10 ޕްލަސްގެ ދަރިވަރުންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދައި ދިނުމަށް 5000 ރުފިޔާގެ އެލަވަންސަކާއެކު ތޮއްޑޫ ކައުންސިލުގައި މަސައްކަތް ކުރުމުގެ ފުރުޞަތު އެރަށު ކައުންސިލުން ހަމަޖައްސައިފިއެވެ.
10 ޕްލަސްގެ ދަރިވަރުންނަކީ އޯލެވެލް ނިންމައި، އޭލެވެލްއަށް ނުދެވޭ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ތޮއްޑޫ ކައުންސިލުން ވަނީ އެރަށު ސްކޫލާއެކު އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައެވެ. އަދި މި ޕްރޮގްރާމުގެ ފުރަތަމަ ބުރުން ތިން ދަރިވަރަކަށް ފުރުޞަތު ދީ އެ ދަރިވަރުންނާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިވެސް ކޮށްފައެވެ.
ތޮއްޑޫ ކައުންސިލުގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ، އޯލެވެލް ނިންމައި، އޭލެވެލްއަށް ނުދެވޭ ކުދިން ވަޒީފާގެ މައިދާނަށް ނެރުމަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ވަރަށް މުހިންމު ކަމަށާއި، މިހާރު އެ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދަނީ ފިހާރައެއްގައި މަސައްކަތް ކުރުން ފަދަ ވަޒީފާ އަދާކޮށްގެން ކަމަށެވެ.
" އަޅުގަނޑުމެންނަށް ވިސްނުނީ، އެއަށްވުރެ ރަނގަޅަށް އެކުދިންގެ ބޭނުން ހިފޭނެއޭ ކައުންސިލުގެ ތެރެއިން ވަގުތީ ވަޒީފާއެއް ހަމަޖައްސައިދީގެން" އޭނާ ވިދާޅުވިއެވެ.
" އަޅުގަނޑުމެން މި ދެނީ އެފަދަ ދަރިވަރުންނަށް ހަ މަސްދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން މަހަކު 5000ރުފިޔާ. އެ ހަމަސް ދުވަހުގެ ތެރޭގައި އެކަށީގެންވާ މާހައުލަކަށް ދަރިވަރުން ހާނުވާލެވޭނެ"
ކަރަމް ވިދާޅުވީ، އެ ކައުންސިލުގެ އިސްނެންގުމަކީ ފެށުމެއް ކަމަށާއި، މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދާ ދަރިވަރުނަށް ސެޓްފިކެޓެއް ދިނުމާ ގުޅޭ ގޮތުން އެޑިޔުކޭޝަން މިނިސޓްރީއާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
" 10 ޕްލަސްއަކީ އެޑިޔުކޭޝަން މިނިސްޓްރީން އިސްކަމެއް ދީގެން ސްކޫލްތަކުން ކުރިއަށް ގެންދާ ޕްރޮގްރާމެއް. އަމަލީ ތަޖުރިބާ ހޯދާ ދަރިވަރުންނަށް ސެޓްފިކެޓެއް ދެވޭނަމަ އެއީ ކުރިމަގުގައި ވަޒީފާއެއް ހޯދަން ފަސޭހަ ވެގެންދޭނެ ކަމެއް" ކަރަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ތިން ކުދިންނާއެކު އެ ޕްރޮގްރާމް ފަށައިގަތް ނަމަވެސް ކުރިއަށް އޮތް ތަނުގައި ދަރިވަރުންގެ އަދަދު އިތުރު ކުރާނެ ކަމަށެވެ.
" ފުރުޞަތު ދިނުމުގައި ދަރިވަރުން ހޮވާނީ ތޮއްޑޫ ސްކޫލުން. އަމަލީ މައިދާނަށް އަޅުގަނޑުމެން ނެރޭނީ އެބޭފުޅުން {ތޮއްޑޫ ސްކޫލުން} ކަނޑައަޅާ ދަރިވަރުން" ކަރަމް ވިދާޅުވިއެވެ.
ތޮއްޑޫގައި މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންނަށް ވެސް އެ ރަށު ކައުންސިލުން އަންނަނީ ޕޮކެޓްމަނީއެއް ދެމުންނެވެ.
advertisment
ހިޔާލު