުނު ކަމުގައި ބުނި. އަދި އަޅުގަނޑާ އޭނާ ފަހުން ބައްދަލުވި އިރު އޭނާވަނީ އަމިއްލައަށް ގެއެއް ގަނެ އުފާވެރި ދިރިއުޅުމެއް އުޅެން ފަށާފައި. އަދި އޭނާގެ ހަޔާތް ބަދަލުކުރުމަށް މެދުވެރިއަކަށްވީތީ އަޅުގަނޑަށް ޝުކުރު ވެސް އަދާކުރި. އަޅުގަނޑަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އެބުނާ ދުވަހެއް އަޅުގަނޑުގެ ހަނދާނުގައި ވެސް ނެތުމުން" މި ވާހަކަ ޙިއްސާކުރެވުމަށްފަހު މިނިސްޓަރު ހުރިހާ ދަރިވަރުންނާއި އެންމެހައި ބޭފުޅުންގެ އަރިހުން އެދިވަޑައިގަތީ އަބަދު ވެސް އެނެކާއަށް ހެޔޮކޮށް ހިތައި، އަޅާލުމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *