އަލް މަދަރަސަތުލް އަރަބިއްޔަތުން އިސްލާމިއްޔާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަވަސް އަވަހަށް ޕްރިންސިޕަލުން ބަދަލުވުން ކަމަށް އެ ސްކޫލާ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެމިއަދުގައި ވާހަކަ ދައްވަމުން ސައީދު ވިދާޅުވީ، އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ކަމުގެ މަޤާމާ އޭނާ ހަވާލުވި ފަހުން އަރަބިއްޔާގައި ހަ ޕްރިންސިޕަލަކު މަސައްކަތް ކުރައްވައިފި ކަމަށެވެ.
" އެންމެ ބޮޑު މައްސަލައަކީ އަވަސް އަވަހަށް ޕްރިންސިޕަލުން ބަދަލުވުން" ވަރަށް ކުރުކޮށް ހުސައިން ސައީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޕްރިންސިޕަލް ބަދަލުވަނީ، ބެލެނިވެރިންގެ ތެރެއިން މަދުބަޔަކު ހިތްހަމަނުޖެހިގެން ރައީސް އޮފީހަށާއި އެޑިޔުކޭޝަން މިނިސްޓްރީއަށް ޕެޓިޝަން ހުށަހަޅައިގެން ކަމަށެވެ.
"އަރަބިއްޔާ ރަނގަޅު ކުރަން ކިތަންމެ ބޭނުން ވިޔަސް ހުންގާނުގައި ހުންނަ ބޭފުޅަކީ އިރުއިރުކޮޅާ ބަދަލުވާ ބޭފުޅަކަށް ވެއްޖިއްޔާ އެތަނަކަށް ބޭނުންވާ ކުރިއެރުމާއި ހަމަޖެހުމެއް ނާންނާނެ" މީގެ ފަސް އަހަރު ކުރިން ވެސް އަރަބިއްޔާ ހިންގުމުގައި މަސައްކަތް ކުރެއްވި ހުސައިން ވިދާޅުވިއެވެ.
ހުސައިން ވިދާޅުވީ، ޕްރިންސިޕަލަކަށް، ސްކޫލެއް ދަސްކުރަން އަހަރެއްހާ ދުވަސް ބޭނުންވާނެ ކަމަށާއި ސަރުކާރުން ޚަރަދުކޮށްގެން ސްކޫލްތައް ހިންގާއިރު، ސްކޫލްގެ ތެރޭގައި ބެލެނިވެރިންގެ ދައުރެއް އަދާކުރަން ވެއްޖެނަމަ އެތަނެއް އޮންނާނީ ހަމަނުޖެހުމެއްގެ ތެރޭގައި ކަމަށެވެ.
" މިއަދު އަރަބިއްޔާއާ އަޅުގަނޑު ހަވާލުވީމާ، އަރަބިއްޔާގެ ބެލެނިވެރިން އައިސް ބުނަންވީ. މިތާގެ ކިޔެވުމުގެ ފެންވަރު ރަނގަޅު ކޮށްދޭށޭ. އަރަބި ބަހުގެ ފެންވަރު ރަނގަޅު ކޮށްދޭށޭ. އަދި މިތަނުން ކިޔަވައިދޭ ސައިންސްގެ މާއްދާތައް ހަރުދަނާ ކޮށްދޭށޭ. އިސްލާމީ ތަރުބިއްޔަތާއި ހަދީސާއި ފިޤުހަށް ކުދިން މޮޅުކޮށް ދޭށޭ" ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު ޕްރިންސިޕަލް ރޭ ވިދާޅުވިއެވެ.
" މި ނޫންތޯ އަޅުގަނޑުމެން ބެލެނިވެރިންގެ ފަރާތުން ބޭނުންވާ ކަމަކީ. މި ނޫން އެހެން ކަމަކަށް ބެލެނިވެރިން އަޅުގަނޑުގެ ކައިރިން އެދޭ ކަމަށް ވާނަމަ އަޅުގަނޑު ދަންނަވާނީ އެ އެދޭ އެދުމަކުން ކުދިންނަކަށް މަންފާއެއް ނުކުރާނެއޭ"
ހުސައިން ވިދާޅުވީ، އަށް ސަތޭކާ ދަރިވަރުން މިއަދު އަރަބިއްޔާ ސްކޫލްގައި ކިޔަވަމުން ދާއިރު، ހާހެންހާ ކުދިން އެ ސްކޫލަށް ވަންނަން ކިއުގައި ނެތުމަކީ އެއީ އެ ސްކޫލުގެ މެޖޭންމަންޓްގެ މައްސަލައެއް ކަމަށެވެ.
" އަރަބިއްޔާ ވަރުގަދަ ކުރުމާ ނުކުރުން އޮންނަނީ މެނޭޖްމަންޓްގެ އަތްމަތީގައި. އެތެރޭގައި ހުރި މައްސަލަތައް ހައްލު ނުކުރެވި އެހާ ހިސާބަށް ގޮސްފައި ވަނީ"
އޭނާ ވިދާޅުވީ، އަރަބިއްޔާ ސްކޫލާ ހަވާލުވިއިރު، ސްކޫލް ހިންގާނެ އެތެރޭގެ ޕޮލިސީ ތަކެއް ކަނޑައަޅައި، ލިޔެކިޔުމުން ފެންނަން ނެތް ކަމަށެވެ. އެހެންވެ އެކްޝަން ޕްލޭންތަކެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
ޕީޓީއޭއާއި ބެލެނިވެރިންގެ ކިބައިން ސައީދު އެދިވަޑައިގަތީ، ޕީޓީއޭގެ ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކޮށް ދިނުމަށެވެ.
" ސްކޫލުން ބޭރުގައި ބައްދަލުވުންތައް ބާއްވާ، ޓްވިޓަރއާއި ފޭސްބުކު، ވަޓްސްއެޕްގައި މެސެޖް ލިޔުމުގެ ބަދަލުގައި، އެނބުރިވަޑައިގެން ޕީޓީއޭގެ ދައުރު އަދާކުރާށޭ، އޭރުން އަރަބިއްޔާއަށް އަންނާނީ ކުރިއެރުން"
ހުސައިން ވިދާޅުވީ، ރާއްޖޭގެ އެއްވަނަ ސްކޫލަށް އަރަބިއްޔާ ނުހެދެންވީ ސަބަބެއް ނެތް ކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، އެ ސްކޫލުން ކިޔަވާ ދަރިވަރުންނަށް ސްކޮލަރޝިޕް ލިބުމުގެ ފަހި ފުރުޞަތަށެވެ.
" ރާއްޖޭގެ ކޮންސްކޫލަކަށް ތޯ ޔަގީންކަން ދެވެނީ 12 ނިންމީމާ ސްކްލަރޝިޕް ލިބޭނެ ކަމުގެ. އެކަމަކު އަރަބިއްޔާ ނިންމާ ކޮންމެ ދަރިވަރަކަށް ފުރުޞަތު ލިބޭ، އަރަބި ނޫނީ އިސްލާމީ ޤައުމަކަށް ގޮސް ކިޔެވުމުގެ"
advertisment
ހިޔާލު