މާލެ އަތޮޅު ދިއްފުށީ ހޭޅިފަށް ހިމާޔަތް ކުރަން، އެ ރަށު ސްކޫލްގެ ކޮންމެ ދަރިވަރަކަށް ގަހެއް އިންދުމުގެ ފުރުޞަތުދީ، 300 ގަސް ސްކޫލުގެ ކުރިމަތީގައިވާ ހޭޅިފަށް ސަރަހައްދުގައި އިންދައިފިއެވެ.
ދިއްފުށީ ސްކޫލްގެ އެލްކޭޖީން ފެށިގެން ގުރޭޑް 10 ގައި ކިޔަވަމުންދާ 280 ދަރިވަރުން، 300 ގަސް އިންދީ، ދިވެހިރާއްޖޭގެ ފަޅުތަކާއި ހޭޅިފަށް ހިމާޔާތްކުރުމަށް "ސޭވް ޕްލެނެޓް އަރތް" އާއެކު އާކްއިން ފެށި ޚާއްޞަ ޕްރޮގްރާމެއްގެ ތެރެއިންނެވެ. ގޮނޑު ދޮށުގައި އިންދާފައި ވަނީ ހޭޅިފަށުގައި އާންމުކޮށް ހެދޭ ގަސްތަކުގެ ތެރެއިން ކުރެދި، މަގޫ، ކާނި، ހިރުނދު، ބޯށި އަދި ދިވެހިރުކެވެ. މި މަސައްކަތުގައި ތިމާވެށީ ހިމާޔަތްކުރުމަށް ވަކާލާތުކުރާ މޫދު ބުޅާ ޑައިވް ސެންޓަރ، އަލޯހާ އުފާ، ބީޗް ކަލްބް، ކްލަބް ކާފު، އެސްޑީއެމް ފާރމިންގް އަދި ދިއްފުށީ ކައުންސިލްގެ އިދާރާއިން ބައިވެރިވި ކަމަށް އާކްއިން ބުނެއެވެ.

އާކުން ބުނީ، ހޭޅިފަށުގައި ގިނަ އަދަދަކަށް މިފަދަ ގަސްތަކާއި ރުއް އިންދުމުގެ ސަބަބުން، ގަދަ ވައިންނާއި އުދައެރުންފަދަ ގުދުރަތީ ކާރިސާތަކުން ރަށް ގިރާ ސަރަހައްދު ހިމާޔަތްކޮށްދޭގޮތުގެ މައުލޫމާތު ކުދިންނަށް ފޯރުކޮށްދިނުމުގެ އިތުރުން، ހޭޅިފަށުގައި ހެދޭ ގަސްތަކުގެ އޮށްތަކާއި އޮޔާ ލައްގާ މޫދު ވިނަ ފަދަ ގުދުރަތީ ތަކެތި ހޭޅިފަށުގައި ބެހެއްޓުމުގެ މުހިންމުކަންވެސް ކުދިންނާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

ތިމާވެއްޓަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް މައްސަލަކަމުގައިވާ ޕްލާސްޓިކް ޕޮލިއުޝަންއާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް (މައިކްރޯ ޕްލާސްޓިކް) އަދި 'ނަރޑަލް ހަންޓް' ގެ ހަރަކާތެއް ކުރިއަށް ގެންގޮސް، 5mm އަށްވުރެ ކުދިކޮށް ހިމުންވެފައިވާ ޕްލާސްޓިކް، ގޮނޑުދޮށުން ހޮވަން ދަރިވަރުންނަށް ވަނީ ދަސްކޮށްދީފައެވެ.

ތިން ދުވަހަށް ކުރިއަށް ދިޔަ މި ހަރަކާތްތަކުގައި ގްރޭޑް 6-10ގެ ދަރިވަރުންނަށް އަމާޒުކޮށްގެން 'އޯޝަން އެވެއާނަސް' ޕްރޮގްރާމެއްވެސް ހިންގާފައިވެއެވެ. މި ޕްރޮގަރާމުގައި ފަރުތަކާއި ފަޅުތައް ހިމާޔަތްކުރުމުގެ މުހިންމުކަމުގެ މައުލޫމާތު ކުދިންނާ ހިއްސާކޮށް، ފަރުތައް ބަލާލުމަށާއި ފީނުމާއި ސްނޯކަލްކުރުމުގެ އިތުރުން، ކަމަށް ޝައުގުވެރިވާ ކުދިން 'ޑިސްކަވަރ ޑައިވް' ޕްރޮގްރާމް މެދުވެރިކޮށް ޑައިވިންގއަށް ތައާރަފްކުރުމަށް ހާއްސަ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ކުދިންގެ މެދުގައި މޫދަށް އިތުރަށް ލޯބި ޖެއްސުމުގެ މަގްސަދުގައި، މިދާއިރާގައި މަސައްކަތްކުރުމަށް ދިވެހިރާއްޖޭގައި ހުންނަ ގިނަ ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކޮށް، 'ސްޓޭންޑް އަޕް ޕެޑަލް' ބޯޑިންގް އަދި ސެއިލިންގ ފަދަ ތަފާތު މޫދު ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ކުދިންނަށް ފަހިކޮށްދިން ކަމަށް އާކުން ބުންޏެވެ.
advertisment
ހިޔާލު