ޅ. ކުރެންދޫގައި ހުންނަ އެ އަތޮޅު މަދަރުސާގެ ދަރިވަރުންގެ 95 އިންސައްތަ ދަރިވަރުން ފަތަން ދަސްކޮށްފިއެވެ.
ފާއިތުވި ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހު ފެށި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމާލީ މިމަހު ހަތް ވަނަ ދުވަހުއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އެ އަތޮޅު ކައުންސިލާއި ރަށު ކައުންސިލުގެ އިތުރުން ސްވިމިން އެސޯސިއޭޝަނާއި ޅ. އަތޮޅު ޕޮލިސް ސްޓޭޝަން ގުޅިގެންނެވެ. ފަތަން ދަސްކޮށްދިނުމުގައި އަމަލީ ގޮތުން މަސައްކަތް ކުރެއްވީ، ގިނަ ދަރިވަރުންތަކަށް ފަތަން ދަސްކޮށްދެމުން ގެންދާ ނައުފަލް މޫސާއެވެ.
ޅ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް މުޙައްމަދު ނިޒާމް ދަރިވަރު ނޫހަށް ވިދާޅުވީ، އެ ސްކޫލުން އުއްމީދު ކުރި ވަރުގެ ނަތީޖާއެއް އެ ޕްރޮގްރާމުން ނެރެވިއްޖެ ކަމަށާއި، ގުރޭޑް 1ން 10އަށް، 95 އިންސައްތަ ކުދިންނަށް ފަތަން ދަސްކޮށް ދެވުމަކީ އެއީ އެ ސްކޫލުން ހާޞިލް ކުރި ބޮޑު ކާމިޔާބެއް ކަމަށެވެ.
އޭނާ ވިދާޅުވީ، 300 އެންހާ އާބާދީ އޮތް އެ ސްކޫލުގައި، މިހާރު ފަތަން ނޭނގޭ ކުދިންގެ އަދަދު ނިސްބަތުން މަދު ކަމަށާއި، އޭގެ ތެރޭގައި ބޮޑެތި ކުދިންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.
" މަދު ކުއްޖަކު ފިޔަވައި އެހެން ހުރިހާ ކުދިންނަށް ފަތަން ދަސްކޮށްދެވިއްޖެ. ފަތަން ދަސްކުރި ކުދިންގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރަކު ހިމެނުމަކީ ވެސް ބޮޑު ކާމިޔާބީއެއް" ނިޒާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދެން ތިބި ދަރިވަރުންނަށް ވެސް ފަތަން ދަސްކޮށް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ނިޒާމް ވިދާޅުވީ، އެ ޕްރޮގްރާމް ކާމިޔާބު ވުމުގައި ބެލެނިވެރިންނާއި މުއައްސަސާތަކުގެ އެއްބާރުލުން މުހިންމު ދައުރެއް އަދާކުރި ކަމަށެވެ.
" ބެލެނިވެރިންގެ ތެރޭގައި ވެސް އާދަޔާޚިލާފު ރޫހެއް އޮތީ. ފަތަން ދަސްކޮށްދެއްވުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ނައުފަލުގެ ފަރާތުން ފެނުނީ އަދަޔާ ޚިލާފު ހިތްވަރެއް" ނިޒާމް ވިދާޅުވިއެވެ.
advertisment
ހިޔާލު